މީޓީންގް” އާ ނުލައި ދައުލަތް ހިންގުން”
ފެބްރުވަރީ 23، 2021
ޢާންމުކޮށް، ވަޒީފާތަކުގައި އުޅޭ މީހުން ކޮންމެ ދުވަހަކުވެސް ތަފާތު އެތައް “މީޓީންގް” އެއްގައި ބައިވެރިވާންޖެހެއެވެ. ދައުލަތުގެ އިދާރާތަކުގައި މިކަން އަދި މާބޮޑުހެންވެސް ހީވެއެވެ. ބައެއް މީހުން، ދުވާލެއްގެ ގިނަ ވަގުތު ހޭދަކުރަނީ “މުހިންމު މީޓިންގް” ތަކުގައެވެ. ޢާންމު “މީޓީންގ” އެއް ގަޑިއެއްހައިއިރު ނަގައެވެ.

ތެދެކެވެ. އަޅުގަނޑަކީ “ބާރު ސްޕީޑުގައި މުއައްސަސާތަކުގެ ހިންގުން ގެންގޮސް އެންމެންގެވެސް ވަގުތު ސަލާމަތްކުރަން ބާރުއަޅާ” މީހެކެވެ. އަޅުގަނޑު ހުށަހަޅާ ގޮތަކީ، އެއްވެސް “މީޓިންގް” އެއް ނުބާއްވާ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމެވެ. ކޮންމެހެން ބޭނުންވެއްޖެނަމަ، ކޮންމެ ކަމަކާ ގުޅޭ ގޮތުންވެސް އެއް މީޓިންގ ބޭއްވުމެވެ. ކޮންމެ ބައްދަލުވުމަކީވެސް ވަކި ސްޓްރަކްޗަރަކަށް ފެތޭ، އެޖެންޑާއެއް އޮންނަ، ނިންމަންޖެހޭ ކަންކަން ކަނޑައެޅިފައިވާ ބައްދަލުވުމަކަށް ހެދުމެވެ. އަޅުގަނޑު ދިރާސާކުރިއިރު، މިހާރުވެސް މިކަން ކުރެވެއެވެ. ސަމާލުކަމަށް ނާންނަނީއެވެ.
ކުޑަކުދިން ކުރާ ކުށުގެ މައްސަލަތަކާމެދު ފިޔަވަޅު އަޅާ ނިޒާމުގައި، ޤާނޫނުގައި ބުނާ “ކޭސް ކޮންފަރަންސިންގް” ކިޔާ އެއްޗެއް އޮވެއެވެ. މިއީ، ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާއާބެހޭ ގޮތުން ގޮތެއް ނިންމުމުގެ ކުރިން ދައުލަތުގެ މުއައްސަސާތަކުން މަޝްވަރާ ކުރަން ބާއްވާ ބައްދަލުވުމެވެ. މިބައްދަލުވުމުގައި (ޢާންމުކޮށް) ޕީޖީ އޮފީހާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޖުވެނައިލް ކޯޓާއި، ކުއްޖާގެ ބެލެނިވެރިޔާއާއި، ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ބައިވެރިވެއެވެ. ހުރިހާ އެންމެން ގަޑިއަށް ހާޒިރުވެގެން، ގަޑިއަށް ފެށިކަމަށް ބަލައިގެން، ކޮންމެ މުއައްސަސާއަކުން 10 މިނިޓު ވާހަކަ ދައްކާނަމަ، އެއީ 50 މިނިޓެވެ. އެއީ، މުއައްސަސާގެ ވަގުތުން 50 މިނިޓެވެ. އެންމެންގެ ވަގުތު އެއްކޮށްލުމުން، 250 މިނިޓު (4 ގަޑިއިރާއި 10 މިނިޓް) އެވެ. އަޅުގަނޑަށް ފެނުނީ، މިއީ 20 މިނިޓުގެ މީޓިންގަކަށް ހެދިދާނެ ކަމަށެވެ.
މިކަންތައް ދިރާސާ ކުރަމުން ދަނިކޮށް، ޕީޖީ އޮފީހުގައި އެއްވެސް މީޓިންގަކާ ނުލައި ކުރާ ކަމެއް ފެނިއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް ފޮނުވާ އަހަރީ ރިޕޯޓު ތައްޔާރު ކުރުމުގެ މަސައްކަތެވެ. އެކަން ފަށަނީ އިދާރީ ސެކްޝަނުންނެވެ. އަހަރުގެ ވަކި ދުވަހެއްގައި (ޖަނަވަރީ މަހުން ދުވަހެއް)، އަހަރީ ރިޕޯޓަށް ބޭނުންވާ ތަފާސް ހިސާބު ހޯދުމަށް ހުރިހާ ސެކްޝަންތަކަށް އީމެއިލެއް ފޮނުވައެވެ. އީމެއިލުގައި މަޢުލޫމާތު ފޮނުވަންވީ ދުވަހެއް އޮވެއެވެ. މަޢުލޫމާތުތައް ލިބުމުން، ވެރިފައިކުރަން ހުންނަ މުވައްޒަފަށް އީމެއިލެއް ލިބެއެވެ. މަސައްކަތް ނިންމަންޖެހޭ ދުވަހެއް އޮވެއެވެ. ވެރިފައި ކުރުމުން ލޭއައުޓް ހަދާން ފޮނުވައެވެ. އެމަސައްކަތަށް ފޮނުވާއިރު، ރިޕޯޓުގައި އަޅުގަނޑު ލިޔަންޖެހޭ ބައި ލިޔަން އީމެއިލެއް ލިބެއެވެ. އަޅުގަނޑަށް ދީފައި އޮންނަ ދުވަހަށް ފޮނުވީމާ، ރިޕޯޓަށް ކޮމެންޓު ކުރަން ހުރިހާ ވެރިންނަށް އަނެއްކާވެސް އީމެއިލެއް ފޮނުވައެވެ. ކޮމެންޓު ކޮށް ނިމި، ފެބްރުވަރީ މަސް ނިމުމުގެ ކުރިން މަޖިލީހަށް ރިޕޯޓު ފޮނުވައެވެ. މިކަން މިމަގުން ހިނގާތާ ދިހަ ވަރަކަށް އަހަރު ވެއްޖެއެވެ. އެންމެ އަހަރަކުވެސް، ދުވަސް ކަޓައިގެނެއް ނުދެއެވެ. ހުރިހާ މަޢުލޫމާތެއް ހިމެނޭ، ފުރިހަމަ ރިޕޯޓެއް ފޮނުވައެވެ. ނަމަވެސް، މިކަމާބެހޭ ގޮތުން ހަމަ އެންމެ މީޓިންގެއްވެސް ނުބާއްވައެވެ.
މީޓިންގް ބޭއްވުމަށް ނިންމުމުގެ ކުރިން ނިންމަންޖެހޭ މުހިންމު ކަމެއް އޮވެއެވެ. އެއީ، އެކަމަކީ މީޓިންގެއް ބާއްވަންޖެހޭ ވަރުގެ ކަމެއްތޯ ނުވަތަ ނޫންތޯއެވެ. މީޓިންގް ބާއްވާނެ ތްރެޝްހޯލްޑެވެ. ކޮންމެހެން މީޓިންގެއް ނުބާއްވާ، އީމެއިލަކުން، ފޯނު ކޯލަކުން ނުވަތަ ސައި ތައްޓަކުން ނިންމެން ހުންނަ ކަންކަމުގައި ދައުލަތުގެ އެންމެން އެއްކޮށްގެން މީޓިންގް ބާއްވާނެކަމެއް ނެތެވެ. ތްރެޝްހޯލްޑު ކަނޑައަޅަންވީއެވެ. އައި.ޖީ.އެމް ހޮސްޕިޓަލަށް ޒިޔާރަތްކުރީމާ ފުރަތަމަ ވައްދަނީ ޓްރަޔޭޖް ކިޔާ ތަނަކަށެވެ. އެތަނުން ދެނެގަންނަނީ ޑޮކްޓަރަކަށް ދައްކަންޖެހޭވަރު ކަމެއްތޯ ނުވަތަ ނޫންތޯއެވެ. އެއަށްފަހު ދައްކަންވީ ޑޮކްޓަރެއްގެ ލަފާ ލިބެއެވެ. ޖިނާއީ މައްސަލަތަކުގައި ޝަރީޢަތެއް ބާއްވާނެކަން ނުވަތަ ނޫންކަން ދެނެގަންނަން އިބްތިދާއީ އަޑުއެހުންތަކެއް ބާއްވައެވެ. އެމަރްޙަލާއިން ފާސްނުވެއެއް ޝަރީޢަތަކަށް މައްސަލައެއް ނުދެއެވެ. އޭގެ ބޭނުމަކީ ބޭކާރު ޝަރީޢަތްތައް ނުކުރުމެވެ. ހަމަ އެގޮތަށް، މީޓިންގް ބާއްވާނެ ތްރެޝްހޯލްޑެއް އޮތުމުން، ބޭކާރު އެތައް މީޓިންގަކުން ސަލާމަތްވެވިދާނެއެވެ.
ބޮޑެތި މަސައްކަތްތައް ނިންނަން ކޮންމެހެން މީޓިންގް ބާއްވަން ނުޖެހެއެވެ. ހުރިހާ ކަމެއްގައި މިގޮތަށް ނުހިނގަފާނެއެވެ. ޚާއްޞަކޮށް ގިނަ މުއައްސަސާތައް އެއްކޮށް ކުރާ މަސައްކަތެއްގައެވެ. ނަމަވެސް، ގިނަ މުއައްސަސާތައް ގުޅިގެން ކުރިއަސް، މީޓިންގެއް ބޭއްވުމުގެ ކުރިން ކުރެވިދާނެ ކަންތައްތަކެއް އެބަ ހުއްޓެވެ. އަޅުގަނޑަށް ފެނުނު ކަންކަމަކީ؛
- މީޓިންގް ބާއްވަންޖެހޭކަން ނުވަތަ ނޫންކަން ދެނެގަތުން. އެ ޓެސްޓުން ފާސްވެގެން މެނުވީ މީޓިންގ ނުބޭއްވުން.
- ކަނޑައެޅޭ ގަޑިއަށް ބައްދަލުވުން ފެށުން. ހަމަ ހުރިހާ އެންމެންމެ (ތިމާއާއި އަނެކާގެ) ވަގުތަށް ސަމާލުވުން.
- މައުޟޫޢާބެހޭ ގޮތުން ހުރި އިތުރު މަޢުލޫމާތު ދުރާލާ ބައިވެރިންނަށް ޙިއްސާ ކުރެވިފައި އޮތުން.
- ބައިވެރިން، މަޢުލޫމާތު ބަލައި ދިރާސާކޮށް، ދައްކަން ބޭނުން ވާހަކައަށް ތައްޔާރުވެގެން އައުން.
- ސާފު އެޖެންޑާއެއް އޮތުން (އެޖެންޑާގައި ގޮތެއް ނިންނަން ބޭނުންވާ ކަންތައް ބައިވެރިންނަށް ސާފުވެފައި އޮތުން).
- އެޖެންޑާގައި ނެތްކަމަކަށް ވާހަކަ ނުދެއްކުމާއި ވާހަކަ ދައްކަން ފުރުޞަތުވެސް ނުދިނުން.
- ފޯނު ނުވެއްދުން.
- ކަނޑައަޅާ ގަޑިއަށް ނިންމުން (ޢާންމު ގޮތެއްގައި 20 މިނިޓުގެ ސްލޮޓުތަކަށް ބަހައިގެން ބައްދަލުވުން އިންތިޒާމުކުރުން)
- މީޓިންގުން ނިންމާ ކަންކަން، ނިމޭއިރު އިޢުލާނު ކުރުން.
- މަޢުލޫމާތު ޢާންމު ކުރެވޭ ޒާތުގެ މީޓިންގެއްނަމަ، މީޓިންގެ ޔައުމިއްޔާ ވެބްސައިޓުގައި ޝާއިޢުކުރުން
(އަމިއްލަ ވިޔަފާރިތަކާއި، އަމިއްލަ ކުންފުނިތަކުގެ މަސައްކަތް އިސްތިސްނާކޮށްފައި) ހެނދުނު 8 ޖަހާއިރު އޮފީހަށް ގޮސް، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު، ފޯކަސް ކޮށްގެން މަސައްކަތް ކޮށްފިނަމަ، 3 ޖަހަންވާއިރަށް ގެއަށް ނުދެވޭ ވަރުގެ މަސައްކަތެއް ދައުލަތުގެ ތެރޭގައި އޮންނާނެކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. އޭރުން، ޢާއިލާއާ އެއްކޮށް ވަގުތު ހޭދަކުރުމަށާއި، ކަސްރަތު ކުރުމަށް އެކަށީގެންވާ ވަގުތު ލިބޭނެއެވެ. މީހާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަންވެސް ގުޅިފައި އޮތީ އެކަމާއެވެ. އުފެއްދުންތެރި މަސައްކަތެއް ކުރެވޭނީ އުފާވެރި މުވައްޒަފަކަށެވެ.