ދެކި އަޑުއެހި ކަންކަން – ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (1 ވަނަބައި)

ޖަނަވަރީ 08, 2021


ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ އަޅުގަނޑުގެ ޕްރޮފެޝަނަލް މަސައްކަތުގައި އެތައް ގޮތަކުން ގާތް މުއައްސަސާއެކެވެ. ދައުލަތުގެ ވަޒީފާއެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (އޭގެ ކުރިން އެޓަރނީ ޖެނެރަލްގެ އޮފީސް) ފިޔަވައި އެހެން ތަނެއްގައި ދާއިމީ ވަޒީފާއެއް އަދާ ކޮށްފައެއް ނުވާނެއެއެވެ. އެންމެ ފުރަތަމަ 1998 ވަނަ އަހަރު، ސެކްރެޓަރީއެއްގެ ގޮތުގައި ގުޅުނީ އެޓަރނީ ޖެނެރަލްގެ އޮފީސް (އޭޖީ އޮފީސް) އާއެވެ. އޭގެ ފަހުން، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން ކިޔަވައި ނިމިގެން އަނެއްކާވެސް ގުޅުނީ އޭޖީ އޮފީހާއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އުފެދުމާއެކު، އަޅުގަނޑަކީ އޭޖީ އޮފީހުން ޕީޖީ އޮފީހަށް ބަދަލުކުރި ފުރަތަމަ މުވައްޒަފެވެ. ދެފަހަރެއްގެ މަތިން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަން ކުރެވުނެވެ. އެދެފަހަރުވެސް މަޤާމުން އިސްތިއުފާ ދިނީމެވެ. އެއީ، 2012 ވަނަ އަހަރު، އިނގިރޭސި ވިލާތު ސަރުކާރުން ދެއްވި ސްކޮލަރޝިޕެއްގައި މާސްޓަރސް ކިޔެވުމަށް ދިއުމަށް އެއްފަހަރާއި، 2014 ވަނަ އަހަރު އެއްފަހަރެވެ. ދުވަހަކުވެސް ވަތްކެއް ނުކުރެއެވެ.

މިލިޔުމަކީ ސިލްސިލާއެކެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އުފެދިގެން މިއަދާ ހަމައަށް އައިއިރު އަޅުގަނޑަށް ފެނި، ތަޖުރިބާ ކުރެވުނު މުހިންމު ހާދިސާތައް ތާރީޚަށްޓަކައި ލިޔާ ސިލްސިލާއެކެވެ. މީގެ ތެރޭގައި، އޮފީސް އުފެދެން ޖެހުނު ސަބަބާއި، އެންމެ ފުރަތަމަ މަޤާމަށް ޢައްޔަން ކުރެވުނު ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު އަޙްމަދު މުޢިއްޒުގެ އަރިހުގައި ކުރެވުނު ތަޖުރިބާތަކާއި ދަސްވި ގިނަ ފިލާވަޅުތަކާއި، އޮފީސް އުފެދި، ތަރައްޤީވަމުން އައި ގޮތާއި، އޭރު ކުރަންޖެހުނު މުހިންމު ދަޢުވާތަކުގެ ވާހަކައެވެ. އެކަންކަން ކުރުމުގައި ވިސްނުން ގެންގުޅުނު ގޮތުގެ ވާހަކައެވެ. އަލްއުސްތާޛު އަޙްމަދު މުޢިއްޒު އިސްތިޢުފާ ދެއްވިއިރު ދިމާވި ކަންތައްތަކުން ފެށިގެން ގޮސް، މިއަދު އެ މަޤާމަށް އަޅުގަނޑު ޢައްޔަންވި ހިސާބާއި، އަޅުގަނޑުގެ ވިސްނުމާއި ތަޞައްވަރު ހުރި ގޮތްވެސް ލިޔާނަމެވެ. ޕީޖީ އޮފީހުން، ޖިނާއީ ޢަދުލުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެންނަން ކުރާ މަސައްކަތާއި އެކަން ޙާޞިލުވާ (ނުވަތަ ނުވާ) ކަމަށް އަޅުގަނޑަށް ފެންނަ މިންވަރުވެސް ލިޔާނަމެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އުފެއްދި ސަބަބު

ދިވެހިރާއްޖޭގެ ސިޔާސީ އަދި ޤާނޫނީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނުވި އެއް ޙާދިސާއަކީ، 19 ސެޕްޓެމްބަރ 2003 ދުވަހު މާފުށީ ޖަލުގައި، މ. އޭޝިޔާ ޙަސަން އީވާން ނަސީމް ކިޔާ ޒުވާނަކު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި ޙާދިސާއެވެ. އެކަން މެދުވެރިވުމުގެ އަޞްލަކަށްވީ، ޖިނާއީ ޢަދުލުގެ ނިޒާމު އޮތްގޮތް ދޯދިޔާކަމުންނެވެ. އެޙާދިސާއާ ގުޅިގެން، އޭރު ހިނގަމުންދިޔަ އިޞްލާޙީ އޮއިވަރު އިތުރަށް ވަރުގަދަވިއެވެ. ޙަސަން އީވާން ނަސީމު މަރާލުމުގައި ބައިވެރިވި މީހުންގެ މައްޗަށް ކުރި ދަޢުވާތަކާއި އެމައްސަލަތައް ހިނގައިދިޔަ ގޮތުގެ ވާހަކަ އެހެން މަޒުމޫނެއްގައި ލިޔާނަމެވެ. އެހުރިހާ މައްސަލައެއްގެ ހައިކޯޓު މަރްޙަލާގައި ދައުލަތުން ވަކާލާތުކުރީ އަޅުގަނޑެވެ.

އޭރު (2003/2004) ގެ ނިޒާމު ހަމަޖެހިފައި އޮތްގޮތުން، މުޅި ޖިނާއީ ޢަދުލުގެ ނިޒާމުގެ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ.
(11 ނޮވެމްބަރ 1978 އިން 10 ނޮވެމްބަރ 2008 އަށް ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ.) ދަޢުވާ ކުރުމުގެ އިސްމީހަކީ އެޓަރނީ ޖެނެރަލެވެ. އެޓަރނީ ޖެނެރަލަކީ ކެބިނެޓުގައި ހިމެނޭ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ސިޔާސީ މަޤާމެކެވެ. ފުލުހުންނާއި ސިފައިން އޮތީ އެއް މުއައްސަސާއެއްގެ ގޮތުގައެވެ. ސިފައިންގެ ވެރިއަކީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. ޤާނޫނުއަސާސީ އޮތް ގޮތުން، ޖުޑީޝަރީގެ އިސްމީހަކީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. ތަޙުޤީޤުކޮށް، ދަޢުވާކޮށް ޙުކުމް ކުރަނީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. އެއީ، އޭރު ނިޒާމު އޮތް ގޮތެވެ.

ތަޙުޤީޤުކުރަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީންނެވެ. ތަޙުޤީޤުކޮށް، ދަޢުވާ ކޮށްދިނުން އެދި ފޮނުވަނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފޯމަކުންނެވެ. މިނިސްޓަރ އޮފް ޑިފެންސަކީ (ވަރަށް ގިނަ ދުވަސްވަންދެން) ރައީސުލްޖުމްހޫރިއްޔާއެވެ.

ދަޢުވާކުރަނީ (ރައީސްގެ ހުއްދައާއެކު) ބަންޑާރަނައިބު

އޭރު ނިޒާމު އޮތް ގޮތުން، ދަޢުވާކުރުމުގެ މަސައްކަތުގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު އޮތީކީ ރަމްޒީ ގޮތަކަށްވެސް ނޫނެވެ. އަޅުގަނޑު އޭޖީ އޮފީހާ ގުޅުނުއިރުވެސް، މަރުގެ މައްސަލައެއްގައި ނުވަތަ ކޮރަޕްޝަންގެ މައްސަލައެއްގައި މީހެއްގެ މައްޗަށް ދަޢުވާއެއް ކުރާނަމަ، ރައީސް އޮފީހުގެ ހުއްދަ ލިޔުމުން ހޯދަންޖެހެއެވެ. އަޅުގަނޑު މަސައްކަތް ކުރި ކޮރަޕްޝަންގެ މައްސަލައެއްގައި ދަޢުވާއެއް ކުރަން ނުފެންނަކަމަށް ބުނެ ރައީސް އޮފީހުން ލިޔުމެއް ފޮނުއްވައިގެން އެމައްސަލައިގައި ދަޢުވާ ނުކުރާން ނިންމިކަން އަޅުގަނޑަށް އެނގެއެވެ. ބައެއް ޙާލަތުތަކުގައި، އޭޖީ އޮފީހުގެ ނިންމުމާ ދެކޮޅަށް، ދަޢުވާ ކުރުމަށް ރައީސް އޮފީހުން އަންގަވާފައިވެސް އެބަ ހުއްޓެވެ. އޭގެ ދެހާދިސާއެއް، އެމަޢުލޫމާތު އެނގޭ މީހަކު އަޅުގަނޑާ ޙިއްސާ ކުރެއްވިއެވެ. ބަންޑާރަނައިބަށް ޤާނޫނު މާނަކޮށްދެނީވެސް ރައީސް އޮފީހުންނެވެ. އަޅުގަނޑު އޭޖީ އޮފީހުގައި އުޅުނުއިރު، ޓެރަރިޒަމްގެ މައްސަލަތަކުގައި ދަޢުވާކުރުމުގައި، ޤާނޫނު މާނަކުރާނެ ގޮތާބެހޭ ގޮތުން ރައީސް އޮފީހުން (ނޢޢވ) އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން ސޮއިކުރައްވައި ފޮނުއްވާފައި އޮންނަ ލިޔުމަކާ އައީ ޙަވާލާދެމުންނެވެ.

ޙަސަން އީވާން ނަސީމުގެ މަރުގެ ހާދިސާއާ ގުޅިގެން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ، އިޞްލާޙީ އެޖެންޑާއެއް އިޢުލާނުކުރެއްވިއެވެ. މިކަން އިޢުލާނުކުރައްވާ ދެއްވި ތަޤުރީރު އޮތީ، 9 ޖޫން 2004 ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. އިޞްލާޙީ އެޖެންޑާގައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ވާހަކަ ތަފްޞީލުކޮށް އޮތެވެ. ނަމަވެސް، މިނިވަން ޕްރޮސިކިއުޓަރ ޖެނެރަލެއްގެ ވާހަކައެއް ނެތެވެ. އިޞްލާޙީ އެޖެންޑާގެ ދަށުން 2006 ވަނަ އަހަރު އިޢުލާނުކުރެއްވި މަގުޗާޓަކުވެސް ދަޢުވާކުރުމުގެ ކަންތައް މިނިވަންކުރާ ވާހަކައެއް ނެތެވެ. ޙަސަން އީވާން ނަސީމްގެ މަރުގެ ޙާދިސާއަކީ އިޞްލާޙީ އެޖެންޑާ ގެނައުމަށް މެދުވެރިވި ސަބަބަކަށް ވެދާނެއެވެ. ނަމަވެސް، އެއީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު މިނިވަންކުރަން މެދުވެރިވި ސަބަބެއް ކަމަކަށް ނުބެލެވެއެވެ.

2004 އޮގަސްޓު 12/13

2004 ވަނަ އަހަރުގެ އޮގަސްޓު 12/13 ޙާދިސާއަކީ އޭރު “މިނިވަން ބަހުސް” ގެ ނަމުގައި ހިންގި އިޞްލާޙީ މަސައްކަތުގެ ތެރެއިން ހިނގައިދިޔަ ކަމެކެވެ. އެ ބަހުސްތައް ރާވާ އިންތިޒާމުކުރި ބަޔަކު ހައްޔަރުކުރުމާ ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުމެކެވެ. 2004 އޮގަސްޓު 12 ވަނަ ދުވަހުގެރޭ ފެށުނު އެއްވުން، ފުލުހުން ނުކުމެ ރޫޅާލީ ޖެހިގެން އައި ދުވަހުގެ މެންދުރު ހުކުރު ނަމާދަށްފަހު، 14:30 އެހައިކަށްހައިއިރުއެވެ. މިހާދިސާއާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލިއެވެ. މީގެ ތެރޭގައި، އޭރު ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ހިމެނެއެވެ. ގިނަ ދުވަސްތަކެއް ވަންދެން އެބޭފުޅުން ބަންދުގައި، ގިރިފުއްޓާއި ދޫނިދޫގައި ތިއްބެވިއެވެ. އޭރަކީ، ދިފާޢީ ވަކީލުންގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ލިބޭ ދުވަސްވަރެއް ނޫނެވެ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން، ހައްޔަރުގައި ތިބި ގިނަ ބައެއްގެ ޤާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރައްވަން ކެރިގެން ވަޑައިގެންނެވީ އަލްއުސްތާޛު އަޙްމަދު މުޢިއްޒެވެ.

އެމައްސަލައިގެ ޙާދިސާ ހިނގިއިރު، އަޅުގަނޑު ހުރީ މިޞްރުގައެވެ. އަޅުގަނޑު އޭޖީ އޮފީހާ ގުޅުނީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އޭރު އެޓަރނީ ޖެނެރަލަކަށް ހުންނެވީ ޑރ. ޙަސަން ސަޢީދެވެ. އޭގެ ފަހުންވެސް، އޮގަސްޓު 12/13 ޙާދިސާއާ ގުޅޭ އެތައް ބައެއްގެ މައްސަލަތައް ފުލުހުން އޭޖީ އޮފީހަށް ދިޔައީ ފޮނުވަމުންނެވެ. ދަޢުވާތައް ދިޔައީ ކޯޓަށްވެސް ހުށަހަޅަމުންނެވެ. ދަޢުވާތައް ކުރިއަށް ދިޔަނަމަ، ދިގު މުއްދަތެއްގެ ޙުކުމްތަކެއް އައީހެވެ. މިދަޢުވާތައް ހުށަހަޅައިގެން ކުރިއަށް ގޮސްގޮސް އޮއްވާ، ސުނާމީ ކާރިސާއާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ޚާއްޞަ ފިޔަވަޅެއްގެ ގޮތުން، އޮގަސްޓް 12/13 ޙާދިސާއާ ގުޅިގެން ދަޢުވާ އުފުލި ހުރިހާ އެންމެންގެ ދަޢުވާތައް އަނބުރާ ގެންނެވިއެވެ. އެހިސާބުން، އެޗެޕްޓަރު ނިމުނީއެވެ.

ޤާނޫނުއަސާސީއާއި މިނިވަން ޕްރޮސިކިއުޓަރ ޖެނެރަލް

ޤާނޫނުއަސާސީ ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތަކީ، އެންމެ ފުރަތަމަ ޤާނޫނުއަސާސީގައި ހުންނާނެ އަސާސީ ސިފަތަކާބެހޭ ގޮތުން ވާހަކަ ދެއްކުމެވެ. އެއަށްފަހު، އެކަންކަމުގެ ތަފްޞީލުތަކާބެހޭ ގޮތުން ހުށަހެޅުންތައް ހުށަހަޅައި ފާސްކުރަމުން ގެންދިއުމެވެ.

އޮގަސްޓު 12/13 ގެ ތަޖުރިބާގެ އަސަރު ޤާނޫނުއަސާސީ ޑްރާފްޓު ކުރުމުގެ މަސައްކަތަށް ފޯރިއެވެ. އެގޮތުން، މިނިވަން ޕްރޮސިކިއުޓަރ ޖެނެރަލެއް ހުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދެކެވި، ޤާނޫނުއަސާސީއަށް އެބައި އިތުރުކުރަން ހުށަހެޅި ފާސްވިއެވެ. މިއީ، ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާބެހޭ ގޮތުން ދެކެވުނު ވާހަކަތަކުގެ ތެރޭގައި ބަހުސްގައި މާފުޅާކޮށް މަޝްވަރާ ކުރެވުނު ކަމެއް ނޫނެވެ. ސަރުކާރުގެ އެއްވެސް ހުށަހެޅުމެއްގައި ރަސްމީކޮށް ފެންނަން އޮތް ކަމެއް ނޫނެވެ. އެހެންކަމުން، ޤާނޫނުއަސާސީގައި މިނިވަން ޕްރޮސިކިއުޓަރ ޖެނެރަލެއް ހުރުމުގެ ވާހަކަ އުފަންވެގެން އައީ، އަޅުގަނޑަށް ފެނުނު ތަނުގައި، އޮގަސްޓު 12/13 ހާދިސާގެ ތަޖުރިބާތަކުންނެވެ.

މިވާހަކަ ލިޔުމުގެ ބޭނުމަކީ، މިނިޒާމު އުފެދިގެން އައި ގޮތް ދެނެގަތުމެވެ. އޭގެފަހުން، އޭރު ޤާނޫނުއަސާސީން ޙައްލުކުރަން ބޭނުންވި މައްސަލަ ޙައްލުވޭތޯ ބަލައި ވަޒަންކުރުމެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ޤާނޫނުގައިވާ ގޮތުގެ މަތިން ކުރުމުގައި، މިނިޒާމު ބައްޓަންވެގެން އައި ގޮތުގެ ތާރީޚީ ޙަޤީޤަތްތައް ސާފުވެފައި އޮތުމަކީ މުހިންމުކަމެކެވެ. ތަޙްޤީޤީ އިދާރާތަކުން ފޮނުވާހާ މައްސަލައެއްގައި، (ޤާނޫނީ ގޮތުން ބަލަންޖެހޭ ބެލުންތައް ނުބަލައި، ސިޔާސީ މަޤްޞަދެއް ޙާޞިލުކުރެވޭކަން ދޭހަވާގޮތަށް) ދަޢުވާ ކުރުމަކީ އޭރުގެ ޤާނޫނީ ނިޒާމުގެ ސިފައެކެވެ. މިހާރުގެ ސިފައެއް ނޫނެވެ. މިހާރު މިއޮތް ނިޒާމު އެކުލަވާލީ، އެކަހަލަ ކަންތައް ޙައްލުކުރާށެވެ. އަލްފާޟިލް ސީނާ އަޙްމަދު ޒާހިރު ވިދާޅުވާގޮތަށް، އޭޖީ އޮފީހަކީ (މިހާރު ޕީޖީ އޮފީހަކީ) ޕޯސްޓް އޮފީހެއް ނޫނެވެ. ހެކި ވަޒަންކޮށް، ދަޢުވާ ކުރުމާމެދު ގޮތެއް ނިންމުމަކީ، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮސިކިއުޓަރ ޖެނެރަލް މުސްތަޤިއްލުކަމާއެކު ނިންމާ ނިންމުމެކެވެ. އެނިންމުން އެގޮތަށް ނުނިންމޭނަމަ، ކުރިއެކޭ މިހާރެކޭ ތަފާތެއް ނެތެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ މިނިވަންކަން

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ ސަރުކާރާ ވަކިން އޮންނަ މިނިވަން މުއައްސަސާއެކެވެ.
ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ނ) ގައި އޮންނަނީ؛

“ޕްރޮސިކިއުޓަރ ޖެނެރަލަކީ، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި އޭނާއަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކަންކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގައިވާ މީހަކަށް ވެގެނެއްނުވާނެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރަންވާނީ އަދި ބާރުތައް ބޭނުންކުރަންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތަޢައްޞުބުން އެއްކިބާވެހުރެ ބަންޑާރަނައިބު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށެވެ. އަދި އޭނާގެ މަސައްކަތުގެ އަސާސް ބިނާކުރަންވާނީ ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީވުމުގެ މައްޗަށެވެ.” މިހެންނެވެ.

“ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީވުމުގެ އަސާސް”

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އުފެދިގެން މިވީ 12 އަހަރަށްވުރެ ގިނަ ދުވަހު، އަޅުގަނޑާ ނުލައި، 3 ޕްރޮސިކިއުޓަރ ޖެނެރަލަކު މަސައްކަތް ކުރައްވާފައިވެއެވެ. އެހެން ބައެއް އޮފީސްތަކާ ޚިލާފަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން މަސައްކަތް ކުރުމާއި ނުކުރުން ބިނާވަނީ ޕްރޮސިކިއުޓަރ ޖެނެރަލުގެ މަޤާމުގައި ހުންނަ މީހާގެ ކުޅަދާނަކަމުގެ މައްޗަށެވެ. މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ގުޅިފައި އޮންނަނީ މަސައްކަތްކުރާ ފެންވަރުގެ މައްޗަށެވެ. މިހުރިހާކަމެއް ހުރީ ގުޅި ލާމެހިފައެވެ. ރައްޔިތުންގެ އިތުބާރު ލިބޭނީ ދުނިޔޭގެ ފެންވަރުގެ މަސައްކަތެއް ކޮށް، ނަތީޖާ ނެރެވިގެންނެވެ. “ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީވުމުގެ” މައްޗަށް ޙަޤީޤަތުގައިވެސް މަސައްކަތް ބައްޓަން ކުރެވިގެންނެވެ. އަޅުގަނޑަށް އޮތް ގޮންޖެހުމަކީ އަލްއުސްތާޛު އަޙްމަދު މުޢިއްޒު ހިންގެވިހާ ހަމަހަމަކަމާއި، ހާމަކަމާއި ޖަވާބުދާރީވުމުގެ އަސާސްގެ މައްޗަށް މަސައްކަތް އަލުން އަނބުރާލުމެވެ. މާތްﷲ ގެ އަމުރާ އިރާދަފުޅުގައި ހުރީވިއްޔާ، އެކަން އަޅުގަނޑު ޙާޞިލުކުރާނަމެވެ.

Subscribe
Notify of
guest
2 Comments
Inline Feedbacks
View all comments