އިރާދައެއް ހުރީވިއްޔާ، މޫދަށް ކުނިއެޅުން ވަގުތުން ހުއްޓުވިދާނެ

ޖަނަވަރީ 19, 2021


ދިވެހިރާއްޖޭގެ އެންމެ ބޮޑު ރައުސްމާލަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަމެވެ. ރީތިކަން ދައްކުވައިދޭ އެންމެ ބޮޑު ރަމްޒަކީ މޫދާއި ގޮނޑުދޮށެވެ. އަޅުގަނޑުމެންނަކީ ޤުދުރަތީ ރީތިކަން ވިއްކައިގެން، ކައިގެން ބޮއިގެން އުޅޭ ބައެކެވެ. މި ރީތިކަން ދެމެހެއްޓުމަކީ އިޤްޠިޞާދީ ޟަރޫރަތެކެވެ. ކޮންމެ ގޮތެއް ހަދައިގެންވެސް ކުރަން މަޖުބޫރު ކަމެކެވެ. މިއަދުގެ ސުވާލަކީ، މޫދަށް ކުނިއެޅުން ހުއްޓުވިދާނެތޯއާއި އެކަމަށް ކިހާ ދުވަހެއް ނަގާނެތޯ؟ މޫދަށް ކުނިއެޅުން ވަގުތުންވެސް ހުއްޓުވޭނެއެވެ. މިމަޒުމޫނުގައި ބަލާނީ އެކަން ކުރެވޭނެ ގޮތުގެ ފަލްސަފާއަކަށެވެ.

ކުށްކުރުމަކީ ވިޔަފާރިއެކެވެ. ކުށާ ގުޅޭ ކަންކަމުގައި ވިޔަފާރީގެ ނަޒަރަކުން ވިސްނީމާ، ކުށުގެ މައްސަލައަށް ޙައްލު ގެންނާނެ ގޮތް ފެންނާނެއެވެ. ކުށްކުރުމުގެ ވިޔަފާރި ހުއްޓުވުމަށް ބޭނުންވަނީ ދެކަމެކެވެ. ކުށްކުރުމަކީ ޚަރަދު ބޮޑު ކަމަކަށްވުމާއި، މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި (ޢާމިރު ސަލީމު (ރާއްޖެޓީވީގެ “ފަށާއިރު” ޕްރޮގްރާމްގެ ހޯސްޓު) ގެ ބަހުންނަމަ، ކނކ ޑޮކްޓަރަކަށް ނުވެ) ޤާނޫނު ތަންފީޛު ކުރުމެވެ.

ކުށްކުރާ މީހުން ޖަހަނީ ހިސާބެކެވެ. ކުށް ކުރުމުގެ އަގަކީ ކޮބައިތޯއެވެ. ކުށް ކޮށްގެން (ޙަރާމް ގޮތުގައި ވިޔަސް) ލިބެން އޮތް މަންފާއާއި، ކުށް ނުކޮށް އުޅުމުން “ގެއްލިގެންދާ” މަންފާއާ އަޅައި ކިޔޭތޯއެވެ. އަޅުގަނޑު އިނގިރޭސި ވިލާތުގައި ކިޔަވަން އުޅުނުއިރު، ރޭލުގެ ޓިކެޓު އަގު ތަންކޮޅެއް ބޮޑެވެ. ބައެއް ރޭލު އިސްޓޭޝަނަކު ސަރުދާރެއް ނުހުރެއެވެ. ހުންނަނީ އަމިއްލައަށް ޓިކެޓު ގަންނަ މެސިނެކެވެ. ޓިކެޓާ ނުލައިވެސް ރޭލަށް އެރެއެވެ. ނަމަވެސް، ޞައްޙަ ޓިކެޓެއް ނެތި، ރޭލުގައި ހުއްޓާ ޓިކެޓު ބަލާ މީހާގެ އަތްދަށު ވެއްޖެނަމަ، ވަޤުތުން ވަޤުތަށް، 200 ޕައުންޑުން ޖޫރިމަނާ ކުރެއެވެ. ޓިކެޓު ބަލަން ރޭލުގައި ހުންނަ މީހާ ބަލަނީ މޫނަށާއި ކަނދުރާއަކަށް ނޫނެވެ. އޭނާ ބަލަނީ ޓިކެޓަށެވެ. ޞައްޙަ ޓިކެޓެއް އޮތްތޯ ނުވަތަ ނޫންތޯއެވެ. މިކަމާ ވިސްނީމާ، ފަސް ޕައުންޑަށް ލިބޭ ޓިކެޓެއް ނުގަނެ، 200 ޕައުންޑުން ޖޫރިމަނާ ކުރުމުގެ ފުރުޞަތު އޮންނަ ކަމެއް ކުރުމަކީ ޚަރަދުގެ ގޮތުން ބަލާއިރު ކުރެވޭނެ ކަމެއް ނޫނެވެ. ކުށްކުރުމުގެ އަގު މާ ބޮޑީއެވެ. ގަވާއިދާ އެއްގޮތަށް އުޅުން މާ ޚަރަދުކުޑައެވެ.

ސިންގަޕޫރުގައި މަގުމައްޗަށް ކުނި އަޅާ މީހުންނާއި، މަނާ ސަރަޙައްދުގައި ސިނގިރޭޓު ބޯ މީހުންގެ މިސާލަކީ އަޅުގަނޑުމެން އެންމެން ދަންނަ މިސާލެކެވެ. “ބަސްޓު” ވެއްޖިއްޔާ ޖޫރިމަނާ ކުރާނެއެވެ. ސިންގަޕޫރު ފުލުސް މީހާ މޫނަކަށް ކަނދުރާއަކަށް ނުބަލައެވެ.

ދިވެހިރާއްޖޭގެ މިސާލެކެވެ. މީގެ ދުވަސްކޮޅެއް ކުރިން ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އަޅުގަނޑުގެ އަޒްހަރު “ބްރަދަރ” އެއް މަސައްކަތް ކުރެއްވިއެވެ. އޭނާއަކީ ފިސާރި ގޮތެއްގައި ހުންނަ މީހެކެވެ. އޭނާއާ މަތިކުރި ޒިންމާއަކީ، ކާބޯތަކެތި ވިއްކާ ތަންތަން އިންސްޕެކްޓުކޮށް، ގަވާއިދާ ޚިލާފުވާ ތަންތަން ބަންދުކުރުމެވެ. އޭނާ އެކަން ތުނޑުން ތުނޑަށް ކުރަން ފެށިއެވެ. ރާއްޖޭގެ ބޮޑެތި، ނަން މަޝްހޫރު ރެސްޓޯރަންޓުތައްވެސް، ގަވާއިދާ ޚިލާފުވާ ޙާލަތުގައި ބަންދުކުރިއެވެ. ނަތީޖާއަކަށްވީ، ގަވާއިދާ ޚިލާފަށް ކާބޯތަކެތި ގެންގުޅުމަކީ ޚަރަދު ބޮޑު ކަމަކަށްވީއެވެ. ހަމަ ހުރިހާ ތަނެއް ގަވާއިދާ އެއްގޮތަށް އުޅެވޭތޯ ބަލަންފެށިއެވެ. (މިމަސައްކަތަށް ފަހުން ވީ ގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ.)

ޚަބަރުތަކުގައި އޮތް ވާހަކައިން އެނގެނީ މޫދަށް ކުނިއަޅަނީ، ރިސޯޓުން ކުނި ނަގައިގެން ކުނި ނައްތާލާ މަރުކަޒަށް ގެންދިއުމާ ދެމެދު ހިނގާ ވަގުތުގައި ކަމަށެވެ. މިމިސާލު، ވިޔަފާރީގެ ނަޒަރުން ބެލުމުން، އެކަން މަނާކުރަން ކުރަންވީ ކަންކަން އެނގެއެވެ. އެކަން ކުރަނިކޮށް އަތުލައިގަނެވޭ ހަމަ ކޮންމެ ދޯންޏެއް، އެކަން ކުރުމަކީ ޚަރަދު ބޮޑު ކަމަކަށް ވާވަރަށް ޖޫރިމަނާ ކުރަންވީއެވެ. ބްލެކްލިސްޓު ކުރަންވީއެވެ. ވަކި މުއްދަތަކަށް އެދޯނި ސަސްޕެންޑުވެސް ކުރަންވީއެވެ. އެމުއްދަތުގައި ސަރުކާރުގެ އެއްވެސް މަސައްކަތެއް އެދޯންޏަށް ނުދޭންވީއެވެ. އެދޯންޏަށް ވިޔަފާރި ދޭ ރިސޯޓުތައްވެސް ޖޫރިމަނާ ކުރަންވީއެވެ. އޭރުން، މޫދަށް ކުނިއެޅުން ވާނީ ޚަރަދު ބޮޑު ކަމަކަށެވެ. އެކަން، ހަމަ ވަގުތުންވެސް ހުއްޓޭނެއެވެ.

މޫދަށް ކުނިއަޅަނީ، އެކަމަކީ ވިޔާނުދާ ކަމެއްކަން ނޭނގޭވަރުގެ ތަޞައްރަފު ނުފުދޭ ކުޑަކުދިންނެއް ނޫނެވެ. އެކަން އެނގިހުރެ، ޒިންމާދާރުނޫން ވިޔަފާރިތަކުން އެކަމަށް ހިތްވަރުވެސް ދެނީއެވެ. މޫދަށް ކުނިއަޅަނީ އެކަމުން ލިބޭނެ ގެއްލުންވެސް ހަމަ ރަނގަޅަށް އެނގިތިބެއެވެ. ބައެއް ކަންކަމަކީ، އެކަމުން މުޅި ޤައުމަށް ލިބިދާނެ ދެރައަށްޓަކައި، (އަދި ކުރެވެން އޮތަސް) ކުރަން ހެޔޮނުވާވަރުގެ ކަންކަމެވެ. ތިމާވެށީގެ ޢިލްމުވެރިން ވިދާޅުވަނީ، މޫދަށް ކުނި އަޅަންވާނީވެސް ޤުދުރަތީގޮތުން އެތަކެތި ނައްތާލެވޭނެ މިންވަރަށެވެ. މިހާރު މިއަޅާވަރަށް ކުނި އަޅައިގެން، ޤުދުރަތީ ނިޒާމު ފާލުން ނައްޓާނެކަށް އެބޭފުޅުން ވިދާޅުވެއެވެ.

އަދަބު ދިނުމުގެ ފަލްސަފާތަކާއި ޢިލްމަކީ ފުޅާ ދާއިރާއެއް ހިމެނޭ ޢިލްމެކެވެ. މިއީ، އަޅުގަނޑު ޝައުޤު ހުންނަ ޢިލްމަކަށްވާތީ ކޮންމެވެސް ވަރަކަށް ދިރާސާކޮށް ލިޔެ ހަދަނީއެވެ. މަތީގައި އޮތީ، އެޢިލްމުގެ އެންމެ ތިޔަރީއެއްގެ ވަރަށް “އޯވަރ ސިމްޕްލިފައިޑް” ޝަރަޙައެކެވެ. ތަންފީޛުކުރުމުގެ އިރާދައެއް ހުރީވިއްޔާ ޤާނޫނަކަށްވެސް ބަދަލެއް ނުގެނެސް އިދާރީ ގޮތުން ހޯދެން އޮތް ޙައްލެކެވެ.

Subscribe
Notify of
guest
1 Comment
Inline Feedbacks
View all comments