ރޯދަމަހުގެ މައްސަލައެއް ނޫނެވެ.

އޭޕްރިލް 24، 2021 . ހޮނިހިރު

ރަމަޟާން މަހާއެކު އަޅުގަނޑުމެންގެ ޙަޔާތަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މީގެ ތެރެއިން ބައެއް ބަދަލުތަކަކީ އެޤައުމެއްގެ މީހުންގެ އާދަކާދައާ ގުޅުންހުރި ކަންކަމެވެ. ރަމަޟާންމަސް ޢުޛުރަކަށް ހަދައިގެން އަޅުގަނޑުމެން ވަރަށް ގިނަ ކަންކަމުން ރެކި ގަންނަމެވެ. ރޯދަމަހު ރުޅި އިސްވުމާއި، މޫޑު ގޯސްވުމާއި، ކަސްރަތު ނުކުރުމާއި، ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި ވަޒީފާގެ މާޙައުލުގައި ކަންނެތްކަންވެސް، ބައެއް މީހުން ރޯދައާ ގުޅުވައެވެ. ރޯދައަކީ ބަހަނާއަކަށް ހަދައިގެންނެވެ. ނަމަވެސް، ޙަޤީޤަތުގައި ރޯދައަކީ މިހުރިހާ ކަމެއްގެ ސަބަބެއްތޯއެވެ؟

Photo: Unsplash.com

އަޅުގަނޑުމެންނަށް ޤަބޫލުކުރެވިފައި އޮންނަނީ ރަމަޟާން މަހާއެކު މީހުންގެ މޫޑަށް ބަދަލުއައިސް، ރުޅި އިސްވާ ގޮތް ވާކަމަށެވެ. ޚާއްޞަކޮށް، ރަމަޟާންމަހު ހަވީރު ބާޒާރުމަތީގައި މީހުން ރުޅިއައިސްގެން އުޅޭކަމަށް ކިޔައެވެ. ރަމަޟާން މަހާއި އެހެން މަސްމަހާ އަޅާކިޔާއިރު، ޖިސްމާނީ ގޮތުން މައިގަނޑު ތަފާތަކީ، ދުވާލު އެއްކޮށް ނުކައި ހުރުމެވެ. އެހެންވީމާ، ހަވީރު ބަނޑުހައިވެގެންގޮސް މޫޑު ގޯސްވަނީއެވެ. މިއީ ރަނގަޅު ވާހަކައެއް ނޫނެވެ.

އަޅުގަނޑުމެން ރަނގަޅަށް ނިދާފައި ހޭލާއިރުވެސް ހުންނަނީ ދިހަ ބާރަ ގަޑިއިރު ނުކައެވެ. ހޭލާއިރު ހުންނަނީ ބަނޑުހައިވެފައެވެ. ނަމަވެސް ރުޅިއައިސް، މޫޑު ގޯސްވެފައެއް ނޫނެވެ. ޢާންމުކޮށް ޞިއްޙަތު ރަނގަޅު މީހަކު ހޭލާއިރު މޫޑު ގޯސްވެފައި ހުރެއޭ ބުނާ އަޑެއް ނާހަމެވެ. ވަރަށް ގިނަ މީހުން ހެނދުނު ހޭލާގޮތަށް، ހުސްބަނޑާހުރެ ކަސްރަތު ކުރެއެވެ. ވީމާ، މޫޑު ގޯސްވުމާއި ރުޅި އިސްވުން ބަނޑުހައި ހޫނުކަމާ ގުޅުވުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

އަޅުގަނޑަށް ޤަބޫލުކުރެވެނީ މޫޑު ގޯސްވުން ގުޅިފައި އޮތީ ނިންޖާއެވެ. ރޭގަނޑު ހަތަރުދަމު ރަނގަޅަށް ނުނިދާ، ދުވާލު ނުކައި ހުރީމާ މޫޑު ރަނގަޅެއް ނުވާނެއެވެ. ރޭގަނޑުގެ ނިންޖަކީ މީހާގެ ހަށިގަނޑު ރިކަވަރ ކުރަން ކޮންމެހެން ބޭނުން އެއްޗެކެވެ. ނިންޖަކީ އަރާމެއް ކަމުގައި ބުނާ އާޔަތާ ވިއްދައިގެން ރޭގަނޑު އެއީ ފޭރާމެއްކަމުގައި ލެއްވިކަމަށް، ކީރިތި ޤުރުއާނުގެ ނަބައަ ސޫރަތުގެ 9 އަދި 10 ވަނަ އާޔަތުގައި އެބައޮތެވެ. ދުވާލުގެ ނިންޖާއި ރޭގަނޑުގެ ނިންޖާ އެއްހަމަ ނުވާނެކަން ސައިންސާއި ދީނީ ގޮތުންވެސް އެނގެން އޮވެއެވެ. ވީމާ، މޫޑު ގޯސްވުން ގުޅިފައި އޮތީ ރޯދައަކާ ނޫނެވެ. ރޯދައިގެ ބޮލުގައި އެކަން ނާޅުވާށެވެ.

ރޯދަމަހު ރޭއަޅުކަމުގައި މަޝްޣޫލުވެ އުޅުމަކީ މަތިވެރި، މާތް ކަމެކެވެ. އެކަން ކުރަން ޤަޞްދުކުރާނަމަ، ރަސޫލުﷲ (ޞ) ކުރެއްވި ގޮތަށް، އަވަހަށް ނިދާފައި ފަތިސް ނަމާދުގެ ކުރިން ހޭލައިގެން އެކަން ކުރުމަކީ، ހުރިހާ ގޮތަކުންވެސް ފައިދާ ހުރި ގޮތްކަމަށް ވެދާނެއެވެ.

އަނެއްބަޔަކު ރަމަޟާން މަހަކީ ކަންނެތްކަމުގެ މަހެއްކަމުގައި ބަލައެވެ. އިސްލާމީ ތާރީޚަށް ބަލާއިރު، މިއީވެސް ޙަޤީޤަތެކޭ ބުނެވޭކަށް ނެތެވެ. ރަމަޟާން މަހުގައި ހިނގައިފައިވާ މުހިންމު ހަނގުރާމަތަކުގެ ތެރޭގައި ބަދުރު ހަނގުރާމަ (2 ހ) އާއި، މައްކާ ފަތަޙަ ކުރެއްވުން (8 ހ)، ނޫބިޔާގެ ހަނގުރާމަ (މުސްލިމުންނަށް މިޞްރު ފަތަޙަކުރުމަށް މަގުފަހިވި، 31 ހ)، އަންދަލުސް ފަތަޙަވުން (91/92 ހ)، ޖާލޫތުގެ ހަނގުރާމަ (މުންގުލްގެ ލަޝްކަރު ބަލިކުރުން، 658 ހ)، ކްރިމިއަގެ ހަނގުރާމަ (889 ހ) އާއި ދާދިފަހުން، ސީރިޔާއާއި މިޞްރުގެ ލަޝްކަރުން އިޒްރޭލް ބަލިކުރުމަށް ކުރި 10 އޮކްޓޯބަރ 1973 ގެ މަޝްހޫރު ހަނގުރާމަވެސް ހިނގީ 1393 ވަނަ އަހަރުގެ ރަމަޟާންމަހުއެވެ.

އިސްލާމީ ސަޤާފަތުގައި، ރަމަޟާން މަހަކީ ކަމެއް ނުކޮށް އަތް އުރާލައިގެން ތިބި މަހެއްކަމަށް ބެލޭކަށް ނެތެވެ. އެހެން ނޫނަސް، މުސްލިމުންނަށް ދުނިޔެއާއި އާޚިރަތް ހޯދުމަށް މަސައްކަތް ކުރުމަށް އަމުރު ކުރައްވާފައި، އަހަރެއްގެ 9.86% ދުވަހު އަތް އުރާލައިގެން ކަންނެތްކަން މަތީ ތިބޭންޖެހޭ ގޮތަށް އިސްލާމީ ދިރިއުޅުމުގެ ނިޒާމު ތަރުތީބު ވެފައި އޮވެދާނެކަމަށް ބެލުމަކީ ފަލްސަފީ ގޮތުންވެސް ބޮޑު ފުށުއެރުމެވެ.

ދެން އޮތީ ބަރުދަން ބަރުވުމެވެ. ސޫމޯ ރެސްލިންގެ އެތުލީޓުންނަކީ ޕްރޮފެޝަނަލް ބައެކެވެ. އެމީހުންގެ ފުލްޓައިމް ވަޒީފާއަކީ ސޫމޯ ރެސްލިންގެވެ. އޭގެ އެތުލީޓުން އެހާ ބޮޑުކޮށް، ފަލަކޮށް ތިބުމަށް ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް، އެމީހުން ތިބެނީ އަބަދު ކާކަށް ނޫނެވެ. ފަތިހާ ހޭލައިގެން، ހުސްބަނޑާހުރެ ޢާންމުކޮށް ހައެއްކަ ގަޑިއިރު ކަސްރަތު ކުރެއެވެ. އެއަށްފަހު، މެންދުރު ވަރަށް ގިނައިން ކައެވެ. ކައިގެން ހައެއްކަ ގަޑިއިރު ނިދާނެއެވެ. އެއަށްފަހު ހޭލައިގެން އަނެއްކާވެސް ކާނީއެވެ. ކައިގެން ރޭގަނޑު ނިދާނީއެވެ. ދެން ހޭލާނީ ފަތިހު ކަސްރަތަށެވެ. މިގޮތަށް ކެއުން ބަހައްޓަނީ ސޫމޯ ރެސްލިންގެ ދާއިރާގައި ކުރިއަށް ދިއުމަށް ހަށިގަނޑު ވަކި ގޮތަކަށް ފަލަކޮށް ބަހައްޓަންޖެހޭތީއެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ރޯދަ މަހުގެ ކެއުމުގެ އާދަކާދައާ ސޫމޯ ރެސްލަރުންގެ ކެއުމުގެ އާދަކާދައާ މާބޮޑު ތަފާތެއް ނެތީވިއްޔާ، ހަށިގަނޑު ވާނީ ފަލައެވެ. އެއީވެސް ރޯދައާ ގުޅޭ ކަމެއް ނޫނެވެ. ކެއިން ބުއިމުގެ އާދަކާދައާ ގުޅޭ ކަމެކެވެ.

Photo: Unsplash.com

އިސްލާމް ދީނުގައި ކެއުމަށް އިރުޝާދު ދީފައިވާ ގޮތަކީ ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ފުދޭ ވަރަށް ކެއުމެވެ. އެހަދީޘްގެ ކުރީ ބަޔާއި ފަހު ބަޔާއެކު ކިޔުމުން، ތިން ބައިކުޅަ އެއްބަޔަކީވެސް އެންމެ ގިނަ މިންވަރު ކަން އެނގެއެވެ. އަޞްލު ކާންވީ، އެދުވަހަކު ހަށިގަނޑަށް ބޭނުންވާ ވަރެވެ.

ރޯދައިގެ ޖިސްމާނީ ފައިދާތަކުގެ ތެރޭގައި، ހަށިގަނޑުގެ ގުނަވަންތަކަށް އަމިއްލައަށް ތާޒާވެލާނެ ވަގުތުކޮޅެއް ލިބުން ހިމެނެއެވެ. ހަށިގަނޑު ރީސެޓްވެއެވެ. އާދައިގެ ހުމެއް އައުމުންވެސް ކާހިތްކެނޑެއެވެ. ކާހިތްކެނޑުމުގެ ބޭނުމަކީ ހަށިގަނޑު އަމިއްލައަށް ރަނގަޅުވާން ފުރުޞަތު ހޯދައިދިނުމެވެ. ހަށިގަނޑުގެ ހުރިހާ ބާރެއް، ބައްޔާ ހަނގުރާމަކުރަން ބޭނުންވާތީއެވެ. މިއީ ޠަބީޢީ ކަމެކެވެ. މާތްﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަވެރިކަމެވެ.

ބުޚާރީއާއި މުސްލިމުގައި އޮތް، ޤުދުސިއްޔާ ޙަދީޘެއްގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ، އާދަމުގެ ދަރިޔާގެ ހުރިހާ އަޅުކަމެއް އޭނާއަށެވެ. ރޯދަ މެނުވީއެވެ. ރޯދައަށް ޖަޒާދެއްވާނީ ތިމަން ރަސްކަލާނގެއެވެ. އެގޮތަށް ވަޙީ ކުރެއްވި ސަބަބެއްކަމަށް ޢިލްމުވެރިން ވިދާޅުވަނީ، ރޯދައަށް ދެއްވާ ޖަޒާއަކީ ވަކި އިމެއްނެތި ދެއްވާ ޖަޒާއަކަށްވާތީ ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ، ރޯދައަކީ އެހެން މީހުންނަށް ނޭނގޭގޮތަށް ކުރާ އަޅުކަމަށްވާތީ ކަމަށެވެ. މީހަކު ރޯދައަށް ހުރިކަމެއް އެހެން މީހަކަށް އެނގޭކަށް ނުޖެހެއެވެ. މިއިން ކޮންމެ ގޮތަކުން ވިޔަސް، ރަމަޟާންމަހުގެ ރޯދައަކީ، ދުނިޔެއާއި އާޚިރަތުގައި އޭގެން ލިބޭނެ ސަވާބުގެ ގޮތުން ބަލާއިރު، އެހެން އަޅުކަމަކާ ގާތް ކުރެވެން ނޯންނަ ތަފާތު އަޅުކަމެކެވެ. އަޅުގަނޑުމެން ރޯދައާ މަތިކޮށްގެން އުޅެނީ އަޅުގަނޑުމެންގެ އާދަކާދައާ ގުޅުންހުރި ކަންތައްތަކެކެވެ. ރޯދައާ ގުޅޭ، ރޯދަ ދަންނަ ކަންކަމެއްހެނެއް ހިޔެއް ނުވެއެވެ.

Subscribe
Notify of
guest
1 Comment
Inline Feedbacks
View all comments