“އިންތިޒާރު ކުރުމަކީ އެންމެންގެ ވަގުތު ގެއްލޭ ކަމެކެވެ”

ޑިސެމްބަރ 26, 2020


އިންތިޒާރު ކުރުމަކީ އެންމެންގެ ވަގުތު ގެއްލޭ ކަމެކެވެ. މިއީ، އަޅުގަނޑު މިޞްރުގައި ކިޔަވަން އުޅުނުއިރު، ކިޔަވާ ކުދިންގެ ޖަމްޢިއްޔާގެ މެމްބަރުންގެ މެދުގައި ވަރަށް މަޝްހޫރު ޢިބާރާތެކެވެ. މިވާހަކަ އެންމެ ގިނައިން ދައްކަވާނީ އޭރު، ދިވެހި ކިޔަވާ ކުދިންނާ ޙަވާލުވާން ސަރުކާރުން ކަނޑައަޅާފައި ހުންނެވި އަލްއަޚް ޙުސައިން ރިޟާއެވެ. އޭގެ ޙަޤީޤީ ފުން މާނައެއް އޭރަކު އަޅުގަނޑަކަށް ނުވިސްނެއެވެ

ވަގުތަކީ، ގެއްލިގެން ގޮސްފިނަމަ، އަނބުރާ ނުލިބޭނެ ހަމައެކަނި އެއްޗެވެ. ވަގުތަކީ އަގުހުރި އެއްޗެކެވެ. މީހަކަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ، އެމީހެއްގެ ވަގުތެވެ. އަނބިންނާއި ދަރިންނާއި މައިންބަފައިންނާއި ލޯބިވާ މީހުންނަށް ދެނީ އަޅުގަނޑުމެންގެ ވަގުތެވެ. އެވަގުތު، ފައިސާއަށްވުރެ މާ އަގުހުރެއެވެ. މިއީ އަޅުގަނޑުމެން އެންމެން ދަންނަ ކަންކަމެވެ.

އިސްލާމްދީނާއި ވަގުތު

އިސްލާމް ދީނުގައިވެސް މިކަން އޮތީ މިހެންނެވެ. އިސްލާމްދީނުގެ ހަމަ ހުރިހާ ރުކުންތަކެއް ހުރީ ވަގުތާ ގުޅިފައެވެ. ނަމާދަކީ ވަގުތު ކަނޑައެޅިގެންވާ އަޅުކަމެކެވެ. ޙައްޖުވެހެވެ. ފިޠުރު ޒަކާތާއި މުދަލު ޒަކާތްވެސްމެއެވެ. ރަސޫލުﷲ (ޞ) ދުވަހަކުވެސް، އެއްވެސް ތަނަކަށް ގަޑިޖެހިގެން ވަޑައިގެންކަމެއް އެނގޭކަށް ނެތެވެ. އިސްލާމްދީނުގެ ހުރިހާ ކަމެއް، ވަގުތުތަކަކާ ގުޅުވާފައި ހުރީ، އެކަމުގައި ކޮންމެވެސް ޙިކުމަތެއް އޮވެގެންކަމީ ދެބަސްވެވެންނެތް ޙަޤީޤަތެކެވެ.

ކޮންމެ ދުވަހަކުވެސް، ވަގުތުގެ ހިސާބު ބެލުން

އަޅުގަނޑުމެން އެންމެވެސް ވަރަށް ބިޒީއެވެ. ދުވާލަކު އެތައް ހާސް ކަމެއް ކުރަންޖެހެއެވެ. ވަގުތެއް ނޯވެއެވެ. އަދި އަމުދުން ދައުލަތުގެ މަޤާމުތަކާއި ވަޒީފާތައް އަދާކުރައްވާ ބޭފުޅުން މާބޮޑުތަނުންވެސް ބިޒީއެވެ. ޙަޤީޤަތުގައިވެސް ބުރަ، ކަންކަމަށް ވަގުތު ނުދެވޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި އުޅޭނެކަން އަޅުގަނޑު ޤަބޫލުކުރަމެވެ. ނަމަވެސް، ކޮންމެ ދުވަހަކުވެސް އެދުވަހަކު ވަގުތު ހޭދަ ކުރެވުނު ގޮތާމެދު ވިސްނާލުމަކީ ރަނގަޅު ކަމަކަށް ވެދާނެއެވެ. ޓްވިޓާރ ފީޑު ބެލުމުގައި، އީމެއިލް ޑިލީޓު ކުރުމުގައި، ފޭސްބުކްގައި، ނުވަތަ ކޮފީއެއްގައި ހޭދަކުރެވުނީ ކިހާ ވަގުތެއްތޯ ބަލައިލަންވާނެއެވެ. އަޅުގަނޑު ބިޒީއެއް ނޫނެވެ. އަޅުގަނޑު އޮފީހުގެ މުވައްޒަފަކު ބޭނުންވެގެން އަޅުގަނޑާ ބައްދަލުނުވެއެއް ނޯންނާނެއެވެ. އަޅުގަނޑު ބަލަނީ އަޅުގަނޑު ކުރަން ނުޖެހޭ ކަންކަމާއި، ކުރަން ބޭނުން ނޫން ކަންކަން ނުކޮށް ވޭތޯއެވެ. ނުބެހޭ ކަންކަމާ ނުބެހި، އެކަންކަމަށް ވަގުތު ނުދީ އުޅެވޭތޯއެވެ.

ގަޑިއަށް ފަރުވާތެރިވުން – އަނެކާއަށް އިޙްތިރާމް ކުރުން

އަޅުގަނޑުމެން އަބަދުމެ ދައްކަނީ އަޅުގަނޑުމެންގެ އަތުގައި ވަޞީލަތްތައް ނެތް ވާހަކައެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގައިވެސް މިއީ ވަރަށް ގަދައަށް ދައްކާ ވާހަކައެކެވެ. ނަމަވެސް، އަޅުގަނޑުމެންގެ އަތުގައި އޮތް އެންމެ ބޮޑު ވަޞީލަތް، އާދެ، އަޅުގަނޑުމެންގެ ވަގުތު، ހޭދަކުރާ ގޮތާބެހޭ ގޮތުން އަޅުގަނޑުމެން ވިސްނާލަންޖެހެއެވެ.

ދުވާލަކު އެތައް ބައްދަލުވުމެއް، ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިނގާއިރު، ގަޑިއަށް ފަށަނީ ކިތައް ބައްދަލުވުންތޯ؟ ގަޑި ޖެހިގެން އެހިނގާ ކޮންމެ މިނިޓެއް އެއީ، ގަޑިޖެހިގެން އަންނަ މީހާއާއި، ގަޑިއަށް ގޮސް ހުންނަ މީހާގެ ވަގުތުން ބޭކާރުވާ ވަގުތު ނޫންތޯއެވެ؟ އިންތިޒާރު ކުރުމަކީ ދެމީހުންގެ ވަގުތު ގެއްލޭ ކަމެކެވެ. ގަޑިއެއް ކިޔައިފައި، އެގަޑިއަށް ސަލާމުވުމަކީ އަނެކާއަށް އިޙްތިރާމް ކުރުމުގެ ބައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ތިމާއާ ދޭތެރޭ ކަންތައް ކުރަން އެދޭ ގޮތަށް އަނެކާއާ ދޭތެރޭ ކަންތައް ކުރުމަކީ އިސްލާމް ދީނުގެވެސް އެންމެ މައިގަނޑު އެއް އަސާސެވެ. އީމާންތެރިކަން ފުރިހަމަވުމުގެ ޝަރުޠެކެވެ.

ޖަޕާން މީހުން އުޅޭ ގޮތް – 20 މިނެޓުގެ ބައްދަލުވުން

މިދިޔަ ހަފްތާގައި، ދިވެހިރާއްޖޭގައި ހުންނަ ޖަޕާން އެމްބަސެޑަރ މިސް ކެއިކޯ ޔަނައީ ވިދާޅުވެގެން، އެމްބަސީގެ ކައުންސެލަރު، މރ ކޯޖީ ކަނެކޯ އަޅުގަނޑާ ބައްދަލު ކުރެއްވިއެވެ. އެޕޮއިންޓްމަންޓަށް އެދިވަޑައިގަތީ، މިދިޔަ ހަފްތާގެ 3 ހަފްތާ ކުރިންނެވެ. އެދިވަޑައިގެންފައި އޮތީ 15 މިނިޓުގެ އެޕޮއިންޓްމަންޓަކަށެވެ. ވަޑައިގެންނެވީ، 2021 ވަނަ އަހަރުގެ މާރިޗު މަހު، ޖަޕާނުގައި އޮންނަ ވަރލްޑް ކްރައިމް ކޮންގްރެސްއަށް ދިއުމަށް ދަޢުވަތެއް ދިނުމަށެވެ. މި ބައްދަލުވުމުގައި، ދަޢުވަތު ހިމެނޭ ރަސްމީ ލިޔުން ޙަވާލު ކުރެއްވިއެވެ. ޖަޕާނަށް ދަތުރު ކުރަންވީ ދުވަހާއި، މަތިންދާބޯޓު އޮންނާނެ ގަޑިއާއި، ޖަޕާނުގައި ހުންނާން ހަމަޖެހިފައި އޮތް ހޮޓަލާއި، ކެއިން ބުއިން ހަމަޖެހިފައި އޮތް ގޮތާއި، ހޮޓަލުން ކޮންފަރަންސް އޮންނަ ތަނަށް ބަސް ތައް ދަތުރު ކުރަން ހަމަޖެހިފައިވާ ގޮތާއި، ވަގުތާއި، ކޮންފަރަންސްގެ އަރިމަތީގައި އޮންނަ އެހެން އިވެންޓުތަކުގެ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައި ދެއްވިއެވެ. ކޮފީއެއްވެސް ހިއްޕެވިއެވެ. އަދި ކޮންފަރަންސްގައި ބޭނުންކުރާނެ ކޮވިޑް މާސްކާއި، މާސްކު ލާނެ ކޭހަކާއި، ގަލަމާއި ފާސް އަޅުވާ ވާކޮޅު ހިމެނޭ ޕެކެޓެއް ހަދިޔާ ކުރެއްވިއެވެ. މިހުރިހާ ކަމެއް ނިންމަވާފައި ބަރާބަރު 15 މިނިޓު ތެރޭގައި މީޓިން ނިންމަވާފައި ވަޑައިގެންނެވިއެވެ. އަޅުގަނޑު ހުރީ ހަމަ ކޮސްވެފައެވެ. އަޅުގަނޑު ހަނދާނަށް އައީ، 2010 ވަނަ އަހަރު، ޖަޕާނަށް އަޅުގަނޑު ކުރި ދަތުރެއްގައި ޖަޕާނުގެ ޖަސްޓިސް މިނިސްޓަރާ ބައްދަލުކުރަން ލިބުނު ފުރުޞަތު މަތިންނެވެ. އެދުވަހު ލިބުނީ 9 މިނިޓެވެ. އަޅުގަނޑު ހިމެނޭ ވަފުދުން، މިނިސްޓަރަށް ތަޢާރަފުވެ، ދެ ބަހުން ސްޕީޗެއް ހުށަހަޅައި، މިނިސްޓަރު ދެތިން ބަހެއް ވިދާޅުވެ، ހަނދާނީ ފޮޓޯއެއް ނަގައި، 9 މިނެޓުގެ ތެރޭގައި އެތަނުން ނުކުމެއްޖައީމެވެ. އަޅުގަނޑު އޭރު ހީކުރީ، އެކަހަލަ ކަންކަން ހިނގާނީ ޖަޕާނުގައި އެކަނި ކަމަށެވެ. ނަމަވެސް، ދިވެހިރާއްޖޭގައިވެސް ޖަޕާނު މީހުން އުޅެނީ ހަމަ އެހެންނެވެ. އަޅުގަނޑު ހިތަށް އެރީ، އަޅުގަނޑުމެންނަށްވެސް އެކަން އެގޮތަށް ނުކުރެވޭންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ. އެހެން ހިތާ، މިދިޔަ ހަފްތާގައި އަޅުގަނޑު ބޭއްވި ދެ ބައްދަލުވުމެއް، 20 މިނިޓުގެ ތެރޭގައި ނިންމާން ހިފީމެވެ. ހަމަ ހުރިހާ ވާހަކައެއް ދެއްކުމަށްފަހު 20 މިނިޓު ތެރޭގައި ނިންމާ ލެވުނެވެ.

އަޅުގަނޑު ޤަޞްދުކުރަނީ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުގެ ހުރިހާ ބައްދަލުވުމެއް 20 މިނިޓުގެ ސްލޮޓުތަކަކަށް ބަހާލާށެވެ. ބޮޑު ކަމެއްގެ މަޝްވަރާ ކުރާނަމަ، 20 މިނިޓުގެ 3 ސްލޮޓެވެ. އެއް ސްލޮޓުން ނިންމޭކަހަލަ ކަމެއްނަމަ އެއް ސްލޮޓެވެ. ބޭކާރު ވާހަކަ ނުދައްކާ، ތައްޔާރުވެގެން، ގަޑިއަށް ބައްދަލުވުން ފެށިއްޖެނަމަ، ގިނަ ބައްދަލުވުންތައް 20 މިނިޓުން ނިންމައިލެވޭނެއެވެ.

ސިންގަޕޯރ އެއަރލައިންސް ފްލައިޓަކަށް ގަޑިއެއް ނުޖެހޭ

ބައެއް ބޭފުޅުން ވިދާޅުވެއެވެ. ހަމަ ގަޑިއަށް ނާދެވެނީއެވެ. އަޅުގަނޑު އެވާހަކަ ޤަބޫލެއް ނުކުރަމެވެ. އެހެން ވިދާޅުވާ ބޭފުޅުންވެސް، ސިންގަޕޯރ އެއަރލައިންސް ފްލައިޓަކަށް ގަޑިއެއް ނުޖެހެއެވެ. އެއީ ފްލައިޓް މަޑުކޮށްގެން ނޯންނާނެކަން އެނގޭތީއެވެ. ގަޑި ޖެހުމުގެ ނަތީޖާ ސާފުކޮށް އެނގޭތީއެވެ. ބައެއް އެއަރލައިންތައް ބައެއް ފަސިންޖަރުންނަށް މަޑުކުރާތީ، އެއެއަރލައިންތަކަށް ގަޑިޖެހެއެވެ. އެހެންވީމާ، ގަޑި ޖެހުމަކީ އިޚްތިޔާރީ ކަމެކެވެ. އަނެއްބައި ބޭފުޅުން ވިދާޅުވެއެވެ. ޓްރެފިކްގައި ޖެހުނީއެވެ. ވާރޭ ވެހުނީއެވެ. ނުވަތަ ލިފްޓު ނުލިބުނީއެވެ. ޓްރެފިކާއި ވިއްސާރައާއި ލިފްޓާ މިއީ ތަޞައްވަރު ނުކުރެވޭނެ ކަންކަމެއް ނޫނެވެ. އެކަންކަމަށް ވަގުތު ލައިގެން ތައްޔާރުވި ނަމަ ގަޑިއެއް ނުޖެހޭނެއެވެ. ގަޑީގައި ޖެހުމަކީ އިޚްތިޔާރީ ކަމެކެވެ. ގަޑި ޖެހޭނަމަ، ލަސްވާނަމަ، ތަހުޒީބީ ގޮތަކީ އިންތިޒާރު ކުރާ މީހާއަށް އެކަން އަންގާލުމެވެ. މިކަހަލަ ރީތި އާދަތަކަކީ، އިތުރު ޚަރަދަކާ ނުލައި ކުރެވެން ހުރި ކަންކަމެވެ. މިހާރަށް ވުރެ ސަމާލު ވެވިދާނެ ކަންކަމެވެ.

އަޅުގަނޑެއް ގަޑިއެއް ނުޖެހޭނެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންވެސް ގަޑިއެއް ނުޖެހޭނެއެވެ. އަޅުގަނޑާ ބައްދަލު ކުރަން އަންނަ މީހަކުވެސް ގަޑިއެއް ނުޖެހޭނެއެވެ. އެއީ، އަޅުގަނޑުމެން މުއައްސަސާއެއްގެ ގޮތުގައި އާލާކުރަން ބޭނުންވާ ސަޤާފަތެކެވެ. އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ އަޅުގަނޑުމެންނަށް މިކަމުގައި ކާމިޔާބު މިންވަރު ކުރެއްވުމެވެ. އިންތިޒާރު ކުރުމަކީ އެންމެންގެ ވަގުތު ގެއްލޭ ކަމެކެވެ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments