3/20/2022

ޤާނޫނު ތަންފީޒު ކުރުން - ކެނެރީމަގުގެ މިސާލު

އަޅުގަނޑާއި، އަޅުގަނޑުގެ ރަޙްމަތްތެރި ގްރޫޕެއް، ކޮންމެ ހަފްތާ ބަންދެއްގައި ކޮފީ މޭޒަކުން ބައްދަލު ކުރަމެވެ. ކޮފީ އޮންނަނީ ސަމަރސެޓް ހޮޓެލުގެ ކޮފީޝޮޕްގައެވެ. އެތަން ހުންނަނީ، ކުރީގެ ސަލްސާ ކެފޭ ހުރި ތަނުގައި، މއ. މެލާ، ކެނެރީމަގު، ގައެވެ. އެމަގަކީ ހަނި ގޯޅިއެކެވެ. އެމަގުގައި، ސަމަރސެޓް ކޮފީޝޮޕްގެ ކުރިމަތީގައި، ސައިރިކްސް ކޮލެޖު ހުންނަ މއ. ރަސްމަތިގެއިން ފެށިގެން، ޗާނދަނީ މަގާ ހަމައަށް އޮންނާނީ އުސްކޮށް ޢިމާރާތްކޮށްފައެވެ. އެމަގު ފެށުނީއްސުރެ، މއ. ރަސްމަތިގޭ ޢިމާރާތާ ހިސާބަށް ބޯކޮށް ސައިކަލު ޕާކުކޮށްފައި ހުރެއެވެ. ނަމަވެސް، ރަސްމަތިގެއިން ފެށިގެން އިރަށް، ޗާނދަނީ މަގާ ހަމައަށް، ޕާކުކޮށްފައި ހުންނަ ސައިކަލު އާދަޔާ ޚިލާފަށް މަދުވާނެއެވެ. އަޅުގަނޑުމެންގެ ކޮފީއަށް އަންނަ މީހުންވެސް ސައިކަލު ޕާކުކުރާން ދާނީ ސަލްޓަން ޕާކު ކައިރީގައި، ޗާނދަނީ މަގުގައި ހުންނަ ޕާކިންގ ޒޯނަށެވެ. މިއީ ކީއްވެ ވާ ކަމެއްތޯއެވެ؟

 

މއ. ރަސްމަތިގެއިން އުތުރަށް، ޗާނދަނީ މަގާ ހަމައަށް އުސްކޮށް ހަދާފައި ހުރި ޢިމާރާތްތަކުގައި ގިނަ ޢަދަދަކަށް ކޮތަރު އުޅެއެވެ. އެކޮތަރުތައް، އެޢިމާރާތްތަކުގެ ބެލްކަނީ ތަކުގައި ވަގުތު ހޭދަކުރެއެވެ. އެގޮތަށް ވަގުތު ހޭދަކުރާއިރު، ކޮތަރު ގުއިވެސް ރެއެވެ. އެގުއި ގޮސް ޖެހެނީ، އެމަގުގައި ހުންނަ ސައިކަލުގެ ތަކުގެ މަޑިއަށާއި، ސައިކަލުގެ އެކި ބައިބައިގައެވެ. އެކޮތަރަކަށް، އެތަނުގައިހުރީ އަޅުގަނޑުގެ ސައިކަލުކަމެއް، މަރުޒޫޤުގެ ނުވަތަ ޒިނާނުގެ ސައިކަލުކަމެއް ނޭނގެއެވެ. ނުވެސްބަލައެވެ. ބެލުމުގެ ޤާބިލުކަމެއްވެސް ނެތެވެ. ބެލިއަސްވެސް، ކޮތަރު ގުއި ރޭންވީމާ، އެކަން ނުކޮށްވެސް ނުވެއެވެ. އެތަނުގައި ސައިކަލު ބަހައްޓާ މީހާ ބަހައްޓަނީ، އެކަން ދަނެގެންނެވެ. ކޮތަރި ގުއި ރޭނެކަމާއި، އެގުއި ތިމާގެ ސައިކަލުގައި ހުރެއްޖެނަމަ، ސާފުކުރަންޖެހޭނީ އަމިއްލައަށްކަމާއި، އެކަމުގައި އާދައިގެ ވަރަކަށްވުރެ ތުރާ ބޮޑުވާނެކަން ދަނެގެންނެވެ. އެކަމާގުޅިގެން ކޮތަރުދެކެ ރުޅިއާދެވެންވެސް ނޯންނާނެކަން ދަނެގެންނެވެ. އެކަމާ ކޮތަރު ދެކެ ރުޅިއަރާނަމަ، އެއީ އެމީހާގެ މޮޔަކަމެވެ. ކޮތަރުގެ މައްސަލައެއް ނޫނެވެ. ކޮތަރުގެ ޠަބީޢަތަކީ ވަކި ތަނެއް ނުބަލައި ސީ ލުމެވެ.


މިދިޔަ، 17 މާރިޗު 2022 ވީ ބުރާސްފަތި ދުވަހަކީ، އެންޓި ކޮރަޕްޝަން ކޮމިޝަނަށް، މުޅިން އަލަށް ފަސް މެންބަރުން ޢައްޔަން ކުރެވުނު ދުވަހެވެ. މިމުނާސަބަތުގައި، ކޮމިޝަނަށް ޢައްޔަންވި މެމްބަރުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ތަހުނިޔާ އަރިސް ކުރަމެވެ. އަލަށް ޢައްޔަންވި މެންބަރުންގެ ތެރޭގައި، އަލްއަޒްހަރު ޔުނިވަރސިޓީން ތަޢުލީމު ޙާޞިލުކުރެއްވި ދެބޭފުޅަކު ތިއްބެވިކަމީ އަޅުގަނޑުމެން އަޒްހަރު ޚިއްރީޖުންނަށް ލިބުނު ޚާއްޞަ އުފަލެކެވެ.

 

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތް ކާމިޔާބު ވުމަކީ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގެ މަޞްލަޙަތުގައި އޮތް ކަމެކެވެ. ޤާނޫނު ތަންފީޒުކޮށް، ކޮމިޝަނުގެ މަސައްކަތް ކާމިޔާބުކުރުމުގައި، އެކޮމިޝަނުގެ އެއް ނަންބަރު ސަޕޯޓަރަކަށްވާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ. ޕީޖީ އޮފީހުގެ ހުރިހާ އިންސާނީ ވަޞީލަތެއް، އޭސީސީގެ މަސައްކަތް ކާމިޔާބުކުރުމުގެ މަގަށް، ކުރިންވެސް، މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް އޮންނާނީ ރުކުރުވާލާފައެވެ. އެކަމުގެ ފުރިހަމަ ޔަޤީންކަން އައު މެންބަރުންނަށް އަޅުގަނޑު އަރުވަމެވެ. ކޮމިޝަނުން ފައްޓަވާ ހުރިހާ ޖިނާއީ ތަޙުޤީޤެއްގެ އަނެއް ކޮޅުގައި އަޅުގަނޑުމެން ވަރުގަދައަށް ހިފާނަމެވެ. އެމަސައްކަތް ކާމިޔާބުކުރުމަށް ލެވެން އޮތް ބާރެއް ލާނަމެވެ.

 

އެމީހެއްގެ ނުފޫޒާއި ބޮޑާކަމާއި، ހަނި ވިސްނުމާއި، ހަމައާއި އިންޞާފު ޤަބޫލު ނުކުރެވުމާއި، ދުނިޔޭގެ ކަންކަން ހިނގާ ގޮތުގެ ޠަބީޢަތު ނޭނގޭނަމަ، އެމީހެއްގެ ސައިކަލުގެ މަޑިއަށް ގުއި ރުނު ކޮތަރު ހޯދައިގެން، އެކޮތަރު މަރައިލަން އުޅެފާނެއެވެ. ނަމަވެސް، އެކޮތަރު ނެތިއްޔާ، އެތަނުގައި އެހެން ކޮތަރެއް އިންނާނެއެވެ. ގުއި ރޭނެއެވެ. އެއީ، އޭގެ ޠަބީޢަތެވެ. ދުނިޔެ އޮތް ހައި ހިނދަކު، ކޮތަރު ސީ ލުމެއް ނުހުއްޓުވޭނެއެވެ. ކޮންމެވެސް ޢަދަދަކަށް ކޮތަރު މަރައިލާ، ނައްތާލައި، ނިޒާމުން ގެއްލުވައި ލެވިދާނެއެވެ. ނަމަވެސް، ކޮތަރު އެނބުރި އަންނާނެއެވެ. ކޮތަރަކީ މަފްހޫމެކެވެ.

 

ޤާނޫނު ތަންފީޒުކުރުމަކީވެސް އެކަހަލަ ކަމެކެވެ. ޤާނޫނެއް ހަދައި، ތަންފީޒީ އިދާރާތަކާ ތަންފީޒުކުރަން ޙަވާލުކުރުމުން، ތަންފީޒީ އިދާރާތައް ޢަމަލުކުރާނީ ކޮތަރި ގުއި ރޭ އުޞޫލުންނެވެ. ލޮލަކަށް، މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި، ޤާނޫނު ތަންފީޒުކުރާނީއެވެ. އެކަމުން ނުތަނަވަސްކަން އަންނަ މީހަކަށް ނުތަނަވަސްކަން އަންނާނެއެވެ. ނަމަވެސް، ޤާނޫނުގެ ކުރިމަތީގައި ހުރަހަށް ޕާކުކުރާ މީހާ ޕާކު ކުރަންވާނީ، ކޮތަރު ގުއި ރޭ ގޮތަށް، ޤާނޫނު ތަންފީޒުވުމުގެ ފުރުޞަތު އޮންނާނެކަން ދަނެގެންނެވެ.


އަޅުގަނޑުގެ އުއްމީދަކީ، އަލަށް އެކުލަވާލެވުނު ކޮމިޝަނާއެކު، ރަނގަޅު، ކާމިޔާބު މަސައްކަތްތަކެއް ކޮށް، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް މަދުކުރެވުމެވެ. ކޮރަޕްޝަން ނެތް މުޖްތަމަޢެއް ބިނާ ކުރުމެވެ.

 

އަލްއުސްތާޛު އިބްރާހީމް ޝިހާބު ލިޔުއްވާފައިވާ ފަދައިން، "އަދުގެ އުޞޫލަކީ ޢަމަލެވެ. ތިމާގެ ވާޖިބު އަދާކުރަމުން، އަނެކެއްގެ ޙައްޤަށް ޙުރުމަތްތެރިކޮށް ހިތަމުން ކުރާ ޢަމަލެވެ. ޤައުމުން ޖާހިލުކަމާއި، ބަލިމަޑުކަމާއި، ފަޤީރުކަން ނެއްތާލުމަށް ކުރާ ހަރުދަނާ ޢަމަލެވެ."



ފޮޓޯ: މިހާރު ނޫސް

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author