މަރު – މުޅި އިންސާނިއްޔަތު ޤަބޫލުކުރާ ހަމައެކަނި ޙަޤީޤަތް

މާރިޗު 5، 2021 . ހުކުރު

ދުނިޔޭގައި، ހުރިހާ އިންސާނުން އެއްބަސްވާ ކަންތައް އެހާ ގިނައެއް ނޫނެވެ. ނަމަވެސް، މަރުވާނެކަމާއި، މަރަކީ ޙަޤީޤަތެއްކަން ޤަބޫލުނުކުރާ އިންސާނަކު ދުނިޔޭގައި އުޅޭނެއެކޭ އަޅުގަނޑު ހިތަކަށް ނާރައެވެ. މާތްﷲ ދުނިޔޭގައި ލެއްވި ހުރިހާ އެއްޗަކާއި ކަމެއްގެ ތެރެއިން އެއްވެސް އިންސާނަކަށް (މުސްލިމަކަށް ވިޔަސް އަދި ޣައިރު މުސްލިމަކަށް ވިޔަސް) އިންކާރުނުކުރެވޭނެ އެއް ޙަޤީޤަތަކީ މަރެވެ.

ފޮޓޯ: ސަމްރާ ސަލީމް

ބައެއް ފިލޯސަފަރުން ދެކޭ ގޮތުގައި، މަރަކީ އިންސާނާގެ ޙަޔާތުގެ ޞަފްޙާއެއް ނޫނެވެ. އެއީ މަރާއި އިންސާނާއާ އެއްތަނެއްގައި އެއް ވަގުތެއްގައި ނޯންނާނެތީއެވެ. މަރު އައުމުން އިންސާނާ ދުނިޔެ ދޫކޮށްދާނެއެވެ. މަރު ނާންނަހާ ހިނދަކު (މަރުގެ ޣައިރު ޙާޟިރުގައި) އިންސާނާ ދުނިޔޭގައި އުޅޭނީއެވެ. މަރާއި އިންސާނުންނާ އެއް ތަނެއްގައި އެއް ވަގުތެއްގައި ނޯންނާނެކަމަށް އެބުނަނީ އެހެން ވެގެންނެވެ.

މުސްލިމުންގެ ޢަޤީދާގެ އެއް އަސާސަކީ މަރުވާނެކަން ޤަބޫލުކުރުމެވެ. އެއީ ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުންވެހެވެ. މާތް ﷲ ވަޙީ ކުރައްވާފައިވަނީ، “ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެ” ކަމަށެވެ. ހަމަ ޙަޤީޤަތުގައި މަރުވާނެކަން ހިތުގެ އަޑިން ޤަބޫލުކުރަނީ ކިތައް މީހުން ބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. މަރުވުމޭ މިދަންނަވަނީ، ހަމަ ކޮންމެ ވަގުތެއްގައިވެސް މަރުވެދާނެ ވާހަކައެވެ. މިއަންނަ ހަފްތާއަކު، މިއަންނަ މަހަކު ނޫނެވެ. ހަމަ މިވަގުތެވެ. މިގޮނޑިން ތެދުވާ ވަގުތެވެ. މަތީގައި އޮތް އާޔަތުގައި، މަރުވާނެ ވަގުތަކަށް އިޝާރާތެއް ނެތެވެ. ހަމަ ކޮންމެ ވަގުތަކުވެސް މަރުވެދާނެއެވެ. މާތްﷲ ވަޙީކުރައްވާފައިވަނީ، “އެއްވެސް މީހަކު، އެމީހަކު މަރުވާނެ ތަނެއް ނޭނގޭނެ” ކަމަށެވެ.

މަރުވުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟

އަޅުގަނޑުމެން މަރުވާ ވަގުތު، ނުވަތަ މިދުނިޔެ ދޫކުރާ ވަގުތު، އަޅުގަނޑުމެންގެ ބޭންކު އެކައުންޓުގައި އެއްކޮށްފައި ހުރި ހުރިހާ ފައިސާއެއް ބޭކާރުވެއެވެ. މާނައަކީ، އަޅުގަނޑުގެ އަމިއްލަ ބޭނުމަށްޓަކައި، އެފައިސާއަކީ ނެތް ފައިސާއެކެވެ. އަޅުގަނޑަށްޓަކައި (އަޅުގަނޑު މަރުވާ ވަގުތުން ފެށިގެން އަޅުގަނޑުގެ އަމިއްލަ އެއްވެސް ބޭނުމަކަށް، އަޅުގަނޑަށް އެފައިސާ ބޭނުން ނުކުރެވޭނެތީ) އެފައިސާގެ ބޭނުމެއް ނެތެވެ. އަޅުގަނޑުގެ ވާރިސުންނަށް އެފައިސާ ނުލިބޭނެ ވާހަކައެއް ނޫނެވެ.

އިންސާނުން ދުނިޔޭގައި އެއްކުރާ ހަމައެކަނި އެއްޗަކީ ފައިސާއެއް ނޫނެވެ. އުފާވެރިކަމާއި، ލޯތްބާއި، ހިތްހަމަޖެހުމާއި، ޙަމްދަރުދީއާއި، މިނޫންވެސް ވަރަށް ގިނަ ޝުޢޫރުތަކާއި އިޙްސާސްތައް އިންސާނުން އެއްކުރެއެވެ. ފައިސާއެކޭ އެއްފަދައިން، އިންސާނުންގެ ހިތުގައި ހިނގާ ހުރިހާ ޝުޢޫރުތަކަކާއި އިޙްސާސްތަކެއްވެސް، މަރުވާ ވަގުތުން ފެށިގެން “ބަނގުރޫޓު” ވެއެވެ. ކިތަންމެ ލޯބިވާ މީހަކު ދެކެވެސް، މަރުވުމަށްފަހު ލޯބިވެވޭނެ ގޮތެއް ނޯވެއެވެ. ކިތަންމެ އުފާ ކޮށްދޭ މީހެއްގެ ކިބައިންވެސް މަރުވުމަށްފަހު އުފާވެރިކަމެއް ނުލިބެއެވެ. އެކަންކަން ލިބެނީ ދުނިޔޭގައި އުޅޭ ވަގުތުއެވެ. ޞާލިޙު ދަރިއެއްގެ ނުވަތަ މުސްލިމުންގެ ހެޔޮ ދުޢާއިން މައްޔިތާއަށް ރައްކާތެރިކަން ނުލިބޭ ވާހަކައެއް ނޫނެވެ.

ރޭހެއްގައި ދުވާ މީހެއްގެ މިސާލަށް ބަލައިލަމާ ހިނގާށެވެ. ރޭސް ނިންމާ ވަގުތު، އެއްވަނައަށް ނިންމި މީހާ، އެއްވަނަ ދުވުންތެރިޔާއަށްވަނީ އެންމެ ފުރަތަމަ ރޭސް ނިންމީ އޭނާ ކަމަށްވާތީއެވެ. ދެވަނައަށް ރޭސް ނިންމި މީހާ ރޭސް ނިންމާފައި، “ތިމަންނާގައި އަދި މިވަރުގެ އެއް ރޭސް ދުވާހާ ބުންވަރާއި ބާރު ހުރި” ކަމަށް ބުނިނަމަވެސް، އޭނާ ރޭސް ނިންމީ ދެވަނައަށްކަން ބަދަލެއް ނުކުރެވޭނެއެވެ. “ބާކީ ހުރި ބުންވަރު” ރޭހުގެ ވަނަ ދެނެގަތުމަށްޓަކައި އެއީ ބޭކާރު މިންގަނޑެކެވެ. ރޭހުން އެއްވަނައަށް ދަނީ އެންމެ ގިނަ ބުންވަރާއި ބާރު “ބާކީ ކުރި މީހާ” އެއް ނޫނެވެ. އެހުރިހާ ބުންވަރަކާއި، ބާރަކާއި އާރެއް ބޭނުންކޮށްގެން އެންމެ ފުރަތަމަ ރޭސް ނިންމި މީހާއެވެ. ރޭސް ނިމުމުން، ބާކީ ހުރި ބުންވަރުގެ ވާހަކަ ދެއްކުމުން ވާނެ ފައިދާއެއް ނޯންނާނެއެވެ. މިކަން މިހެން އޮންނާތީ، ދުވުމުގެ ރޭސްތަކާއި އެނޫންވެސް ކުޅިވަރުގެ ދާއިރާގެ ބައެއް ކަންކަމުގައި، އެންމެ ފަހު ވަގުތު ކޮޅު އާދަޔާ ޚިލާފު ހިތްވަރެއް ލައިގެން ވިޔަސް ރަނގަޅު ނަތީޖާއެއް ނެރެވޭތޯ ބަލަނީއެވެ.

މިމިސާލު ދިރިއުޅުމުގެ ތެރެއަށް ގެންނައިރު، އަޅުގަނޑުމެން މަރުވާ ވަގުތު އެންމެ ގިނަ ފައިސާ ހުރި މީހާއަކީ އެއްވަނަ އަށް ރޭސް ނިންމި މީހާއަށް ނުވާނެއެވެ. އެންމެ ގިނަ ލޯބި، ނުވަތަ އުފާ، ނުވަތަ ހިތްހަމަޖެހުން ހަށިގަނޑުގެ ތެރޭގައި ބައްކޮށްގެން ހުރި މީހާގެ މާތްކަމެއް، މޮޅުކަމެއް ނެތެވެ.

ނިޢުމަތުން ހޭދަކުރުން

މާތްﷲ ވަޙީ ކުރައްވާފައިވަނީ “މާތްﷲ ދެއްވި ނިޢުމަތްތަކުން ހޭދަކުރާށޭ” އެވެ. ނިޢުމަތަކީ ހަމައެކަނި ފައިސާއާއި ތަނަވަސްކަމެއް ނޫނެވެ. ޢިލްމަކީ ނިޢުމަތެކެވެ. ސިކުނޑީގެ ތަނަވަސްކަމާއި ތޫނުފިލިކަމަކީ ނިޢުމަތެކެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމާއި، ލޯތްބާއި ރުޅިއަކީވެސް ނިޢުމަތެކެވެ. މިހުރިހާ ނިޢުމަތަކުން އަޅުގަނޑުމެން ވީ ހޭދަކުރާށެވެ. ހޭދަކުރަންވީ ވަކި މިންވަރެއްވެސް ނެތެވެ. އެއިން ނިޢުމަތެއް ދުވަހަކުވެސް މަދެއް ނުވެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވަނީ، “ތިޔަބައިމީހުން މާތްﷲގެ ނިޢުމަތްތައް ގުނައި ޢަދަދުކުރަން އުޅެފިނަމަ، އެކަމުގެ ކޮޅެއް ނޯންނާނެ” ކަމަށެވެ.

އޭގެ މާނައަކީ، ނިޢުމަތްތައް ހޭދަކުރުމުގައި އިސްރާފު ކުރުމެއް ނޫނެވެ. ވަކި މިންވަރަކަށްވުރެ ބޮޑަށް ކަމަކަށް ލޯބި ކުރުމަކީ އިސްރާފެކެވެ. އިސްރާފު ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ނޫނެވެ. ރުޅިވެރިކަމުގެ އިހްސާސުން ހޭދަކުރަންވީ، އެކަމުން އެހެން އިންސާނަކަށް ފައިދާއެއް ކުރާނެ ގޮތަށެވެ. މިސާލަކަށް، މީހަކު މީހަކަށް އަނިޔާވެރިވާ ވަގުތު، އެއަނިޔާ ހުއްޓުވުމަށްޓަކައި ރުޅި އަންނަންވާނެއެވެ. ނަމަވެސް، ހަމަ ކޮންމެ ކޮންމެ ކަމަކާ ރުޅި އައުމަކީ ނިޢުމަތުން އިސްރާފު ކުރުމެވެ.

މަރާ ދޭތެރޭ ވިސްނާއިރު، އަޅުގަނޑުމެން ކަންބޮޑުވެ ހާސްވަނީ މަރުވާނެތީއެއް ނޫނެވެ. މަރުވުމުގެ މަގުމަތީގައި އަޅާ ވޭނެވެ. ރަސޫލުﷲ (ޞ) ހަދީސް ކުރައްވާފައިވާ ފަދައިން މަރުވުމުގައި އެތައް ވޭނެއް އޮންނާނެއެވެ. ދުނިޔަވީ ދިރިއުޅުމުގައި އެންމެ ހިތްވަރުގަދަކަމަށް ޤަބޫލުކުރެވޭ މީހުންނަކީ، ޢާންމުކޮށް މީހުން އެންމެ ބިރު ގަންނަ، ނުވަތަ ޖެހިލުންވާ މީހެއްގެ ނުވަތަ ކަމެއްގެ ކުރިމަތީގައި ސާބިތުކަމާއެކު ހުންނަ މީހާއެވެ. މަރުވެދާނެތީ ކަންބޮޑުވާނަމަ، އަޅުގަނޑުމެންގެ ތެރެއިން އެންމެ ވަރުގަދަ ޝަޚްޞިއްޔަތަކަށްވާނީ، މަރުގެ ކުރިމަތީގައި “ތިމަންނާ މިހިރީ ތައްޔާރަށް” ކަމަށްބުނާ މީހާ ނޫންބާއެވެ؟ އެހެން ބުނެވެން އޮތީ، ހަމަ މިހިނދުވެސް މަރުވެދާނެކަން ހިތުގެ އަޑިން ޤަބޫލުކޮށް، މާތްﷲ އަންގަވާފައިވާ ގޮތަށް ނިޢުމަތްތަކުން ހޭދަކޮށްގެންނެވެ.

އެއްވެސް ކަމެއްގެ ޢިލްމެއް ހުރިނަމަ، ޢިލްމުން ހޭދަކުރާށެވެ. މާތްﷲއަށް އުރެދުމެއްނުވާ ކަންކަމުގައި، ލޯބި ވާނަމަ، އެކަންވާނީ ހާމަކުރާށެވެ. ލޯބި ވާ ވާހަކަ ބުނާށެވެ. އުފާވާނަމަ، އެވާހަކަވެސް ބުނާށެވެ. ފާޅުކުރާށެވެ. ޝުކުރުކުރާށެވެ. ހޭދަކުރާށެވެ. އިސްލާމްދީން އަންގަވާފައިވާ ގޮތަކީ އެއީއެވެ. އުފާވެރިކަން ހިއްސާކުރުމާއި، މުސްލިމުންގެ ހިތްތަކަށް އުފާވެރިކަން ވެއްދުމަކީވެސް ނިޢުމަތެކެވެ. އެކަމުންވެސް ވީ ހޭދަކުރާށެވެ.

މާތްﷲގެ ކުޅަދުންވަންތަކަން ނިކަން ބައްލަވާށެވެ. ލޯތްބާއި އުފަލާއި އަރާމާއި ހިތްހަމަޖެހުމާއި މިޒާތުގެ ކަންކަމަކީ އިޙްސާސްތަކެވެ. އިޙްސާސްތައް އުފައްދަނީ ހަށިގަނޑުގައި ހުންނަ ގްލޭންޑްތަކަކުންނެވެ. މަރުވުމުން މެނުވީ، މިއިން އެއްވެސް ގްލޭންޑެއްގެ މަސައްކަތެއް ނުވެއް ހުއްޓެއެވެ. ވީމާ ކިތަންމެ ވަރަކަށް ހޭދަކުރިއަސް، ނިޢުމަތެއް މަދެއް ނުވާނެއެވެ. ފައިސާއެއް ހުހެއް ނުވާނެއެވެ. ހޭދަނުކޮށް ބާކީ ހުރި ނިޢުމަތެއްނަމަ، އެނިޢުމަތަކުން ދުނިޔެއަކުވެސް އަދި ޤިޔާމަތް ދުވަހަކުންވެސް ވާނެ ފައިދާއެއް ނެތެވެ. 

މިއީ، 2015 ވަނަ އަހަރު ސީ.އެން.އެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ. މިލިޔުމުގެ މުހިންމުކަން މިހާރުވެސް އޮތަތީ، މިހާރު ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި ކުދިކުދި ބަދަލުތަކާއެކު އަލުން ޝާއިޢުކުރީއެވެ.

Subscribe
Notify of
guest
1 Comment
Inline Feedbacks
View all comments