ދެކި އަޑުއެހި ކަންކަން – ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2 ވަނަބައި)

ޖަނަވަރީ 24, 2021


ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު އަޙްމަދު މުޢިއްޒު ޢައްޔަންކުރުން

ހަތަރެއް ސެޕްޓެމްބަރ 2008 ވީ ބުރާސްފަތި ދުވަހެވެ. އޭގެ މަހެއްހައި ދުވަސް ކުރިން ތަޞްދީޤުކުރި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ “ފެހި” ޤާނޫނުއަސާސީގެ 288 ވަނަ މާއްދާ (އިންތިޤާލީ ޕްރޮސިކިއުޓަރ ޖެނެރަލް) ގެ (ހ) ގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ އިއްތިފާޤުން ޢައްޔަން ކުރީ އަލްއުސްތާޛު އަޙްމަދު މުޢިއްޒެވެ. ރައްޔިތުންގެ މަޖިލީހެއްގެ ހުރިހާ މެންބަރުންގެ ރުހުން އޮތުން މިއީ ތާރީޚީ ކަމެކެވެ. ރާއްޖޭގެ ފަހުގެ ތާރީޚުގައި ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މިނަޞީބު ލިބުނު މަދު މީހުންގެ ތެރޭގައި އަޅުގަނޑުވެސް ހިމެނެއެވެ

މިއިން ދައްކުވައިދެނީ، އަލްއުސްތާޛު އަޙްމަދު މުޢިއްޒުއަށް ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ އިތުބާރު އޮތް މިންވަރެވެ. އެމަޤާމަށް އެއަށްވުރެ ވަކި ރަނގަޅު ބޭފުޅަކު އޭރަކުވެސް، މިހާރަކުވެސް ނެތެވެ

އަލްއުސްތާޛު އަޙްމަދު މުޢިއްޒު ޕްރޮސިކިއުޓަރ ޖެނެރަލްގެ ކަމުގެ ހުވާ ކުރެއްވުމަށްފަހު އަޅުގަނޑަށް ގުޅުއްވިއެވެ. އަލަށް އުފެއްދި ޕީޖީ އޮފީހަށް ވައްޒަފުން ބަދަލުކުރުމާބެހޭ ކަންކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވުނީ އޭރުގެ ބަންޑާރަ ނައިބާއި ޕީޖީ މުޢިއްޒުއާ ވާހަކަ ދެކެވިފައިވާނެ ކަމަށެވެ. އަޅުގަނޑަކީ އޭރު، އޭޖީ އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރެވެ. އަޅުގަނޑު އަބަދުވެސް ޤަޞްދުކުރީ ޕީޖީ އޮފީހަށް ބަދަލުވާށެވެ. އެއީ، އޭޖީ އޮފީހުގައި އަޅުގަނޑު ކުރަމުން އައި މަސައްކަތަކީވެސް ޕްރޮސިކިއުޝަންގެ މަސައްކަތް ކަމަށްވާތީއެވެ.

ޕީޖީ އޮފީހުގެ ފުރަތަމަ ދާއިމީ މުވައްޒަފު

އޭރު، އޭޖީ އޮފީހުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންނަށް ޚިޔާރެއް ސަރުކާރުން ދެއްވިއެވެ. އޭޖީ އޮފީހުގައި މަޑުކުރައްވަން ނުވަތަ ޕީޖީ އޮފީހަށް ބަދަލުވާށެވެ. ޤާނޫނުއަސާސީއަށް ބަދަލު އައުމާއެކު، މިނިސްޓްރީ އޮފް ޖަސްޓިސް އުވާލައި، އެމިނިސްޓްރީގައި ތިއްބެވި މުވައްޒަފުން އޭރު އޮތީ އޭޖީ އޮފީހަށް ބަދަލު ކުރައްވާފައެވެ. އެހެންކަމުން، ޕީޖީ އޮފީހަށް ގިނަ މުވައްޒަފުންތަކެއް ބަދަލުވިޔަސް، އޭޖީ އޮފީހުގެ މަސައްކަތަކަށް ބުރުލެއް އަރާނެކަމަކަށް އޭރަކު ނުފެނުނެވެ.

އަޅުގަނޑު އޭޖީ އޮފީހުން ޕީޖީ އޮފީހަށް ބަދަލު ކުރި ރަސްމީ ލިޔުމުގައި އޮތީ ކީކޭކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ނަމަވެސް، އެހެން ހުރިހާ މުވައްޒަފުންނަށްވުރެ ކުރިން، ރަސްމީކޮށް އަޅުގަނޑު ޕީޖީ އޮފީހަށް ބަދަލު ކުރެއްވިއެވެ. އަޅުގަނޑަކީ ޕީޖީ މުޢިއްޒުއާއެކު ޕީޖީ އޮފީހުގެ ތާރީޚުގައި، އެއޮފީހުގައި މަސައްކަތްކުރި ދެވަނަ މުވައްޒަފެވެ. ދާއިމީ ވަޒީފާއެއްގެ ގޮތުން އެތަނުގެ މަސައްކަތަށް ވަތް ފުރަތަމަ މުވައްޒަފެވެ.

“ވަޒީރުންގެ ފެންވަރުގެ” ކޮޓަރިކޮޅު

ސަރުކާރުން ޕީޖީ އޮފީސް ހިންގަން ދެއްވި ޢިމާރާތަކީ، ހެންވޭރު މަޖީދީމަގުގައި ނަރުސް ކުދިންނަށް ކިޔަވައިދޭން ބޭނުންކުރި ޢިމާރާތެވެ. ޕީޖީ އޮފީހަކީ، އެޢިމާރާތުގެ އެންމެ މަތީ ބުރީގެ އުތުރު ފަރާތު ކަނުގައި ހުރި އޮފީހެވެ. 4 ސެޕްޓެމްބަރ 2008 އާ ޖެހިގެން އައީ ހަފްތާ ބަންދެކެވެ. ސަރުކާރު ހުޅުވުނީ، 7 ސެޕްޓެމްބަރ 2008 ވީ އާދީއްތަ ދުވަހުއެވެ. އެދުވަސް ދިމާވީ ރަމަޟާން މަހާއެވެ. އަޅުގަނޑު ގޭގައި ނިދާފައި އޮއްވާ ޕީޖީ މުޢިއްޒު ގުޅުއްވައި، އޮފީސް ހުޅުވަން އެދިވަޑައިގަތެވެ. އޭގެ ކުރީ ދުވަހެއްގައި އަޅުގަނޑު އަތަށް އޮފީހު ތަޅުދަނޑި އޮތީ ދެއްވާފައެވެ. އަޅުގަނޑު ސް އަވަހަށް ގޮސް އޮފީސް ހުޅުވީމެވެ. އެއީ، ޕީޖީ އޮފީހުގެ ދޮރު ރަސްމީކޮށް ހުޅުވުނު ފުރަތަމަ ދުވަހެވެ. އެދުވަހު އޮފީހުގައި ތިބީ އަޅުގަނޑާއި ޕީޖީ މުޢިއްޒާ ދެމީހުންނެވެ

ޕީޖީ މުޢިއްޒު އެދުވަހު ރައީސް އޮފީހުން ޢާމިރު ކިޔާ ބޭފުޅަކާ ގުޅުއްވިއެވެ. ޢާމިރު ވިދާޅުވިކަމަށް ޕީޖީ މުޢިއްޒު ވިދާޅުވީ، އޮފީހުގައި “ވަޒީރުންގެ ފެންވަރުގެ މޭޒުކޮޅަކާއި ގޮނޑިކޮޅަކާއި އަލަމާރިއެއް” ހުންނާނެ ކަމަށެވެ. އެތަން މިވަގުތަށް ބޭނުން ކުރަންވީއެވެ. އެކޮޓަރީގައި އިތުރު ދެ ގޮނޑިއާއި ބައު ޓީވީއެއްވެސް ހުއްޓެވެ. އެޢިމާރާތުގައި އޭރު ހިނގަމުން ދިޔައީ ކޮމިއުނިޓީ ޑިވެލޮޕްމަންޓުގެ މަސައްކަތެކެވެ. އެތަން ހިންގަން އޭރު ހުންނެވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓުގެ މިވަގުތުގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް ޙުސައިން ރަޝީދެވެ. ޕީޖީ އޮފީހަށް ދެއްވި ކޮޓަރިކޮޅަކީ، އޭރުގެ މިނިސްޓަރ ވަޑައިގެން މަޑުކޮށްލައްވަން ތައްޔާރުކޮށްފައި ހުރި ކޮޓަރިކޮޅެކެވެ. ވަޒީރުންގެ ފެންވަރުގައެވެ. އަޅުގަނޑާއި ޕީޖީ މުޢިއްޒުއާ ދެމީހުން އެމޭޒުގެ ދެފަރާތުގައި، ފޯނު ކޮށްލަ ކޮށްލާ އެދުވަހު ތިބީއެވެ. ޕީޖީ މުޢިއްޒު ގުޅުއްވީ ރައީސް އޮފީހަށާއި މިނިސްޓްރީ އޮފް ފިނޭންސަށެވެ. އަޅުގަނޑު ގުޅީ އޭޖީ އޮފީހަށެވެ. އިދާރީ ގޮތުން ހަމަޖައްސަންޖެހޭ ކަންކަމާއި، މައްސަލަތަކުގެ ފައިލްތައް ގެނައުމުގެ ކަންތައް ކުރާނެ ގޮތެއް ރާވާށެވެ.

އިދާރީ ބައެއް އުސްއަލިތައް – ދައުލަތް ތައްޔާރުވެފައިވާ މިންވަރު

ޖެހިގެން އައި މަހެއްހައި ދުވަހު ބޮޑަށް ކުރީ އިދާރީ ކަންތައްތަކެވެ. ފާހަގަކުރެވޭ ބައެއް ޙާދިސާތަކުގެ ތެރޭގައި، އޮފީހުގެ ފަރުނީޗަރު ގަތުމުގެ މަސައްކަތުގައި ފިނޭންސް މިނިސްޓްރީން އައިމަން ކިޔާ ބޭފުޅަކާއެކު ކުރި ދަތުރުތައް ހިމެނެއެވެ. މިއިން ބައެއް ދަތުރު ތަކުގައި އަޅުގަނޑާއި މުޢިއްޒުއާއެކު މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދުވެސް ވަޑައިގެންނެވެ. ޕީޖީ އޮފީހުގެ ފޯނާއި ފެކްސް ލައިނު ދިރާގުން ހޯދީ ވަގުތީ ގޮތުން ޒިންމާވާ މީހެއްގެ ގޮތުގައި އަޅުގަނޑުގެ ނަމުގައެވެ. އެންމެ ފުރަތަމަ ޕީޖީ އޮފީހަށް ބަދަލުވީ 17 ޕްރޮސިކިއުޓަރުންނެވެ. އެބޭފުޅުންނާއެކު ފޮނުއްވީ އެބޭފުޅުން އޭޖީ އޮފީހުގައި މަސައްކަތް ކުރެއްވި ކޮމްޕިއުޓަރާއި އެހެނިހެން ވަޞީލަތްތަކެވެ. ދިރާސާނުކޮށް، އަތްނުލައި އޮތް 1400 އެއްހާ މައްސަލައިގެ ފައިލް ވާރުތަވިއެވެ. ކޯޓުގައި ހިނގަމުންދިޔަ ދެހާހެއްހައި މައްސަލައިގެ ފައިލްތައް ލިބުނީ އަދި މާފަހުންނެވެ.

ޚުލާޞާއަކީ، ޤާނޫނުއަސާސީއިން ވަކި މުއައްސަސާއެއް އުފެއްދިއިރު، އެމުއައްސަސާ ހިނގާނެ ގޮތެއް ނުވަތަ ތަރުތީބުތަކެއް ސަރުކާރުގެ ތެރޭގައި ހަމަޖެހިފައެއް ނެތެވެ. އޭގެ 12 އަހަރު ފަހުން، އެކަންތައް މިއަދުވެސް އޮތީ ހަމަ ދާދި މިކަހަލަ ގޮތަކަށެވެ. މުއައްސަސާތައް އުފައްދަނީއެވެ. އިދާރީ އިންތިޒާމުތައް ރާވައި ތަންފީޛްކުރާނޭ އިންތިޒާމެއް ހަރުދަނާ ގޮތެއްގައި އެކަށައެޅިފައެއް ނެތެވެ. އަޅުގަނޑުމެންނަށް މީގެ 12 އަހަރު ކުރިން ދަތި، އުނދަގޫ ޙާލަތެއްގައިވެސް ޕީޖީ އޮފީސް ކާމިޔާބު ކަމާއެކު ހިންގުނީ ޕީޖީ އަޙްމަދު މުޢިއްޒުގެ އިޖުތިމާޢީ ގުޅުންތައް ވަރުގަދަ ކަމުންނެވެ. މުޢިއްޒު ގުޅުއްވައިގެން ހަމަނުޖެހޭ ކަމެއް އޭރު ދައުލަތުގެ ތެރޭގައި ވަރަށް މަދެވެ. ޙަޤީޤަތުގައި ކަންތައް ހިނގަންވީ އެގޮތަކަށް ނޫނެވެ. ދައުލަތް “ސްމޫތުކޮށް” ހިނގަންޖެހެއެވެ. މަޤާމުގައި ކޮންމެ މީހަކު ހުއްޓަސްވެހެވެ.

Subscribe
Notify of
guest
2 Comments
Inline Feedbacks
View all comments