ދިވެހިރާއްޖެ، ޓޯކިޔޯ އޮލިމްޕިކްސް 2020 ގައި

ޖުލައި 27، 2021 . އަންގާރަ

އޮލިމްޕިކް ގޭމްސަކީ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. އޮލިމްޕިކްސް ޗެމްޕިއަނަކަށް ވުމަކީ، ކޮންމެ އެތުލީޓެއްގެވެސް އަމާޒެކެވެ. އޮލިމްޕިކްސްގައި ޤައުމު ތަމްސީލުކުރުމަކީ ކޮންމެ އެތުލީޓެއްގެވެސް ހުވަފެނެކެވެ. ރޮޖަރ ފެޑެރަރ، އިލުއިޑް ކިޕްޗޯގޭ، މެސީފަދަ ކުޅުންތެރިންވެސް، އޮލިމްޕިކްސްގައި ޤައުމު ތަމްސީލުކޮށް، އޮލިމްޕިއަންގެ ލަޤަބު (އޮލިމްޕިކްސްގައި ބައިވެރިވާ މީހުންނަށް ކިޔާ ނަމެއް) ހޯދާފައިވެއެވެ. ދުނިޔޭގެ ފެންވަރުގައި ވާދަނުކުރެވޭ އެތުލީޓުންނަށް، އޮލިމްޕިކްސްގައި ބައިވެރިވެލުމަކީވެސް، ޝަރަފެކެވެ.

އޮލިމްޕިކްސްއަކީ ހުރިހާ ޤައުމަކަށްވެސް ފުރުޞަތުދޭ މުބާރާތެކެވެ. ކޮންމެ ޤައުމަކަށްވެސް އޮލިމްޕިކްސްގައި ތަމްސީލުކުރަން ޖާގަ ލިބެނީ ވަކި ޢަދަދަކަށެވެ. އެހެންކަމުން، އެޖާގައަށް ވާދަކުރާ ގިނަ އެތުލީޓުން ތިބޭނަމަ، އޮލިމްޕިކް ޓްރަޔަލެއް ބާއްވައެވެ. މިސާލަކަށް، އިތިޔޯޕިއާއަކީ ދިގު ދުވުންތަކަށް ޚާއްޞަ، ގިނަ، މޮޅު އެތުލީޓުން ތިބި ޤައުމެކެވެ. އެޤައުމުގެ 10،000 މީޓަރު ދުވުމުގެ އޮލިމްޕިކް ޓްރަޔަލުގައި ވާދަކުރި ދުވުންތެރިންގެ ތެރެއިން 10 ދުވުންތެރިން، އެމެރިކާގެ ޓީމު ހޮވަން ބޭއްވި ޓްރަޔަލުގެ އެއްވަނައަށް ދިޔަ ދުވުންތެރިޔާއަށްވުރެ ބާރަށް ދުވެފައިވެއެވެ.  މާނައަކީ، އިތިއޯޕިއާއިން އޮލިމްޕިކްސް ޓީމަށް ނާރާ ކެޓި 7 ދުވުންތެރިން، އެމެރިކާގެ ޓްރަޔަލުގައި ދުވި ނަމަ، އެމެރިކާ ތަމްސީލުކުރަން ދެވުނީހެވެ. އިތިޔޯޕިއާއިން އެއްވަނައަށް ދިޔަ ދުވުންތެރިޔާއާއި އެމެރިކާގެ އެއްވަނަ ދުވުންތެރިޔާއާ ދެމެދު 1 މިނިޓު 4 ސިކުންތުގެ ތަފާތެއް އެބައޮތެވެ. އެވަރުން، ދުވާ ޓްރެކުގައި ބުރެއް ކަޓާނެއެވެ.

މިސަބަބަށްޓަކައި، ބަހުރޭން، ޤަޠަރު ކަހަލަ ޤައުމުތަކުން، އިތިޔޯޕިއާކަހަލަ ޤައުމުތަކުގެ ދުވުންތެރިންނަށް ރައްޔިތުކަންދީ، އޮލިމްޕިކްސްއިން މެޑަލް ހޯދުމަށް މަސައްކަތްކޮށް، އެކަން ކާމިޔާބު ކޮށްފައިވެސްވެއެވެ.

ދިވެހިރާއްޖެއަކީ، ކޮލިފައިވެގެން ދެވޭ ފެންވަރުގެ އެތުލީޓުން މިވަގުތު ތިބި ޤައުމެއް ނޫނެވެ. ރާއްޖެއަށް ލިބެނީ އެތުލިޓްކްސްއަށް ދޭ ޖާގައަކާއި ސްވިމިންގއިން ދޭ ޖާގައެކެވެ. މިއީ، ކޮލިފައިވުމުގެ ޤާބިލުކަން ނެތް ޤައުމުތަކަށް ދޭ ފުރުޞަތެކެވެ. މިނިޒާމު ފަހަކަށް އައިސް ކޮންމެވެސް ވަރަކަށް ބަދަލުވެ، ބެޑްމިންޓަނުންވެސް ރާއްޖެއަށް ފުރުޞަތު އެބަ ލިބެއެވެ. މިއީ، ބަދަލުކުރަންޖެހޭ، އަދި ބަދަލުކުރެވިދާނެ ކަމެއްކަމަށް އަޅުގަނޑަށް ފެނެއެވެ.

ރާއްޖެއިން މިހާތަނަށް މިއަހަރުގެ މުބާރާތުގައި ފެތީ 100 މީޓަރު ބްރެސްޓް ސްރޯކް އިވެންޓުގައި ރާއްޖޭގެ އާމިނަތު ސާޖިނާ، 25 ޖުލައި 2021 ދުވަހުއެވެ. އޭނާގެ ވަގުތަކީ 1:33:59 (އެއް މިނިޓު ތެއްތިރީސް ޕޮއިންޓް ފަހެއް ނުވައެއް ސިކުންތު) އެވެ. މިއީ، މިމުބާރާތުގައި ވާދަކުރި ހުރިހާ ފެތުންތެރިންގެ ތެރެއިން އެންމެ ދަށް ނަތީޖާއެވެ.

އާމިނަތު ސާޖިނާގެ ނަތީޖާއަކީ ތަޖުރިބާއެކެވެ. ސުވާލަކީ އެތަޖުރިބާއިން ދަސްކުރަނީ ކޮން ކަމެއްތޯއެވެ. އާމިނަތު ސާޖިނާއާ ޖެހިގެން، މިއިވެންޓުގައި އެންމެ ދަށް ނަތީޖާއެއް ނެރުނީ ޔަމަނުގެ ފެތުންތެރިޔާ ނޫރާން ބާ-މަޢުރޫފެވެ. އެއީ 1:27:79 (އެއް މިނިޓު ހަތާވީސް ޕޮއިންޓް ހަތެއް ނުވައެއް ސިކުންތު) އިންނެވެ. ސާޖިނާއަށްވުރެ 5 ސިކުންތު ބާރެވެ. ސާޖިނާގެ އިސްކޮޅުގައި ހުރީ 5 ފޫޓު ދެ އިންޗިއެވެ. ނޫރާން ބާ-މަޢުރޫފްގެ އިސްކޮޅުގައި 5 ފޫޓު ފަސް އިންޗިހުރެއެވެ. މާނައަކީ، ނޫރާން ބާ-މަޢުރޫފަށްވުރެ ބާރަށް ފެތުމަށްޓަކައި، ސާޖިނާ، 5 ސިކުންތު ބާރަށް ފަތައި، އޭގެ މައްޗަށް އިސްކޮޅުގެ ތަފާތުގައި ހުރި 3 އިންޗިވެސް ކަޓުވާލަންޖެހެއެވެ. މިއީ، މިހާ ކުރު ފެތުމެއްގައި ވަރަށް އުނދަގޫ ކަމެކެވެ. މިއިވެންޓުން އެއްވަނައަށް ދިޔަ އެމެރިކާގެ ލީޑިޔާ ޖޭކޯބްގެ އިސްކޮޅުގައި 5 ފޫޓު 8 އިންޗި ހުރެއެވެ. އޭނާ ވަގުތަކީ 1:04:95 އެވެ. އެއީ، ސާޖިނާއަށްވުރެ 30 އެއްހައި ސިކުންތު ބާރު ވަރެކެވެ. އިސްކޮޅުގެ 6 އިންޗި އެއަށް އިތުރުކޮށްލަންޖެހެއެވެ.

މިއީ ސާޖިނާގެ މައްސަލައެއް ނޫނެވެ. ސާޖިނާ، އޭނާއަށްވީ އެންމެ ރަނގަޅަކަށް އޮލިމްޕިކްސްގައި ފެތިއެވެ. އަޅުގަނޑު، ސާޖިނާއާމެދު ފަޚުރުވެރިވަމެވެ. ކޮވިޑުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ތައްޔާރު ނުވެވުމާއި، 2019 ވަނަ އަހަރުގެ ނަތީޖާއަކަށް ބަލައިގެން އެތުލީޓުން ހޮވުމަށް ފެތުމާބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ފީނާއިން ނިންމި ނިންމުމަކީވެސް، މިނަތީޖާ މެދުވެރިވި ސަބަބުތަކުގެ ތެރެއިންވާ ކަމެކެވެ. މިއީ ސިޔާސަތުގެ މައްސަލައެކެވެ. އަޅުގަނޑުގެ މައްސަލައަކީ، ވީވަރު އެއީ ފުދޭ ވަރު ކަމަށް ޤަބޫލުނުކުރެވުމެވެ. ވީވަރަކީ ފުދޭވަރެއް ނޫނެވެ!

އޮލިމްޕިކްސްގައި ވާދަކުރުމަކީ ވަރަށް ބޮޑު ކަމެކެވެ. މެޑައްޔެއް ހޯދުމަކީ އަދި މާބޮޑު ކަމެކެވެ. އެކަމަކު ނުވާނެ ކަމެއް ނޫނެވެ. އަޅުގަނޑަކީ، ނުވާނެއެއްވެސް ކަމެއް އޮންނާނެކަމަށް ޤަބޫލުކުރާހިތްނުވާ އަޅުގަނޑެވެ.

ކޮސޯވޯއިން މިއަހަރު އޮލިމްޕިކސްއަށް ފޮނުވީ 11 އެތުލީޓުންނެވެ. އެއީ، އަންހެނުންގެ ބޮކްސިންގއާއި ފެތުމުގައި، ކޮންމެ ކުޅިވަރަކުން 1 އެތުލީޓުންނާއި ޖޫޑޯގައި 4 އެތުލީޓުންނާއި ފިރިހެނުންގެ އެތުލެޓިކްސް، ޖޫޑޯ، ޝޫޓިންގ، ސްވިމިންގ އަދި ރެސްލިންގައި ކޮންމެ ކުޅިވަރަކުން ފިރިހެން އެއް އެތުލީޓެވެ. މިހާތަނަށް 3 ރަން މެޑަލް ހޯދައިފިއެވެ. މުޅިންވެސް ޖޫޑޯގެ އަންހެން އެތުލީޓުންގެ ބައިންނެވެ. މިއަހަރުގެ ކުރިން ލިބުނީ އެންމެ ރަން މެޑައްޔެކެވެ. ކޮސޯވޯގެ އާބާދީއަކީ އެންމެ 1.8 މިލިއަން މީހުންނެވެ.

އެޓްލާންޓިކް ކަނޑުގައި އޮންނަ 63،918 މީހުންގެ އާބާދީއެއް އޮންނަ ބަރމިއުޑާއިން މިއަހަރު އޮލިމްޕިކްސްއަށް ފޮނުވީ ދެއެތުލީޓުންނެވެ. ރޯވިންގައި ފިރިހެނަކާއި ޓްރަޔަތުލޯނުގައި އަންހެން އެތުލީޓެކެވެ. މިއަދު އޮތް އަންހެނުންގެ ޓްރަޔަތުލޯނުގައި ބަރމިއުޑާގެ ފްލޯރާ ޑަފީ، އެމެރިކާއާއި އިނގިރޭސި އެތުލީޓުން ބަލިކޮށް، ރަންމެޑަލް ހޯދައިފިއެވެ. މިއީ އެޤައުމުގެ ތާރީޚުގައި ލިބުނު ފުރަތަމަ ރަން މެޑައްޔެވެ.

ކޮސޯވޯއިން މެޑަލް ހޯދަން އަމާޒު ހިފީ އަންހެނުންގެ ޖޫޑޯއިންނެވެ. ބަރމިއުޑާއިން އަންހެނުންގެ ޓްރަޔަތުލޯނުންނެވެ. ދިވެހިރާއްޖެއިން އެމަގަށް އަމާޒު ހިފަންވީ ކޮން ކުޅިވަރަކުންތޯއެވެ؟

ފުޓޯ: ސްވިމް މޯލްޑިވްސް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments