2/12/2022

މަސައްކަތް ކުރެވޭ މިންވަރު – ތަފާސް ހިސާބުން (ޖަނަވަރީ 2022)

12 ފެބްރުވަރީ، 2022 . ހޮނިހިރު


އަޅުގަނޑު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމާ ޙަވާލުވީއްސުރެ، ތަފާސް ހިސާބާއި ނަންބަރަށް ބަލައިގެން ސިޔާސަތު ބައްޓަންކުރަން އެބަ މަސައްކަތް ކުރަމެވެ. މިކަމަށް ބޭނުންވާ މަޢުލޫމާތު ހޯދޭނެ ގޮތަށް، އޮފީހުގެ އެތެރޭގެ ނިޒާމުތައް ވަނީ ބަދަލުކުރެވިފައެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި ޔުނިސެފުގެ އެހީތެރިކަމާއެކު، މިމަސައްކަތް ދާއިމީ ސިފައެއް ކުރެވޭނޭގޮތަށް މުވައްޒަފުންވެސް މިދަނީ ތަމްރީނުކުރަމުންނެވެ. މިމަސައްކަތަށް ވަގުތާއި ފައިސާ އިންވެސްޓު ކުރާތާ މިހާރު އަހަރެއްހައި ދުވަސްވެއްޖެއެވެ.

 

މަޢުލޫމާތާއި ތަފާސްހިސާބަކީ ޢާންމު މަޢުލޫމާތެވެ. ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ ދާއިރާގެ އެންމެ އަސާސީ ކަމަކީ، މަޢުލޫމާތު ސިއްރުނުކޮށް ޢާންމުކުރުމެވެ. ހާމަކަން އިތުރުކުރުމެވެ. ޓްރާންސްޕޭރަންސީގެ ޒަރީޢާއިން މެނުވީ ރައްޔިތުންގެ އިތުބާރެއް ނުލިބޭނެއެވެ.

 

ދައުލަތުގެ އިދާރީ ހިންގުމުގެ ތެރޭގައި ހާމަކަން އިތުރުކުރުމުގެ ސަބަބުން ކޮރަޕްޝަނަށް ހުރި ދޮރުތައްވެސް ދާނީ ބަންދު ކުރެވެމުންނެވެ. އެއްވެސް މީހަކު، މީހަކަށް ގުޅާފައި ތިމަންނާއަށް ރިޝްވަތުކޮޅެއް ދޭކަށެއް ނުބުނާނެއެވެ. އެކަން ހިނގާނީ އެހެން ގޮތް ގޮތުންނެވެ. ރިޝްވަތު ދިނުމަށް އެދި ބުނި ބުނުން، ޝަރީޢަތުގެ މަޖިލީހެއްގައި ސާބިތުކޮށްދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް، ތަފާސް ހިސާބާއި މަޢުލޫމާތުގެ އަލީގައި ރިޝްވަތާއި ކޮރަޕްޝަން މަދުކުރެވޭނެއެވެ. މިސާލަކަށް، ދައުލަތުގެ މުވައްޒަފަކު، ވަކި ދުވަހަކު ވަކި ކަމެއް ކުރަން އޮވެފައި، އެދުވަހުގެ ކުރިން ދުވަހަކުވެސް އެކައުންޓަށް ފައިސާ ޖަމާ ނުކުރާ މީހެއްގެ ފަރާތުން، ދައުލަތުގެ މުވައްޒަފުގެ އެކައުންޓަށް، މިދެންނެވި ދުވަހު ފައިސާ ވަދެއްޖެނަމަ، އެކަމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބެލިދާނެއެވެ. މަޢުލޫމާތު ހާމަކުރާނަމަ، މިކަންކަމަކީ ފާހަގަވާނެ ކަންކަމެވެ.


މިއަހަރު އަޅުގަނޑު ކުރަން މިފަށާ ކަމަކީ، ކޮންމެ މަހަކުމެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހާމަކުރުމެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގައި، ޕީޖީ އޮފީހުގެ މަސައްކަތާ ގުޅިގެން ކުރެވުނު ކަންތައްތަކާއި، ނުކުރެވި ހުރި ކަންތައްތަކާއި، ނަތީޖާ ނެރެވުނު ގޮތާއި ނުނެރެވި ހުރި ދާއިރާތައް، މިމަޢުލޫމާތުގެ އަލީގައި ހާމަވާނެއެވެ. މިކަމުގެ ސަބަބުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިމެނޭ ގޮތުން، ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ހުރިހާ އިދާރާތައް ޖަވާބުދާރީކުރުވަން މަގު ފަހިވާނެއެވެ. މިމަސައްކަތުގެ ތެރެއިން، ޖިނާއީ ޢަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވެގެންދާނެކަމީ އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫނެވެ. ހާމަކުރުމާއި، ކަންކަން ނުފޮރުވުމަކީ، އިދާރީ ހިންގުމުގެ ދާއިރާގައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އަޅުގަނޑު ހިތުގެ އަޑިން ޤަބޫލުކުރަމެވެ.

 

ކޮންމެ މަހެއްގެވެސް ފުރަތަމަ ހަފްތާގެ ތެރޭގައި، ވޭތުވެދިޔަ މަހުގައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ކަން ހިނގައިދިޔަ ގޮތާބެހޭ އަންނަނިވި މަޢުލޫމާތު ހާމަކުރެވޭތޯ އަޅުގަނޑު މަސައްކަތްކުރާނަމެވެ.

1.    ތަޙްޤީޤީ އިދާރާތަކުން ޕީޖީ އޮފީހާ މަޝްވަރާކުރުމަށް ޝެޑިއުލްކުރި މައްސަލަތަކާއި، ބަލައިގަނެވުނު މައްސަލަތަކާއި، ގޮތެއް ނުނިމި ހުރި މައްސަލަތަކުގެ ޢަދަދު

2.    ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދާއި، ބާވަތާއި ހުށަހެޅުނު ކޯޓުތައް

3.    އެމަހެއްގައި ޝަރީޢަތުގެ އަޑުއެހުންތައް ތާވަލުކުރެއްވި ކޯޓުތަކާއި، އެއަޑުއެހުންތައް ބޭއްވުނުކަން ނުވަތަ ނޫންކަން

4.    ކޯޓުތަކުން އެމަހެއްގައި ނިންމެވި މައްސަތަކުގެ ޖުމްލަ ޢަދަދާއި، އެމައްސަލަތައް ސާބިތުވިކަން ނުވަތަ ނޫންކަމާއި، އެމައްސަލަތައް ނިންމެވި ކޯޓުތަކުގެ ނަންތައް

 

މިމަޢުލޫމާތުތައް ހާމަކުރުމަށް، އަޅުގަނޑުގެ ހިތުގައި އޮތް ސޮފްޓްވެއަރ އަދި ނުލިބެއެވެ. އެހެންކަމުން، މިމަހު މި ހާމަކުރާނީ، ޕީޖީ އޮފީސް ވެބްސައިޓުގައި، މައިކްރޯސޮފްޓް އެކްސަލްގައެވެ.


ފުލުހުން މަޝްވަރާ ކުރެވުނު މައްސަލަތައް

ޖަނަވަރީ 2022 ގައި، ތަފާތު 58 ބާވަތުގެ 145 މައްސަލައިގައި ފުލުހުން ޕީޖީ އޮފީހާ މަޝްވަރާ ކުރެއްވިއެވެ. އޭގެތެރެއިން 130 މައްސަލައިގައި ގޮތެއް ނިންމިފައިވެއެވެ. އެއީ، 47.69% ޕަސެންޓު (62 މައްސަލަ) ގައި މަޢުލޫމާތު ފުރިހަމަވެގެން ދައުވާ ކުރުމަށާއި، 13.85% (18) މައްސަލައިގައި ދައުވާއެއް ކުރެވެން ނެތްކަމަށާއި، 38.46% (50) މައްސަލައިގައި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށެވެ. މިމަސައްކަތުގައި ޕީޖީ އޮފީހުގެ 75 ވަކީލުން މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. އެންމެ ގިނަ މައްސަލަ ދިރާސާ ކުރެއްވީ، ރ.ދުވާފަރުގައި އަލަށް އުފެއްދި ޕީޖީ އޮފީހުގެ ގޮފިން އަލްއުސްތާޛު ރިމާޙު މުޙައްމަދު (6 މައްސަލަ) އެވެ. އެވްރެޖްކޮށް މައްސަލައެއްގައި ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރަކު ނަގާފައިވަނީ 4.40 ދުވަހެވެ.

ހުށަހެޅުނު މައްސަލަތައް

ޖަނަވަރީ 2022 ގައި، 151 މީހެއްގެ މައްޗަށް، 46 ބާވަތުގެ، 224 ޖިނާއީ ދަޢުވާ، ތަފާތު 36 ކޯޓަކަށް ހުށަހަޅާފައިވެއެވެ. އެންމެ ގިނައިން ހުށަހެޅިފައި އޮތީ ކްރިމިނަލް ކޯޓަށް ހުށަހެޅުނު 97 މައްސަލައާއި، ޑްރަގް ކޯޓަށް 47 މައްސަލައާއި ހުޅުމާލޭ ކޯޓަށް 16 މައްސަލައެވެ. ތުހުމަތުކުރެވޭ މީހުންގެ އެވްރެޖް ޢުމުރަކީ 29.97 އަހަރެވެ. އެއްދުވަހަކަށް، އެންމެ ގިނައިން މައްސަލަ ހުށަހެޅުނީ 13 ޖަނަވަރީ 2022 (ބުރާސްފަތި) ދުވަހު ހުށަހެޅި 23 މައްސަލައެވެ. އެއަށްފަހު، 3 ޖަނަވަރީ 2022 (ހޯމަ) ދުވަހު ހުށަހެޅި 20 މައްސަލައެވެ.

ކްރިމިނަލް ކޯޓަށް އެންމެ ގިނައިން ހުށަހެޅިފައި އޮތީ، ޤާނޫނު ހިންގުމަށް ހުރަސްއެޅުން (14 މައްސަލަ) ހުއްދަނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުން (11 މައްސަލަ) އާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން (12 މައްސަލަ) އެވެ. މިމައްސަލަތަކުގެ ތަފްޞީލަށް ބަލައިލުމުން، މިއީ، ޖަނަވަރީ (އަހަރު ފެށޭ) މަހަށް ޚާއްޞަ "ސީޒަނަލް" މައްސަލަތައް ކަމަށް ބެލިދާނެއެވެ. 

މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި، ހޮސްޕިޓަލިޓީ ޑިޕޮޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން، މީރާއަށް ހުށަހެޅި ޓެކުހާގުޅޭ ލިޔުންތަކެއް އޮޅުވާލިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 7 ދަޢުވާއެއް ހުށަހެޅިފައިވެއެވެ.


ނިމުނު މައްސަލަތައް

ޖަނަވަރީ 2022 ގައި، ރާއްޖޭގެ ހުރިހާ ކޯޓުތަކަކުން ނިންމެވީ، 159 މީހެއްގެ މައްޗަށް ހުށަހެޅުނު 169 ދަޢުވާއެވެ. އޭގެ ތެރެއިން 58% މައްސަލައަކީ ޑްރަގް ކޯޓުން (98) ނިންމެވި މައްސަލަތަކެވެ. ޑްރަގް ކޯޓަކީ މައްސަލައިގެ މައުޟޫޢަށް ވާހަކަ ދައްކާ ކޯޓަކަށް ނޫނެވެ. ޑްރަގް ކޯޓުގެ ދޮރުން ވަދެވެނީ އިޢުތިރާފުވާ މީހުންނަށް އެކަންޏެވެ. ބާކީ އޮތް 42% (71 މައްސަލަ) ގެ ތެރެއިން 15% (26 މައްސަލަ) ކްރިމިނަލް ކޯޓުން ނިންމެވިއެވެ. ކްރިމިނަލް ކޯޓުން އެންމެ ގިނަ މައްސަލަ ނިންމެވީ ފަނޑިޔާރު އާދަމް މުޙައްމަދު (9 މައްސަލަ) އެއަށްފަހު، ފަނޑިޔާރު ދީބާނާޒް ފަހުމީ (6 މައްސަލަ) އާއި ފަނޑިޔާރު އިސްމާޢީލް ޝަފީޢު (5 މައްސަލަ) އެވެ. މެޖިސްޓްރޭޓް ކޯޓުތަކުން އެންމެ ގިނަ މައްސަލަ ނިންމެވީ ކ. ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގައި ފަނޑިޔާރު އިބްރާހީމް ޝަކީބް (5 މައްސަލަ) އެވެ.

 

ޑްރަގް ކޯޓު ފިޔަވައި، އެހެނިހެން ކޯޓުތަކުން ނިންމެވި މައްސަލަތަކުގެ ތެރެއިން 69% މައްސަލަ ސާބިތުވިއެވެ. 24% ޕަސެންޓު މައްސަލަ ނިމުނީ ސާބިތުނުވެއެވެ. 7% މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމެވިއެވެ. ސާބިތުވެގެން ނިމުނު މައްސަލަތަކުގެ ތެރޭގައި، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ 2 މައްސަލައެއް ހިމެނެއެވެ. އެއީ، ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓުން 4 ޖަނަވަރީގައި ނިންމެވި މައްސަލައަކާއި ކްރިމިނަލް ކޯޓުން 31 ޖަނަވަރީ ގައި ނިންމެވި މައްސަލައެވެ. މަދަނީ މިންގަނޑުން ނުބެލޭނެކަމަށް، ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުން، 26 ޖަނަވަރީގައި ނިންމެވި މިބާވަތުގެ މައްސަލައެއް، މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.


ނަމަވެސް، މިދިޔަ މަހު ނިމުނު މައްސަލަތަކަކީ، އެމަހު ހުށަހެޅުނު މައްސަލަތަކެއް ނޫނެވެ. އެއީ، އެކި ދުވަސްވަރު ހުށަހެޅިފައި ހުރި މައްސަލަތަކެވެ.


ކޯޓު އަޑުއެހުންތައް

ޖަނަވަރީ 2022 ގައި، ޖިނާއީ މައްސަލައެއްގެ އަޑުއެހުމެއް ޝެޑިއުލްކުރެއްވީ، ޖުމްލަ 87 ކޯޓުގައެވެ. އެއީ 1001 އަޑުއެހުމެވެ. މިއިން ކޮންމެ އަޑުއެހުމަކަށް ޕީޖީ އޮފީހުގެ ވަކީލަކު ޢައްޔަނުކުރެވިފައިވެއެވެ. މީގެ ތެރެއިން ބޭއްވުނީ 46.05% (461) އަޑުއެހުމެވެ. އެކި ސަބަބުތަކާހުރެ 53.95% (540) އަޑުއެހުން ކެންސަލްވިއެވެ. އެންމެ ގިނަ އަޑުއެހުން ކެންސަލްވެފައިވަނީ ކްރިމިނަލް ކޯޓު (272)، ޑްރަގް ކޯޓު (71)، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު (37)، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު (30) އެވެ. އެންމެ ގިނަ ކޯޓުގައި އެއްދުވަހާ މަސައްކަތް ހިނގީ 24 ޖަނަވަރީ ދުވަހު ތަފާތު 20 ކޯޓެއްގައި، 49 އަޑުއެހުމެވެ. އެދުވަހުވެސް ބޭއްވުނީ 15 އަޑުއެހުމެވެ. 34 އަޑުއެހުންވީ ކެންސަލެވެ.

ޖުވެނައިލް ކޯޓުގައި މިދިޔަ މަހު ޝެޑިއުލް ކުރެވުނީ 15 އަޑުއެހުމެވެ. ބޭއްވުނީ 8 އެވެ. އެއީ، ފަނޑިޔާރު ސަޢީދު އިބްރާހީމް ބޭއްވެވި 4 އަޑުއެހުމަކާއި، އެހެން ކޮންމެ ފަނޑިޔާރަކު 1 އަޑުއެހުމެވެ.

އެންމެ ގިނަ މައްސަލަ ޝެޑިއުލް ކުރެއްވި ކްރިމިނަލް ކޯޓުގެ ވަކިވަކި ފަނޑިޔާރުންގެ ނަތީޖާ ދައްކަނީ އަންނަނިވި ގޮތަށެވެ. (ޝެޑިއުލް ކުރެއްވިކަމަށް ބަލާފައިވަނީ މުއްތަހަމުގެ ޢަދަދުންނެވެ.)


ފަނޑިޔާރު އަލްއުސްތާޛު ޙަސަން ސަޢީދު - ޝެޑިއުލް ކުރެއްވި 32، ބޭއްވުނު 6، ބޭއްވުނު ޕަސެންޓު 18.75%

ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު - ޝެޑިއުލް ކުރެއްވި 27، ބޭއްވުނު 14، ބޭއްވުނު ޕަސެންޓު 51.85%

ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލު - ޝެޑިއުލް ކުރެއްވި 25، ބޭއްވުނު 14، ބޭއްވުނު ޕަސެންޓު 56.00%

ފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމް - ޝެޑިއުލް ކުރެއްވި 64، ބޭއްވުނު 25، ބޭއްވުނު ޕަސެންޓު 39.06%

ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު، - ޝެޑިއުލް ކުރެއްވި 52، ބޭއްވުނު 17، ބޭއްވުނު ޕަސެންޓު 32.69%

ފަނޑިޔާރު އަލްއުސްތާޛު އިސްމާޢީލް ޝަފީޢު، - ޝެޑިއުލް ކުރެއްވި 54، ބޭއްވުނު 16، ބޭއްވުނު ޕަސެންޓު 29.63%

ފަނޑިޔާރު އަލްއުސްތާޛު ޢަލީ ނަދީމް - ޝެޑިއުލް ކުރެއްވި 74، ބޭއްވުނު 37، ބޭއްވުނު ޕަސެންޓު 50.00%

ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު މިޞްބާޙު - ޝެޑިއުލް ކުރެއްވި 61، ބޭއްވުނު 18، ބޭއްވުނު ޕަސެންޓު 29.51%

ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީ - ޝެޑިއުލް ކުރެއްވި 22، ބޭއްވުނު 19، ބޭއްވުނު ޕަސެންޓު 86.36%

ފަނޑިޔާރު އަލްއުސްތާޛު ޞަފްވަތު ޙަބީބް - ޝެޑިއުލް ކުރެއްވި 50، ބޭއްވުނު 23، ބޭއްވުނު ޕަސެންޓު 46.00%


މިހިސާބުތައް ނަގައި، އެއްކޮށް ޢާންމުކުރުމުގެ މަސައްކަތަކީ، އަދި މުޅިން އަލަށް ކުރަން ފަށާ ކަމަކަށްވާތީ، މިހިސާބުތަކުގައި ބައެއް އޮޅުންބޮޅުމާއި ކުށް ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަށްޓަކައި ކިޔުންތެރިން ކިބައިން މަޢާފަށް އެދެމެވެ. ނަމަވެސް، މިހިސާބުތައް އެތައް ފަހަރަކު ޗެކު ކުރެވިފައިވެއެވެ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތްތަނުގައި، ގަވާއިދުން މިކަން ކުރެވެން ފެށުމުން، އެގޮތަށް ހުރި ކުށްތައް ރަނގަޅު ކުރެވި، އިތުރަށް ތަފްޞީލު ކުރެވެމުންދާނެއެވެ. މިއަންނަ މަހުގެ ހިސާބުތަކުގައި، މަތީ މަރްޙަލާގެ ކޯޓުތަކުގެ ހިސާބުތައްވެސް ހިމަނަން އެބަ މަސައްކަތް ކުރަމެވެ.

 

އަޅުގަނޑުގެ އުއްމީދަކީ، މިހިސާބުތަކަކީ، ސިޔާސަތު ހައްދަވާ ބޭފުޅުންނާއި، ކިޔަވާ ކުދިންނާއި ނޫސްވެރިންނަށް ބޭނުންތެރި އެއްޗަކަށްވުމެވެ. އަދި، ޚުދު އަޅުގަނޑުމެން މަސައްކަތްކުރާ ގޮތާއި ފެންވަރު ޢާންމުންގެ ކުރިމަތީގައި ވަޒަންކުރެވި، ފެންވަރު ރަނގަޅު މަސައްކަތެއް ކުރުމަށް ބާރުއެޅޭނެ ކަމަކަށްވުމެވެ. މަތީގައި ބަޔާންކުރި މަޢުލޫމާތުތަކުގެ އިތުރުންވެސް، ބޭނުންތެރި މަޢުލޫމާތެއް ހުރިކަމަށް އެއްވެސް ބޭފުޅަކަށް ފެނިވަޑައިގަންނަވާނަމަ، އެކަމެއް އިޝާރާތް ކޮށްދެއްވުމުން، އެމަޢުލޫމާތުވެސް ހިމެނުމަށް އަޅުގަނޑު މަސައްކަތް ކުރާނަމެވެ.

Connect through

The opinions expressed in this publication are those of the author. They do not purport to reflect the opinions or views of the official positions held by the author. The designations employed in this publication and the presentation of material therein do not imply the expression of any opinion whatsoever on the part of the official positions held by the author