“ޢިލްމުވެރިން” ނާއި “ދަންނަ މީހުން”

ފެބްރުވަރީ 26، 2021 . ހުކުރު

އަޅުގަނޑު ޤާނޫނީ ދާއިރާއިން ޑިގްރީ ހެދީ އަލް އަޒްހަރު ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައެވެ. އެތަނުގައި ކިޔެވިއިރު، ސަތޭކަ ވިއްސެއްހައި ދިވެހި ކުދިން އަޒްހަރުގެ އެކި ފެކަލްޓީތަކުގައި ކިޔަވަމުން ދިޔައެވެ. އެ ޔުނިވަރސިޓީގައި، ތަފާތު 90 އަށްވުރެ ގިނަ ފެކަލްޓީ ހުރެއެވެ. މީގެ ތެރޭގައި، ވަކިވަކި ޢިލްމުތަކަށް ޚާއްޞަވާ ވަރަށް ހަނި ދާއިރާތައް ހުރެއެވެ.

އަޅުގަނޑާ އެއް ދުވަސްވަރެއްގައި މިޞްރުގައި އުޅުނު އަލްއަޚް އަޙްމަދު މުސްލިމް ކިޔަވަމުން ދިޔައީ ހިސާބު ޢިލްމެވެ. އަޅުގަނޑާ އެއްދުވަހަކު ބައްދަލުވެގެން އަހައިފީމެވެ. އަޅުގަނޑަށްވެސް ހިސާބު ޢިލްމު އެނގެއެވެ. އެކަކާއި އެކަކާ އެއްކުރީމާ އަންނާނީ ދޭއްކަން އެނގެއެވެ. ހިސާބު ޢިލްމުގެ ބައިގައި، މަޢުހަދުގައި ކިޔެވިއިރު އަޅުގަނޑަށް ވަރަށް މަތިން މާރކްސް ލިބިފައިވެސްވެއެވެ. ވީމާ، އަޙްމަދު މުސްލިމް، އަޒްހަރު ޔުނިވަރސިޓީގައި އިތުރަށް ކިޔަވާ ހިސާބު ޢިލްމަކީ ކޮބައިތޯއެވެ. އޭނާގެ ޖަވާބަކީ، އޭނާ ކިޔަވަނީ، ނަންބަރެއްގެ ގޮތުގައި އެކެއްގެ މާނައަކީ ކޮބައިތޯއާއި، އެއްކުރުމުގެ މާނައަކީ ކޮބައިތޯއާއި ދޭއްގެ މާނައަކީ ކޮބައިތޯއެވެ. އެކަކާއި އެކަކާ އެއްކުރީމާ ދޭއް އަންނަނީ ކީއްވެގެންތޯއާއި އެނޫން ޖަވާބެއް ނާންނަނީ ކީއްވެގެންތޯއެވެ. އެނޫން ޖަވާބެއް އައުމުގެ ފުރުޞަތު އޮތީ ކިހާ މިންވަރަކަށްތޯއާއި އެއީ ކީއްވެގެންތޯއެވެ. މިއީ އަޅުގަނޑުގެ ވިސްނުން އެއްވެސް އިރަކު ދިޔަ ހިސާބެއް ނޫނެވެ. ތަޞައްވަރުވެސް ކުރެވުނު ހިސާބެއް ނޫނެވެ.

އަޙްމަދު މުސްލިމް ކިޔަވަމުން ދިޔަކީ، އަލްއަޒްހަރު ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ސައިންސްގެ “ފީޒިޔާ ވަލް ރިޔާޟާ” (ފިޒިކްސް އެންޑް މެތެމެޓިކްސް) ޑިޕާރޓްމަންޓްގައެވެ. ދެއަހަރު ދުވަހު ޢާންމު ސައިންސްގެ މާއްދާތައް ކިޔެވުމަށްފަހު، ޑިގްރީގެ ބާކީ ދެއަހަރު ޚާއްޞަވާންޖެހެނީ ތިން ދާއިރާއަކުން އެއް ދާއިރާއަކަށެވެ. އެއީ، ރިޔާޟާ (މެތަމެޓިކްސް)، ނުވަތަ ފީޒިޔާ (ފިޒިކްސް) ނުވަތަ ފަލަކު ވަލް އިރްޞާދު (މީޓިއޮރޮލޮޖީ) އެވެ. އޭނާ އިޚްތިޔާރު ކުރީ، މީޓިއޮރޮލޮޖީއެވެ. އޭނާއަކީ، މިހާރު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މީޓިއޮރޮލޮޖިސްޓެވެ. އަޙްމަދު މުސްލިމްއަކީ ހިސާބު ޢިލްމުގެ ބޮޑުވެގެންވާ ޢިލްމުވެރިއެކެވެ. އަޅުގަނޑަކީ ހިސާބު ޢިލްމު ދަންނަ މީހެކެވެ. އަޅުގަނޑަށް އެނގެނީ ފޮތުގައި އޮތް އެއްޗެއް ކިޔުމުން ދޭހަވާ މާނަ އެކަންޏެވެ. އަޞްލު ޢިލްމެއް ނެތެވެ.

ޤާނޫނުވެސް ހަމަ އެގޮތެވެ. ޤާނޫނު ލިޔެފައި އޮންނަނީ ދިވެހި ބަހުން ކަމަށްވާތީ، ކޮންމެ މީހަކު ކިޔަސް، އެމީހަކަށް ޤާނޫނު އެނގެއެވެ. އޭނާ ވާނީ ޤާނޫނު ދަންނަ މީހަކަށެވެ. އެއާ ޚިލާފަށް، ޤާނޫނީ ޢިލްމުވެރިންނަކީ، ޤާނޫނެއް ކިޔުމުން، އެޤާނޫނާއެކު އަދި ކިޔަންޖެހޭނެ އެހެނިހެން ޤާނޫނުތައް ހުންނާނެކަން އެނގޭ މީހާއެވެ. ޤާނޫނުގެ ލަފްޒީ މާނަ ދޫކޮށް، އޭގެ މަޤްޞަދަށް ބަލަންޖެހޭ ޙާލަތާއި، އެނޫން ޙާލަތުތައް މިނެކިރައި، ވަޒަންކޮށް، އޭގެ ތެރެއިން ފުރިހަމަ، ހަމަޖެހޭ މާނައެއް ނެރެ، އެޤާނޫނު ތަންފީޒު ކުރަން އެނގޭ މީހާއަކީ ޤާނޫނީ ޢިލްމުވެރިއެކެވެ. ޤާނޫނު ކިޔަވައިގެން ހުންނަ ކޮންމެ މީހަކީ ޤާނޫނީ ޢިލްމުވެރިއަކަށް އަދި ނުވެދާނެއެވެ.

.

.

ޢިލްމުވެރިންނަކީ، އެމީހުންގެ ޢިލްމާމެދު ޔަޤީންކަން އޮންނަ ބައެކެވެ. ދަންނަ މީހުންގައި، އެޔަޤީންކަމެއް ނޯވެއެވެ. އަޅުގަނޑު ހިސާބު ޢިލްމަށް މޮޅުކަމަށްބުނެ، އަޙްމަދު މުސްލިމާ ޖަދަލު ކުރެވެން އުޅުނީ އަޞްލު އަޅުގަނޑަށް ނޭނގޭތީއެވެ. އިނގިރޭސި ބަހުން ބުނާނަމަ، ޢިލްމާމެދު “އިންސެކިޔުއަރ” ވާތީއެވެ. އަޙްމަދު މުސްލިމަކީ ޢިލްމުވެރިއެކެވެ. އޭނާ ޖަވާބު ދިނީ ކެތްތެރިކަމާއި، މަޑުމައިތިކަމާއި، ޙިކުމަތްތެރިކަމާއެކުއެވެ. އަޅުގަނޑުގެ ސުވާލަކުން، އޭނާގެ ޢިލްމަކަށް، ނުވަތަ އޭނާއަށް އެނގޭ އެއްޗަކާމެދަކު އޭނާގެ ހިތުގައި ޝައްކެއް ނުއުފެދެއެވެ.

ޢިލްމުވެރިއަކަށްވަނީ މީހާގެ އަތުގައި ވަކި ފާހެއް އޮވެގެނެއް ނޫނެވެ. ދުނިޔޭގައި އެންމެ ފުރަތަމަ ބެޗެލަރޒް ޑިގްރީއެއް ތަޢާރަފު ކުރީ 1231 ވަނަ އަހަރުއެވެ. އެއީ އަޒްހަރުގައި ކިޔަވައިދޭން ފެށިތާ 261 އަހަރު ފަހުންނެވެ. އިސްލާމީ ދުނިޔޭގެ ކުރީ ޒަމާނުގެ މަޝްހޫރު (މިސާލަކަށް ހަތަރު މަޛްހަބުގެ މައި އިމާމުން) ޢިލްމުވެރިއެއް އަތުގައި، މިހާރު މިކިޔާ ޒާތުގެ ބެޗެލަރޒް ޑިގްރީއެއް ނޯވެއެވެ. ނަމަވެސް، އެމީހުންނަކީ ބޮޑުވެގެންވާ ޢިލްމުވެރިން ކަމާމެދަކު އެއްވެސް މީހަކު ސުވާލެއް ނުއުފައްދައެވެ.

ދަންނަ މީހާ، ޢިލްމުވެރިއަކަށް ބަދަލު ވުމަށްޓަކައި، ވަކި ކަމެއްގެ މަޢުލޫމާތު ފުންކޮށް ލިބިފައިވުމާއެކު ތަޖުރިބާވެސް ބޭނުންވެއެވެ. އަލަށް ޑިގްރީ ހަދައިގެން ނުކުންނަ ކުދިން ‘ދުނިޔެ ބަދަލު ކުރަން’ ބޭނުންވާނެއެވެ. ދެއަހަރެއްހައި ދުވަސް މަސައްކަތުގެ މާޙައުލުގައި އުޅުމުން، ޔުނިވަރސިޓީން ކިޔެވި އެއްޗަކާ، ޢަމަލީ ގޮތުން ދިމާވާ ކަންކަމާ އެއްގޮތް ނޫންކަމާއި، ޙައްލު ހޯދަންޖެހޭނީ ޢަމަލީ ދިރިއުޅުމަށްވެސް ބިނާކޮށްގެންކަން އެނގޭނެއެވެ. އެހިސާބުން، މަޑުމަޑުން ޢިލްމުވެރިއަކަށް ބަދަލުވާން ފަށައެވެ. މިއީ ޙިކުމަތު ޢަމަލީ އަންނަ ހިސާބެވެ. ކޮންމެ ކަމެއްގައި ޙިކުމަތުގެ ބޭނުން ކުރުމަކީ ޢިލްމުވެރިންގެ ސިފައެކެވެ. ދަންނަ މީހުންގެ ސިފައެއް ނޫނެވެ. ޢިލްމުވެރިން ރުޅިއައިސްގެން، އޭނާގެ “ޢިލްމު ދިފާޢެއް” ނުކުރާނެއެވެ. ޙިކުމަތްތެރި ގޮތަކީ މަޑުމައިތިރިކަމެވެ.

ޢިލްމުގެ ކުރިމަތީގައި ރުޅިވެރިކަން ފިލައިދާނެކަމީ ފެންނަން އޮތް ޙަޤީޤަތެކެވެ. އަޅުގަނޑުމެން ޑޮކްޓަރަށް ދައްކާފައި ވަކި ބޭހެއް ދިނީމާ، އެކަމާ ރުޅިއައިސްގެން ޑޮކްޓަރާ ޒުވާބެއް ނުކުރަމެވެ. އަޅުގަނޑުމެން އިތުބާރު ކުރަނީ ޑޮކްޓަރުގެ ތަމްރީނަށެވެ. އޭނާގެ ޢިލްމަށެވެ.  

ދަންނަ މީހުންނަކީ، އެމީހުން ދަންނަ ކޮންމެ ކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކާ ބައެކެވެ. ޢިލްމުވެރިން ވާހަކަ ދައްކާނީ އެމީހަކަށް އެކަމެއްގެ ފުން މަޢުލޫމާތު އެނގޭ ކަމަކާ ބެހޭ ގޮތުންނެވެ. އަޙްމަދު މުސްލިމް ކިޔެވީ އަޒްހަރުންނެވެ. އަޒްހަރުގެ ކޮންމެ ފެކަލްޓީއެއްގައި ކިޔެވިއަސް ޤުރުއާނުގެ މަދުވެގެން ތިންބައިކުޅަ ދެބައި ހިތުދަސް ނުކޮށް ފާހެއް ނުވާނެއެވެ. ނަމަވެސް، އަޙްމަދު މުސްލިމަކީ ޤުރުއާނުގެ ޢިލްމުވެރިއަކަށް ވެގެން އުޅުނު ތަނެއް، ދެއްކި ވާހަކައެއް އަޑެއް ނާހަމެވެ. ޤުރުއާނުގައި ހުރި ފަލަކީ ކަންކަމާބެހޭ ވާހަކަ ވަރަށް ޝައުޤުވެރިކަމާއެކު ދައްކައެވެ. ޤުރުއާނާއި ޝަރުޢީ ކަންކަމުގައި އޭނާއަކީ ދަންނަ މީހެކެވެ. ޢިލްމުވެރިއެއް ނޫނެވެ.

ކޮންމެ ދަންނަ މީހަކީ ޢިލްމުވެރިއެއް ނޫނެވެ. ކޮންމެ ޢިލްމުވެރިއަކީ ހުރިހާ ކަމެއް ދަންނާނެ މީހެއްވެސް ނޫނެވެ. ޢިލްމުވެރިއަކަށް ވުމަށްޓަކައި އޭނާގެ “އީގޯ” އަށް ސަމާލުވާންޖެހެއެވެ. ޙިކުމަތްތެރިކަމާއި މަޑުމައިތިރިކަން އިޚްތިޔާރު ކުރަންޖެހެއެވެ. ޢިލްމަކީ ދިފާޢު ކުރަންޖެހޭ އެއްޗެއް ނޫނެވެ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments