މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފައިސާއާއި ފައިސާވެރިންގެ ފަހަތުން ދިއުން

މާރިޗު 19، 2021 . ހުކުރު

މަސްތުވާތަކެތީގެ މައްސަލައަކީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު، ޙައްލުކުރަން އެންމެ އުނދަގޫ އެއް މައްސަލައެވެ. އެކަމުގެ އަސަރު، ރާއްޖޭގެ ހަމަ ކޮންމެ ޢާއިލާއެއް ކަހަލަ ގޮތަކަށް ތަޙައްމަލު ކުރަމުންދާ ވަބާއެކެވެ. ސުވާލަކީ، މިކަމަށް އެކަށީގެންވާ ޙައްލެއް ގެންނަން، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ސިޔާސަތަށް ބަދަލު ގެނެސްގެން ކުރެވޭނެ ކަމަކީ ކޮބައިތޯއެވެ. އަޅުގަނޑަށް ފެންނަނީ ފައިސާ ފަހަތުން ދާށެވެ.

ފޮޓޯ: އެން.ޑީ.އޭ ވެބްސައިޓް

ވޭތުވެދިޔަ 2019 ވަނަ އަހަރު ދައުލަތުން ދައުވާކުރި ޖުމްލަ މައްސަލަަތަކުގެ 47% އަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ދައުވާކުރި މައްސަލަތަކެވެ. މީގެ އިތުރުން، ‘ތާސީރުގައި ޖެހިގެން’، މަސްތުވާތަކެތީގެ އާދަ ހިފެހެއްޓުމަށްޓަކައި ކުރާ ވައްކަމާއި، ފޭރުމާއި އެނޫންވެސް ޕެޓީ ކްރައިމްތައް ހިމެމުނުމުން، މިޢަދަދު 60% އަށްވުރެ މައްޗަށް އަރައެވެ. 2020 ވަނަ އަހަރުވެސް ޢަދަދުތައް ހުރީ ދާދި އެއްގޮތަކަށެވެ.

ކޮންމެ ސަރުކާރެއްގައިވެސް، ޙައްލުކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ކަމަކީވެސް މަސްތުވާތަކެތީގެ މައްސަލައެވެ. އެމައްސަލައާ ނުގުޅޭ އިތުރު އެއްވެސް މައްސަލައެއް، ޖިނާއީ ޢަދުލުގެ ނިޒާމަކު ނެތެވެ. ކޯޓުތަކުގައި ހުރި މައްސަލަތައް ލަސްވަނީވެސް، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން، އެކަމުގެ ‘ތާސީރުގައި ޖެހިގެން’ ކުރާ ކުދި ކުދި ވައްކަމާއި ފޭރުންތަކުގެ މައްސަލަ ގިނަވެގެންނެވެ. ޖަލުގައި ގިނައިން ތިބީ ‘ޓަރމިނޭޝަން’ ޙުކުމުގެ މީހުންނެވެ. ނޭޝަނަލް ޑްރަގް އޭޖެންސީން ހިންގާ ފަރުވާގެ ޕްރޮގްރާމް ދާދި މިދާކަށް ދުވަހާ ހަމައަކަށް އެކަށީގެންވާ ގޮތަކު ނުހިނގައެވެ. މިހާރު، އެ ޕްރޮގްރާމް ހިންގުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް އެބަ ކުރެއެވެ. ނަތީޖާވެސް، އިރާދަ ކުރެއްވިއްޔާ މާ ގިނަ ދުވަހެއް ނުވެ ފެންނާނެއެވެ. ފަރުވާގެ ކަންތައް އެދަނީ ލާމަރުކަޒު ކުރަމުންނެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނެއް ފުރަތަމަ ހެދީ 1977 ވަނަ އަހަރުއެވެ. އޭރުގެ ފަލްސަފާއަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ކުށްވެރިންނަށްވާތީ، އެމީހުން ޖަލަށްލުމެވެ. ނަތީޖާއެއްގެ ގޮތުން، ދުވަސްކޮޅެއް ފަހުން، ޖަލުގައި ޒުވާނުންގެ ބޮޑު އާބާދީއެއް އުފެދުމެވެ. މިސިޔާސަތު ރަނގަޅުނޫންކަމަށް ފެނިގެން، މަސްތުވާތަކެއްޗާބެހޭ ސަރުކާރުގެ ސިޔާސަތު ބިނާކޮށްފައި އޮތް ފަލްސަފާ ބަދަލުވީ 2011 ވަނަ އަހަރުއެވެ. އެފަހަރު ޤާނޫނު ހެދިއިރު ވިސްނުމަކަށްވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ފަރުވާ ބޭނުންވާ ބަޔަކަށްވާތީ، ފަރުވާގެ ފަހި ނިޒާމެއް އެކުލަވާލުމެވެ. އޭގެ ފަހުން، މަސްތުވާތަކެތީގެ ވަކި މިންވަރަކަށްވުރެ ގިނައިން ގެންގުޅެ، އަތުގައި ބަހައްޓާ މީހުންނަކީ، އެތަކެތިން ވިޔަފާރި ކުރާ މީހުންކަމަށް ބަލައި، އެމީހުންނާމެދު ހަރުކަށި އަދަބު ދިނުމެވެ. މިޤާނޫނު ކާމިޔާބުކަމާއެކު ތަންފީޒު ކުރުމަށްޓަކައި ޑްރަގް ކޯޓާއި، ފަރުވާގެ ނިޒާމު އެއް ހަމައެއްގައި، އެއް ބާރުމިނެއްގައި ހިނގަންޖެހެއެވެ. އެކަމެއް އޭރަކު ކާމިޔާބެއް ނުކުރެވުނެވެ. މިނޫންވެސް ބައެއް ސަބަބުތަކާހުރެ މިހާރު އަނެއްކާ މިއޮތީ ޤާނޫނަށް އިޞްލާޙު ގެންނަންޖެހިފައެވެ. އެކަން، ބަންޑާރަ ނައިބު އޮތީ އިޢުލާނުވެސް ކުރައްވާފައެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ޢަދަދު މަދު ކުރެވޭނެ ގޮތެއް ހޯދަންޖެހެއެވެ. އެކަން ކުރެވެން އޮތީ، އެތަކެތި ރާއްޖެއަށް އެތެރެވެ، ވިޔަފާރި ކުރާ މީހުން ފަހަތުން ދެވިގެންނެވެ. އެކަން ކާމިޔާބުކުރެވޭނެ ތަޅުދަނޑިއަކީ، މަސްތުވާތަކެތިން މަންފާވާ މީހުންގެ ފައިސާގެ ފަހަތުން ދިއުމެވެ. އަޅުގަނޑު، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ ޙަވާލުވުމަށްފަހު، އެދިމާލަށް ސިޔާސަތު މިދަނީ ބަދަލު ކުރަމުންނެވެ. އެގޮތުން 2020 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން، މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ ކުރާއިރު، އެމައްސަލައިގައި ހިމެނޭ ފައިސާ ދައުލަތަށް ނެގުމުގެ ބައި ވަކިން ދައުވާގައި ހިމަނަން ފެށީމެވެ. މިމަގަށް އިންޓަރނަލް މެމޯއެއްވެސް ނެރުނީމެވެ. ބޭނުމަކީ، އެފައިސާ ދައުލަތަށް ނަގައި، މަސްތުވާތަކެއްޗާ ގުޅިގެން ދައުލަތުން ހިންގާ ޕްރޮގްރާމްތަކަށް އެފައިސާ ޚަރަދު ކުރުމެވެ. މިގޮތަށް ހުށަހެޅި މައްސަލައެއް އަދިއެއް ނުއެއް ނިމެއެވެ. އެމައްސަލަތައް ނިމެން ފެށުމުން، އެގޮތަށް ފައިސާ ގެންގުޅޭ މީހުންނަށް، އެމީހުން ޖަލަށް ލާފައި އަދި ފައިސާކޮޅުވެސް ނަގާނެކަން އެނގޭނެއެވެ.

ސިޔާސަތުގެ ދެވަނަ ބަދަލަކީ، މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާ ‘ދޮންނަ’ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް، ޤާނޫނު ނަންބަރު 10/2014 (މަނީލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން މަނީ ލޯންޑްރިންގެ ދައުވާ ކުރުމެވެ.

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) ބުނާ ގޮތުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަކީ، އެކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާ ކުރެވޭ ކުށެކެވެ. އެޤާނޫނުގެ ދަށުން، މަސްތުވާތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި، އެމީހުންގެ އަނބިންނާއި ފިރިންނާއި، ގާތްތިމާގެ މީހުންވެސް، ފައިސާ ގެންގުޅުމުގައި ބައިވެރިވެއްޖެނަމަ ދައުވާ ކުރެވެއެވެ. މަސްތުވާތަކެތީގައި އަތްލުން ލާޒިމެއް ނޫނެވެ. މިހާތަނަށް ބައެއް މީހުންނަށް ހީވެފައި އޮންނަނީ، މަސްތުވާތަކެތީގައި އަތް ނުލާނަމަ، ކުށްވެރި ނުވާނެ ކަމަށެވެ. މި ސިޔާސަތުގެ ބަދަލާއެކު، އެވިސްނުން ނިމުމަކަށް އަންނާނެއެވެ. މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވުމަށްޓަކައި ބޭނުންވަނީ، އޭނާއަށް ލިބި، ބޭނުންކުރި ފައިސާއަކީ، ކުށެއް ކޮށްގެން ހޯދާ ފައިސާކަން އޭނާއަށް ޝައްކުވުމެވެ. ކަނޑައެޅިގެން އެނގުންވެސް ލާޒިމެއް ނޫނެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއްގެ އަތްބަކު، އޭނާގެ ފިރިމީހާ ފައިސާ ހޯދާ ތަނެއް ނޭނގޭކަމަށް ބުނުމަކީ އަޅުގަނޑަށް ޤަބޫލުކުރަން ދަތި ކަމެކެވެ. ފައިސާ ލިބޭ ގޮތް ނޭނގޭކަމަށް ބުނާއިރު، އެފައިސާ، ޝައްކު އުފެދޭ ކަންކަމަށް ބޭނުންކޮށްފައި ހުރިކަން ތަޙުޤީޤަށް ފެނެއެވެ.

މަނީ ލޯންޑްރިންގެ ކުށަކީ އާދައިގެ ކުށެއް ނޫނެވެ. އެކުށް ސާބިތުވުމުގެ ނަތީޖާވެސް ވަރަށް ތަފާތެވެ. އެޤާނޫނުގެ 8 ވަނަ މާއްދާގައި، ކުށްކޮށްގެން ހޯދާ މުދާ މާނަކޮށްދީފައިވަނީ، ކުށްކޮށްގެން ހޯދާ ފައިސާ ނުވަތަ މުދަލާއި، އެފައިސާ ނުވަތަ މުދަލުން ހޯދާ ނުވަތަ ބަދަލުކޮށްފައިވާ މުދަލާއި، އެ މުދާ އިންވެސްޓްކޮށްގެން ލިބޭ މުދާވެސް ހިމަނައިގެނެވެ. ވީމާ، މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާއިން ފިހާރައެއް ހުޅުވާފައި ހުރިނަމަ، އެފިހާރައަކީވެސް މިޤާނޫނުގެ ދަށުން ދައުލަތަށް ނެގޭނެ މުދަލެކެވެ.

މިބާވަތުގެ ފުރަތަމަ މައްސަލައިގައި 18 މާރިޗު 2021 ގައި ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެއެވެ. ގދ. ތިނަދޫ، ރަންގަލް، ޙަސަން ލޫޠްއާއި، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ޙަސަން ރަޝީދާއި، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާޢީލް ޝަރީފްއާއި، މއ. ހަސްލަތު، ޝަނިޔާ އިބްރާހީމް، 12 ޖަނަވަރީ 2021 ވަނަ ދުވަހު އިތުރު ބަޔަކާ ގުޅިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވިގެން މާލޭގެ 04 ގެއެއް ބަލައިފާސްކޮށް ފުލުހުން ހިނގި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލާގައެވެ. އެމައްސަލައިގައި، އިސްމާޢީލް ޝަރީފާއި، ޝާނިޔާ އިބްރާހީމާއި ޙަސަން ރަޝީދާއި . ޙަސަން ލޫޠުގެ މައްޗަށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ ވާނީ ހުށަހަޅާފައެވެ. މިއީ އަދި ފެށުމެވެ.

މިއީ ޕްރޮސިކިއުޝަންގެ ސިޔާސަތަށް ގެންނަ ބަދަލެކެވެ. ޤާނޫނުން ހުއްދަކުރާ ބަދަލެކެވެ. ޤާނޫނަށް ބަދަލު ގެނެސްގެން ކުރެވެން ހުރި ކަންކަން އިހަށް އަދި ބަހައްޓާފައެވެ. މަސްތުވާތަކެއްޗާބެހޭ މައްސަލައަށް ޖުމްލަ ޙައްލެއް ގެނެވޭނީ، މިދާއިރާގައި ޙަރަކާތްތެރިވާ ހުރިހާ މުއައްސަސާތަކުން އެއްކޮށް، ބާރަށް މަސައްކަތް ކޮށްގެންނެވެ. އެމަސައްކަތް، ނައިބް ރައީސްގެ ބެއްލެވުމުގެ ދަށުން އެބަ ކުރިއަށް ދެއެވެ. މިމަސައްކަތުގައި އެން.ޖީ.އޯތަކާއި ޢާންމުންގެ ބައިވެރިވުންވެސް ބޭނުންވާނެއެވެ.

އަޅުގަނޑުގެ އަމާޒަކީ، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ޖިނާއީ ޢަދުލުގެ ނިޒާމުން ކުރާ މަސައްކަތުގެ މައިގަނޑު ފޯކަހަކީ، މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ، އެކަމުގެ އަޞްލު ‘ވިޔަފާރިވެރިން’ ފަހަތުން ދިއުމަށް ހެދުމެވެ. ހަމައެކަނި އެމީހުން އަތުން ފެންނަ ފައިސާއެއް ނޫނެވެ. އެމީހުންގެ ވިޔަފާރިތަކާއި، ވެހިކަލްތަކާއި، އެނޫންވެސް ހުރިހާ މުދަލެއް، މަނީ ލޯންޑްރިންގ ޤާނޫނު ބޭނުންކޮށްގެން ދައުލަތަށް ނެގުމެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ލިބިދޭންޖެހޭ ފަރުވާގެ ކަންތައް ވީހާވެސް ލުއިފަސޭހަކޮށްދީ، ޖިނާއި ޢަދުލުގެ ނިޒާމުގެ ތެރެއިން އެމީހުންނަށް ޒިންމާދާރު މީހެއްގެ ގޮތުގައި ނުކުމެވޭނެ މަގެއް ހޯދައިދިނުމެވެ. އެމަގުން ނުނިކުމެ، ނުވަތަ ނުކުމެ، އަލުން ކުށްކުރުމުގެ ތެރެއަށް ހިނގައްޖެނަމަ، ދެން އިތުރު ފުރުޞަތެއް ނުދިނުމެވެ.

Subscribe
Notify of
guest
2 Comments
Inline Feedbacks
View all comments