ހަނުހުރުމުގެ ޙައްޤު – ތިމާއާ އެއްކޮޅަށް ހުރި ހެކި ހާމަކުރުން

ޖަނަވަރީ 11, 2021


ޖިނާއީ ޢަދުލުގެ ނިޒާމަކީ، ގިނަ ބައެއްގެ ޙައްޤުތަކާ ގުޅުންހުރި ނިޒާމެކެވެ. މިނިޒާމުގެ ތެރޭގައި މީހުންނާމެދު އަޅާ ފިޔަވަޅުތައް ވާންޖެހޭނީ އިންޞާފުވެރި، ދެފުށް ފެންނަ ފިޔަވަޅަކަށެވެ. ކުށްކުރާ މީހުންނަށް ނިޒާމުން ރެކިގެން ދެވިގެން ނުވާނެއެވެ. ނަމަވެސް، އެއަށްވުރެ މުހިންމު ކަމަކީ، ކުށް ނުކުރާ މީހާއަށް ނިޒާމުގެ ތެރެއިން އަނިޔާއެއް ނުލިބުމެވެ. ޤާނޫނީ ޢިލްމުވެރިން ބުނާ ގޮތުން، ކުށްނުކުރާ މީހަކު ކުށެއްގައި ބެދުމަކީ، ކުށް ކުރި މީހަކު ސަލާމަތްވެގެން ދިއުމަށްވުރެ މާ ގޯސް ކަމެކެވެ.

ޖިނާއީ ތަޙުޤީޤު ރާއްޖޭގައި ހިންގަނީ ތަޙުޤީޤީ އިދާރާތަކުންނެވެ. މައިގަނޑު އިދާރާއަކީ ފުލުސް އޮފީހެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މީރާއާއި މަރު ކޮމިޝަނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި، މިހެންގޮސް ބައެއް އިތުރު އިދާރާތައެއް ހުރެއެވެ. މިހުރިހާ އިދާރާތަކުން މައްސަލަ ތަޙްޤީޤުކުރުމަށްފަހު ފޮނުވަންޖެހެނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ. ތަޙުޤީޤުގެ މައްޗަށް ފިޔަވަޅު އެޅުން (ދަޢުވާ ކުރުން ނުވަތަ ނުކުރުން) އެއީ ޕީޖީގެ ޚާލިޞް ބާރެކެވެ. ތަޙްޤީޤު ގޯހީވިއްޔާ ދަޢުވާއެއް ހުށަހަޅައިގެން ސާބިތެއް ނުކުރެވޭނެއެވެ. މުޅި މަސައްކަތް ބޭކާރުވީއެވެ. ވީމާ، ޖިނާއީ މައްސަލައެއްގެ ތަޙްޤީޤު ރަނގަޅަށް އޮތުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޞްލަޙަތު ވަރަށް ބޮޑަށް އޮތް ކަމެކެވެ.

މިވާހަކަ ޤާނޫނުއަސާސީގައިވެސް އެބައޮތެވެ. ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) ގައި، “ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަޙުޤީޤުތައް ބަލައި އެކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުން” އަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ.

2008 ވަނަ އަހަރުގެ “ފެހި” ޤާނޫނުއަސާސީގައި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އެއް އަސާސީ ޙައްޤަކީ ހަނުހުރުމުގެ ޙައްޤެވެ. އެއީ، ތިމާއާ ދެކޮޅަށް ބަޔާނެއް ނުދީ ހުރުމުގެ ޙައްޤެވެ. މިވާހަކަ ޤާނޫނުއަސާސީގައި ލިޔުނީ، 2004 ވަނަ އަހަރު ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ދިރާސާކޮށް ރިޕޯޓެއް ތައްޔާރުކުރި ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިޔާގެ ޕްރޮފެސަރ ޕޯލް އެޗް ރޮބިންސަންގެ ރިޕޯޓުގައި، ރާއްޖޭގައި ކުށް ސާބިތުވާ މީހުންގެ ނުވަދިހަ ޕަސެންޓު މީހުންގެ މައްޗަށް ހެކި ނުހުންނަކަމާއި، ކުށް ސާބިތުވަނީ އިޢުތިރާފުގެ މައްޗަށް ކަމަށް ލިޔެ ފާޑު ކިޔުމުންނެވެ. ޕްރޮފެސަރުން އެކަހަލަ ވާހަކަ ވިދާޅުވާނީ ނިކަން ޢިލްމީ ކޮށެވެ. ޕްރޮފެސަރ ރޮބިންސަން ރީތިކޮށް އެވިދާޅުވީ، ފުލުހުން ގަދަކަމުން ބަޔާން ނަގާކަމާއި މިނިޒާމު ހިނގަނީ އަނިޔާވެރިކޮށް ކަމަށެވެ. ހެކީގެ މައްޗަށް ބަލައި ކުށް ސާބިތުކުރުމުގެ ސަޤާފަތެއް ނޯންނަކަމަށެވެ. މިއީ، އޭރު ދިވެހި ސިޔާސީ ވެރިންވެސް ދެއްކި ވާހަކައެކެވެ. އެކަން ޙައްލުކުރުމުގެ ގޮތުން، ޤާނޫނުއަސާސީގައި ފުރަތަމަ ފަހަރަށް ހަނުހުރުމުގެ ޙައްޤު، އަސާސީ ޙައްޤެއްގެ ގޮތުގައި ލިޔުނީއެވެ. އައު ޤާނޫނުއަސާސީއާއެކު އިޢުތިރާފުގެ މައްޗަށް މައްސަލަ ނިންމަމުން އައި ނިޒާމު ކުއްލިއަކަށް ހެކީގެ މައްޗަށް މައްސަލަ ނިންމާ ނިޒާމަކަށް ހިޖުރަކުރީއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި ހަނުހުރުމުގެ ޙައްޤޭ ބުނުމުން އެއީ ޤާނޫނީ ވަކީލުން އިތުރަށް ވިސްނަންޖެހޭ ކަމެއް ނޫނެވެ. އެކަން، އެޤައުމުތަކުގެ ޤާނޫނުއަސާސީތަކާއި ޖިނާއީ ޢަދުލުގެ ނިޒާމުގައި ލިޔެ ތަންފީޒުކުރާތާ އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ. އެކަމާ ގުޅޭ ގޮތުން އުފެދޭ ތަފާތު ސުވާލުތަކަށް ޤާނޫނުތަކުންނާއި ޝަރްޢީ ކޯޓުތަކުން އޮތީ ޖަވާބުލިބި ނިމިފައެވެ. އެޤައުމުތަކުގެ ޤާނޫނީ ވަކީލުންގެ ކާބަފައިން އުފަންވިއިރުވެސް، އެކަންތައް އޮތީ ނިމި ‘އިސްތިޤުރާރު’ ވެފައެވެ. އެކަމާ މީހަކު އުފައްދާނެ ވަކި އާދަޔާ ޚިލާފު އާ ސުވާލެއް ނެތެވެ.

ދިވެހިރާއްޖެއަކީ ޚާއްޞަ ޤައުމެކެވެ. ނިޒާމުވެސް އަލެވެ. ހަނުހުރުމުގެ ޙައްޤު، އަސާސީ ޙައްޤަކަށް ހެދިތާ އަދި މިވީ 12 ވަރަކަށް އަހަރެވެ. ހަނުހުރުމުގެ ޙައްޤާ ގުޅޭ ޤާނޫނު (ޤާނޫނު ނަންބަރު 2016/12، ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ފާސްކުރިތާ އަދި މިވީ ހަތަރު ވަރަކަށް އަހަރެވެ. އެހެންކަމުން، ހަނުހުރުމުގެ ޙައްޤު ތަންފީޒުކުރާނެ ގޮތާބެހޭ ބައިވަރު ސުވާލު އަދިވެސް ޖަވާބު ނުލިބި އެބަހުއްޓެވެ. އެއީ ޠަބީޢީ ކަމެކެވެ. ނިޒާމު ފުރިހަމަވަމުންދާ ވަރަކަށް މިކަންކަން ދާނީ ޙައްލުވަމުންނެވެ.

ހަނުހުރުމުގެ ޙައްޤު ތަރުތީބު ކޮށްފައި އޮތީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 47 ވަނަ މާއްދާގައެވެ. އެމާއްދާގެ (ހ) ގައި ހަނުހުރުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް އޮވެއެވެ. އޭގެ ފަހަތުން، އެމާއްދާގެ (ބ) ގައި އޮންނަނީ ” … އޭނާގެ ފަރާތުން ދެވޭ މަޢުލޫމާތަކީ އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ މަޢުލޫމާތެއް ކަމުގައިނުވާނަމަ، އެ މަޢުލޫމާތެއް ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ހާމަކުރަންވާނެއެވެ. އެޙާލަތުގައި ހަނުހުރުމުގެ ޙައްޤުގެ ބޭނުމެއް ނުކުރެވޭނެއެވެ.” މިހެންނެވެ.

މިދިޔަ ހަފްތާގައި އަޅުގަނޑާ މީހަކު ބައްދަލުކުރިއެވެ. ޓީޗަރެކެވެ. އޭނާގެ މައްޗަށް ފުލުސް އޮފީހަށް ހުށަހެޅުނު މައްސަލައެއްގައި ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވަން އޮތީ ތައްޔާރުވެފައެވެ. ފޯނުގައި އޮތް ފޮޓޯއަކާ ގުޅިގެން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތުހުމަތެއް ކުރެވެނީއެވެ. ފޮޓޯ އޭނާގެ ފޯނުން ފެނެއެވެ. އެމައްސަލައިގައި އޭނާ ހުރީ ހަނެވެ. އޭނާ ބުނާ ގޮތުން ފުލުހުންވެސް އޭނާގެ ޤާނޫނީ ވަކީލުވެސް އިރުޝާދު ދިނީ ހަނުހުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަޅުގަނޑާ ބައްދަލުކޮށް ދެއްކި ވާހަކައިގައި، އޭނާގެ ފޯނަށް އެފޮޓޯ އައި ގޮތާއި، އެފޮޓޯ ޑިލީޓު ކުރި ގޮތާއި، އެފޮޓޯ ފެނުނީ ފޮހެފައި ހުރި އެއްޗެހީގެ ތެރެއިންކަމާއި، މިކަމާބެހޭ ވަރަށް ގިނަ މަޢުލޫމާތު ހިއްސާކުރިއެވެ. އެމަޢުލޫމާތުތައް ތަޙްޤީޤުގެ ތެރެއިން ގެނައިނަމަ، އޭނާގެ މައްޗަށް ތުހުމަތެއްވެސް ނެތުނީހެވެ. ދަޢުވާއެއް ނުކުރީހެވެ. ނަމަވެސް، އޭނާ ހަނުހުރީތީ މިމަޢުލޫމާތު ތަޙްޤީޤުގެ ތެރެއިން ލިބިފައި ނެތީއެވެ. ތަޙުޤީޤުން ނުލިބޭ މަޢުލޫމާތެއްގެ މައްޗަށް ޕްރޮސިކިއުޓަރަކަށް ގޮތެއް ނުނިންމޭނެއެވެ. ޕްރޮސިކިއުޓަރަށް ފެންނާނީ ކަރުދާހުގައި އޮތް އެއްޗެކެވެ. ތުހުމަތުކުރެވޭ މީހާ ބުނި އެއްޗެކެވެ.

ހަނުހުރުމުގެ މާނައަކީ، ތިމާގެ އަމިއްލަ ނަފުސާ ދެކޮޅަށް ހުރި ހެކި ހާމަނުކޮށް ހަނުހުރުމެވެ. ތިމާއާ އެއްކޮޅަށް ހުރި ހެކި ހާމަ ނުކުރުމެއް ނޫނެވެ. އެއީ އިޖުރާއަތުގެ ޤާނޫނުގައިވެސް އޮތް ވާހަކައެވެ. މިމައްސަލައިގައި، އޭނާ ހަނުހުރުމުގެ ސަބަބުން އޭނާއާ އެއްކޮޅަށް ހުރި ހެކިވެސް ނުދެއްކި، ނިޒާމުގެ ތެރެއިން އޭނާއަށް ބޮޑު ކަންތައްގަނޑެއް ލައިނުގަނެ ސަލާމަތްވީ އަޅުގަނޑުމެންގެ ސަމާލުކަމަށް އެކަން އައުމުންނެވެ. މިދަޢުވާ ހުށަހެޅިނަމަ، އޭނާގެ ވަޒީފާ ގެއްލުމުގެ ބިރުވެސް އޮތެވެ.

ދިފާޢީ ވަކީލުންގެ ތެރޭގައި ޕީޖީ އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅުން އުޅުއްވައެވެ. ނަމަވެސް، ބައެއް ބޭފުޅުންނަކީ އެތަޖުރިބާ ލިބިވަޑައިނުގެތް ތިއްބެވި ބޭފުޅުންނެވެ. އެބޭފުޅުންނަށް ހަނުހުރުމުގެ ނަތީޖާ ސާފުވެފައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ފުލުހުންނަށް ވާ ގޮތަކީ، ފުލުހުންގެ މަސައްކަތް ކުރެއްވުމުގައި ފަރުވާތެރިވުމުގެ ގޮތުން، މީހަކާ ދިމާއަށް ބާރަށް އެއްޗެއްވެސް ވިދާޅުވާކަށް ބޭނުންފުޅެއް ނޫނެވެ. އެއީ ރަނގަޅުކަމެކެވެ. ނަމަވެސް، މީހަކު ހަނުހުންނަނަމަ، އެމީހަކަށް ހަނުހުރުމުގެ ނަތީޖާ ކިޔައިދިނުމަކީ ކޮންމެވެސް މީހަކު ކުރަންޖެހޭ ކަމެކެވެ. އެހެން ނޫނީ ބައެއް މީހުންނަށް ނުޙައްޤުން އަދަބެއް ލިބުމަކީ ނުހަނު ގާތުގައި އޮންނާނެ ކަމެކެވެ.

މިޙާދިސާއާ ގުޅިގެން އަޅުގަނޑުގެ ކުރިމަތީގައި އޮތް ސުވާލަކީ، މިކަން ޙައްލުކުރުމަށް އަޅުގަނޑަށް ކުރެވޭނީ ކޮން ކަމެއްތޯއެވެ. ކަމެއް ކުރަން ޖެހޭތޯއެވެ؟ ޖިނާއީ އިޖުރާއަތުގެ 47 ވަނަ މާއްދާގެ (ބ) ގައި އޮތް ވާހަކައަކީ އެންމެންނަށްވެސް އެނގޭ ވާހަކައެކެވެ. ނަމަވެސް، އެކަން ހަނދާންކޮށް ނުދެވެނީއެވެ. ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އިން، ތަޙުޤީޤާ ގުޅޭ ކަންކަން ބެލުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް އޮތުމުގެ މާނައެއްކަމަށް އަޅުގަނޑަށް ފެނުނީ މީހުންގެ ޙައްޤުތަކާ ގުޅޭ ކަންކަމުގައި ކޮންވެސް ފިޔަވަޅެއް އެޅުމެވެ.

އެހެންކަމުން، އަޅުގަނޑު ޤަޞްދުކުރީ ނިޒާމީ ގޮތެއްގައި، ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަން ހަނދާންކޮށްދޭއިރު، ހަނުހުރެ، ތިމާއާ އެއްކޮޅަށް ހުރި ހެކީގެ ވާހަކަ ނުދައްކުމަކީ ހަނުހުރުމުގެ ތެރެއިން ވާ ކަމެއް ނޫންކަންވެސް ހަނދާން ކޮށްދިނުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެކަން ހަނދާން ކޮށްދޭކަން ރެކޯޑުވެފައި އޮތުމުން، ފުލުހުންނަށްވެސް އަދި ތުހުމަތުގައި ހުރި މީހާއަށްވެސް ރައްކާތެރިކަން އޮންނާނެއެވެ. ދަޢުވާ ކުރުމާމެދު ގޮތެއް ނިންމާއިރު، ހަނުހުންނަ މީހާއަށް ލިބިދޭ ޙައްޤުތަކާއި އިލްތިޒާމުތައް ސާފުކޮށް ކިޔައިދީފައިވާކަން ޕްރޮސިކިއުޓަރަށްވެސް ޔަޤީން ކުރެވޭނެއެވެ.

މިކަންކަން ޙާޞިލުކުރުމަށްޓަކައި، “ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ސުވާލުކުރާ މީހުންނަށް ޤާނޫނީ އިންޒާރުދިނުމާގުޅޭ އިރުޝާދު” ގެ ނަމުގައި އިރުޝާދެއް މިދިޔަ ހަފްތާގެ ތެރޭގައި ވާނީ ނެރެފައެވެ. އިރުޝާދުގައި އޮންނާނީ، ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަން ހަނދާންކޮށްދޭއިރު، ހަނުހުރެ، ތިމާއާ އެއްކޮޅަށް ހުރި ހެކި ހާމަނުކޮށްފިނަމަ، އެކަންކަން އިތުރަށް ބެލުމުގެ ފުރުޞަތެއް ނޯންނާނެ ކަމަށާއި، އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ތުހުމަތުގައި ހުރި މީހާ ކަމަށެވެ. ތަޙުޤީޤު ކުރާ މީހާއަށް ދެވޭނީ ފުރުޞަތެވެ. ފުރުޞަތުގެ ބޭނުން ހިފުމަކީ ތުހުމަތުގައި ހުންނަ މީހާގެ ކަމެކެވެ. އެންމެންގެވެސް އަމާޒަކީ އެއް އަމާޒެކެވެ. އިންޞާފު ޤާއިމުކުރުމެވެ. އިރާދަކުރެއްވިއްޔާ މިއިރުޝާދުގައި ހުރި ގޮތަށް ހިނގަން ފެށުމުން މިނިޒާމު އިތުރަށް ހަރުދަނާވެ، މީހުންގެ އިތުބާރު އިތުރަށް ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ. ނިޒާމު ހަރުދަނާ ކުރަން، އިންޞާފު ޤާއިމުކުރަން، މީހުންގެ ޙައްޤުތައް ކަށަވަރުކުރަން، މީހަކަށް ނުޙައްޤުން އަދަބެއް ލިބުނަނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަންޖެހޭނެއެވެ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments