ޚާއްޞަ ޤާނޫނާއި ޢާންމު ޤާނޫނު . މަސްހުނިކުރަންވީ، ކޮންމެހެން ނުކޮށް ނުވާ މިންވަރަށް

މެއި 6، 2021 . ބުރާސްފަތި

ޚާއްޞަ ޤާނޫނަކާއި ޢާންމު ޤާނޫނެއް އެއްފަހަރާ އެއް ތަނެއްގައި އޮވެއްޖެނަމަ ހަދާނެ ގޮތަކާބެހޭ ގޮތުން ޤާނޫނީ މީހުންގެ މެދުގައި ޚިޔާލުތަފާތުވެފައިވެއެވެ. މިސުވާލަށް، ދާދި ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޖަވާބެއް ދެއްވިއެވެ. މުޅިން ފުރިހަމަ ނުވިޔަސް، މިވަގުތަށް ކުރިއަށް ދާނެ މަގެއް ދައްކަވައި ދެއްވިއެވެ. މިލިޔުމުގައި ބަލައިލަނީ، ސުޕްރީމް ކޯޓުގެ ނިންމެވުމާއި އެއާ ގުޅިގެން މިހާރު ޢަމަލުކުރާންވީ ގޮތާބެހޭ ގޮތުންނެވެ.

ޚާއްޞަ ޤާނޫނު . ޢާންމު ޤާނޫނު

ޤާނޫނީ ބަހުރުވައިގައި، ޚާއްޞަ ޤާނޫނަކީ، ވަކި ކަމަކާ ގުޅިގެން، ނުވަތަ ވަކި ބާވަތެއްގެ ކުށްތަކާ ގުޅިގެން، އެކަންކަމުގައި ޢަމަލުކުރާނެ ޤާނޫނީ އުޞޫލުތައް ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނަށެވެ. މިސާލަކަށް، ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ނުވަތަ ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އެވެ. ޚާއްޞަ ޤާނޫނުގެ ބޭނުމަކީ، އެބާވަތުގެ ކުށްތަކާ ގުޅިގެން، ޢާންމުކޮށް ހިނގާ ކަންކަން ފިޔަވައި، ޚާއްޞަ އުޞޫލުތަކެއް އެކުލަވާލުމެވެ. އޭގެ ތެރޭގައި ހިމެނޭނީ ޚާއްޞަ ކުށާއި ޚާއްޞަ އިޖުރާއާތާ، މިދެބާވަތެވެ.

ޢާންމު ޤާނޫނަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި ބޭނުންކުރާ، ޢާންމު ޙާލަތުތަކަށް ހިނގާ، ޢާންމު ޤާނޫނުތަކެވެ. ޚާއްޞަ ޤާނޫނުތައް ހިނގާނީ އެކުށެއް ޚާއްޞަ ކުރި ކުށްތަކާއި އިޖުރާއަތުތަކަށެވެ. ޢާންމު ޤާނޫނަކީ، ޚާއްޞަ ޤާނޫނުގައި ނުހިމެނޭ ކޮންމެ ކަމެއްގައި ހިނގާ ޤާނޫނެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގައި ބޭނުންކުރާ މައިގަނޑު ދެ ޢާންމު ޤާނޫނަކީ ޤާނޫނުލްޢުޤޫބާތު (ހުރިހާ ކުށްތަކެއް ބަޔާންކޮށްފައި އޮތް ޤާނޫނު) އާއި (ކުށުގެ ޢަމަލެއް ތަޙްޤީޤުކުރުމާއި ދައުވާ ކުރުމާއި ޝަރީޢަތް ހިންގުމުގައި ޢަމަލުކުރަންޖެހޭ ހުރިހާ ޢާންމު އުޞޫލުތައް ބަޔާންކުރާ) ޖިނާއީ އިޖުރާއަތުގެ ޤާނޫނެވެ.

ޚާއްޞަ ޤާނޫނާއި ޢާންމު ޤާނޫނުގެ ގުޅުން

ޢާންމު ގޮތެއްގައި، ޚާއްޞަ ޤާނޫނެއްގައި އޮތް ކަމެއް ކުރާނީ އެޤާނޫނެއްގައި ބުނާ ގޮތަށެވެ. ޚާއްޞަ ޤާނޫނުގައި ނެތް ހަމަ ކޮންމެ ކަމެއް، ޢާންމު ޤާނޫނުގައި ބުނާ ގޮތަށް ކުރާނީއެވެ. މިއީ، މިގޮތަށް ބަލާއިރު، ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް، މިކަން އުނދަގޫވެ، ތުރާވާ ސަބަބަކީ، ދިވެހިރާއްޖޭގައި ޤާނޫނުތައް ހެދިފައި ހުރި ތަރުތީބުގެ ގޮތުންނެވެ. ގިނަ ޚާއްޞަ ޤާނޫނުތައް ހެދިފައި ހުރީ ޢާންމު ޤާނޫނުތަކުގެ ކުރިންނެވެ. ފަހުން ހެދުނު ޚާއްޞަ ޤާނޫނު ތަކުގައިވެސް، ޢާންމު ޤާނޫނާއި ޚާއްޞަ ޤާނޫނުގެ ‘ތިމާގެ ކަމުގެ ގުޅުން’ ގެންގުޅޭނެ ގޮތާމެދު ވިސްނާލެވިފައި ނެތީއެވެ.

މިސާލަކަށް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ލިޔުނީ 2009 ވަނަ އަހަރު ދިމާވި ޙާދިސާއަކާ ގުޅިގެން، ރައްޔިތުންގެ މެދުގައި އުފެދުނު ޢާޠިފީ ޝުޢޫރުތަކަކަށް ތަސައްލީއެއް ހޯދައިދިނުމުގެ ގޮތުންނެވެ. އެޙާދިސާއަކީ، ކުޑަކުއްޖެއްގެ ނެޕީއެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައަކާއި، އެކުއްޖާ ބެލި ޑޮކްޓަރުންނަށް، އެކުއްޖާގެ ފުރަގަސްފަރާތަށް ޖިންސީ ގޮތުން އަނިޔާވެފައިވާކަމަށް ތުހުމަތު ކުރެވުނު މައްސަލައެކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގެ ޓްރެންޑު ހުންނަ ގޮތުން، އެކަހަލަ މައްސަލައެއް ރިޕޯޓު ކުރެވިގެން މީޑިއާގައި އެވާހަކަ ދެކެވިއްޖެނަމަ، އެއާ ވިދިގެން އަންނަ މަހެއްހައި ދުވަސްވަންދެން އެބާވަތުގެ ކަންކަން ދާނީ ރިޕޯޓު ކުރެވެމުންނެވެ. އެއުޞޫލުން، އެދުވަސްވަރު އެބާވަތުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ގިނަވެގެން މިޤާނޫނު ހެދީއެވެ. އޭރަކު، ޖިނާއީ އިޖުރާއަތުގެ ޤާނޫނެއް ނެތެވެ. އެހެންކަމުން، ޚާއްޞަ ޤާނޫނާއި ޢާންމު ޤާނޫނާ ދެމެދު އޮންނަ ގުޅުމާމެދު ވިސްނާނެ ފުރުޞަތެއްވެސް އޭރު ނެތެވެ.

މިހާރު މިއުޅެނީ، ކުރިން ހެދި ޚާއްޞަ ޤާނޫނުގައި ބުނާ އުޞޫލުތައް، ފަހުން ހެދި ޢާންމު ޤާނޫނާ އެއްހަމަ ކުރެވޭތޯއެވެ. މިކަން އުނދަގޫވަނީ، ޤާނޫނީ ގޮތުން އެއްކޮށް ކިޔަންޖެހޭ ދެ ޤާނޫނެއް، އެކަތި އަނެކައްޗާ އެއްވެސް ގުޅުމެއް ނެތީސް، ދޭތި އެއްކޮށް، އެއްހަމަ ކޮށްގެން، ތިމާގެކޮށްގެން ކިޔަން ޖެހުނީމައެވެ. މިއީ، ޤާނޫނީ ޗަރުކޭހުގެ އެންމެ މަތީ ފަންތީގެ އުފެއްދުންތެރިކަން ބޭނުންވާނެ ކަމެކެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައާއި ނިންމެވި ގޮތް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު (ޚާއްޞަ ޤާނޫނު) ގައި ބުނާ ގޮތުން، އެޤާނޫނުގައި ބުނާ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާނަމަ، ބަހައްޓަންޖެހެނީ އެޤާނޫނުގައި އޮތް އުޞޫލުތަކާ އެއްގޮތަށެވެ. އެއުޞޫލުތައް ހުރީ މުއްތަހަމަށް ހަރުކަށިކޮށެވެ. ފުލުހުންނަކަށްވެސް ވަކި ފަސޭހަކޮށެއް ނޫނެވެ.

އޭގެފަހުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނު (ޢާންމު ޤާނޫނު) ފާސްކުރިއިރު، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާއިރު ބަލަންޖެހޭ އައު، ތަފްޞީލު އުޞޫލުތަކެއް ލިޔުނެވެ. މިޤާނޫނުގައި ހުރި އުޞޫލުތަކުގައި މާ ރަނގަޅު ތަރުތީބަކާއި، އެކަމުގެ ވަށައިގެންވާ (ގަވާއިދުން ބަންދު މުރާޖަޢާ ކުރުންފަދަ) ކަންކަމުގެ ތަފްޞީލުތައްވެސް އެބަ ހުއްޓެވެ.

ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކުރަމުން އައި އުޞޫލަކީ، ޚާއްޞަ (އަދި ހަރުކަށި) ޤާނޫނު ދަށުން ކޮންމެހެން ގެންދަން ނުޖެހޭކަމަށް ފެންނަ ނަމަ، (މުއްތަހަމަށް ލުއި) ޢާންމު އިޖުރާއަތުގެ ދަށުން ކުރިއަށް ގެންދިއުމެވެ. ޚާއްޞަ ޤާނޫނަށް ދާންޖެހޭފަދަ ސީރިއަސް ކަމެއްނަމަ، ޚާއްޞަ ޤާނޫނުގެ ދަށުންނެވެ.

ސުޕްރީމް ކޯޓުން ކަނޑައެޅުއްވީ، މިކަމުގައި އޮންނަ ޤާނޫނީ އުޞޫލު ހިނގާނެ ކަމަށެވެ. އެއީ، ޚާއްޞަ ޤާނޫނުގައި ވަކި ކަމެއް އޮތްނަމަ، އެކަމެއް ހިންގަންވާނީ ޚާއްޞަ ޤާނޫނުގެ ދަށުންނެވެ. އެކަމަކީ، މުއްތަހަމަށް ބުރަ ކަމަކަށްވިޔަސްވެހެއެވެ. އެ ބުރަ އުޞޫލު ތަޠުބީޤުކުރުމުގެ ބޭނުމެއް އޮތްކަމަށް ޤާނޫނު ތަންފީޒުކުރާ މީހާއަށް ނުފެނުނަސްވެހެވެ. ޚާއްޞަ ޤާނޫނަކަށްވީތީ، އެޤާނޫނަށް ދާންވީއެވެ. މަސްހުނި ނުކުރަންވީއެވެ. މިއުޞޫލު ރަނގަޅެވެ.

މިހިސާބުން އަޅުގަނޑުމެން (ޤާނޫނު ތަންފީޒުކުރާ މީހުން) ނިންމަންޖެހޭ އިތުރު ކަންކަން ހުރެއެވެ. މިސާލަކަށް، ޚާއްޞަ ޤާނޫނުގައި، ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި ހައްޔަރު ކުރާނެ އިޖުރާއަތެއް ނެތެވެ. އެހެންވީމާ، ޚާއްޞަ ޤާނޫނުގައި ބުނާ ކުށެއްގައި ހައްޔަރުވެސް ނުކުރެވޭނެތޯއެވެ؟ ހައްޔަރުކޮށްފައި ބަންދުކުރަން ގެންދާއިރު ފުރަންޖެހޭ ފޯމުތައް ހުރީ ޢާންމު ޤާނޫނުގައެވެ. އެހެންވީމާ، މަސްހުނި ނުކުރުމުގެ ބާބުގެ ދަށުން، އެ ފޯމުތައް ބޭނުން ނުކުރެވޭނެތޯއެވެ؟ މިކަހަލަ ޢަމަލީ މަސައްކަތާ ގުޅޭ ސުވާލުތަކެކެވެ.

ސުޕްރީމް ކޯޓުގެ ނިންމުންވެސް މާނަކުރަންވާނީ، ޙުކުމްތައް މާނަކުރަން އެކޯޓުން ކިޔައިދީފައިވާ ގޮތަށެވެ. އެއީ، އެކޯޓުގެ ޙުކުމްތަކަކީވެސް އެކަތައިން ހަދާފައި ހުންނަ އެއްޗަކަށް ނުވާނެތީ، އޭގެ ވަށައިގެން ހުންނަ ކަންކަން، އެޙުކުމުގެ ރޫޙާ އެއްގޮތަށް ތަންފީޒުކުރުމެވެ. މިވިސްނުމުގައި، އަޅުގަނޑު ނިންމީ، ޚާއްޞަ ޤާނޫނުގައި އޮތް ކަމެއްނަމަ، މަސްހުނި ނުކޮށް ޚާއްޞަ ޤާނޫނު ހިންގާނީއެވެ. ޚާއްޞަ ޤާނޫނުގައި ނެތް ކަންކަމުގައި ޢާންމު ޤާނޫނު ހިންގާނީއެވެ. މިދިރާސާ ނިންމައި، މިކަމުގައި ކުރިއަށްދާނެ ގޮތުގެ އިރުޝާދެއް މިއަދު ފުލުސް އޮފީހަށް ފޮނުވައިފީމެވެ. އިރުޝާދުގައި މި ދެންނެވީ، ތިރީގައި އޮތް ޖަދުވަލާ އެއްގޮތަށް ޢަމަލުކުރާށެވެ.

(2009/12) ޚާއްޞަ ޤާނޫނުޢާންމު ޤާނޫނު (2016/12)ޢަމަލު
ނެތްމާއްދާ ނަންބަރު: 40ހައްޔަރުކުރުން
މާއްދާ ނަންބަރު: 27މާއްދާ ނަންބަރު: 48އަމިއްލަ ނަފުސާ ދެކޮށް ބަޔާނެއް ދިނުން
ނެތްމާއްދާ ނަންބަރު: 5824 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރުން
ނެތްމާއްދާ ނަންބަރު: 59 އަށް ރިޢާޔަތްކޮށް 60 ވަނަ މާއްދާހައްޔަރުގެ ޞައްޙަކަން ކަނޑައެޅުން
މާއްދާ ނަންބަރު: 30މާއްދާ ނަންބަރު: 60ބަންދުކުރުން
ނެތްމާއްދާ ނަންބަރު: 94ތަޙްޤީޤުކުރުމުގެ މުއްދަތު ހިނގުން
މާއްދާ ނަންބަރު: 30މާއްދާ ނަންބަރު: 60 ގެ (ށ)ޝަރީޢަތް ނިމެންދެން ބަންދުކުރުން
މާއްދާ ނަންބަރު: 36މާއްދާ ނަންބަރު: 60 ގެ (ވ)ބަންދު މުރާޖަޢާ ކުރުން

އަޅުގަނޑަށް ފެންނަނީ، ސުޕްރީމް ކޯޓުންވެސް ވިދާޅުވި ގޮތަށް، މިބާވަތުގެ ހަމަނުޖެހޭ ކަންކަން ހަމަޖެއްސުމުގައި ޤާނޫނު ހަދާ މަޖިލީހުގެ ދައުރެއް އޮންނަންޖެހޭ ކަމަށެވެ. އެހެންކަމުން، މިހާރު ތަންފީޒުކުރާ ޤާނޫނުތަކުގައި ހުރި މިޒާތުގެ ފުށުއެރުންތަކުގެ ތެރެއިން އަޅުގަނޑުގެ މަސައްކަތާ ގުޅޭ ފުށުއެރުންތައް އިޞްލާޙުކުރުމުގެ މަސައްކަތް، ބަންޑާރަ ނައިބުގެ މަޝްވަރާއާއެކު، ރައްޔިތުންގެ މަޖިލީހާއި ގުޅިގެން ފަށާނަމެވެ. މިކަމުގައި ފަންނީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިތިބީ ކުރާ ގޮތަށެވެ. މިމަސައްކަތުގެ ތެރެއިން، ޤާނޫނީ ނިޒާމަށް މީހުންގެ އިތުބާރު އިތުރުކޮށް އާލާ ކުރެވޭނެކަމަށް އަޅުގަނޑަށް ފެނެއެވެ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments