ޓެރަރިޒަމްގެ މައްސަލައިގައި ބަންދުކުރުމާއި ދައުވާކުރުމާ މިއީ ދެ އިޖުރާއާތެއް

ސެޕްޓެމްބަރ 18، 2021 . ހޮނިހިރު

ޓެރަރިޒަމްގެ މައްސަލައެއްގެ ތުހުމަތުގައި ދައުވާކޮށްފައިވާ، ޏ. ފުވައްމުލައް / ކަރިއްޔާވިލާ، މުޙައްމަދު އަމީންގެ މައްޗަށް ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުން ކުޅަ ދެ ދައުވާއެއް، މައުޟޫޢީ ގޮތުން ބެލޭނެ ދައުވާތަކެއް ނޫންކަމަށް ކަނޑައަޅުއްވައި، މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން މައްސަލައެއް ނިންމަވައިފިއެވެ. އެމައްސަލަ ބެއްލެވީ ހައިކޯޓުގެ 2021/HC-B12/50 ނަންބަރު ޤަޟިއްޔާއިންނެވެ.

Photo by Joel Heard on Unsplash

ފަސްފަހަތް

މުޙައްމަދު އަމީންގެ މައްޗަށް ކޮށްފައިވަނީ ދެ ދަޢުވާއެކެވެ. ފުރަތަމަ ދައުވާއަކީ؛

“ޏ. ފުވައްމުލައް / ކަރިއްޔާވިލާ، މުޙައްމަދު އަމީން، 2018 އޮކްޓޯބަރު 21 ވަނަ ދުވަހުގެ ވަގުތެއްގައި ކ. މާލެ/ ހ. މޫންލައިތްވެލީ، ޢަލީ ޝާފިޢު އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުން އަންނަ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޚުރަސާންގައި ދިވެހިރާއްޖޭގެ ސެލްގެ ވެރިއެއްގެ ގޮތުގައި އަފްޣާނިސްތާނަށް ފޮނުވާފައިވާތީއާއި، އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގައި ހުންނަ ލީޑަރުގެ ގޮތުގައި ޙަރަކާތްތެރިވެ ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކޮށް ދިވެހިންގެ ތެރެއިން މުޙައްމަދު އަމީން ރެކްރޫޓްކުރާ އިސްލާމިކް ސްޓޭޓް ޚުރަސާންގައި ޤާއިމްވުމުން އިތުރު ދިވެހިން އެ ޤައުމަށް ހަނގުރާމައަށް ފޮނުވުމަށް މުޙައްމަދު އަމީން ރާވާފައިވާތީ، ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ” އެވެ.

ދެވަނަ ދަޢުވާއަކީ؛

“މުޙައްމަދު އަމީން އެކި ދުވަސްމަތިން ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް ސީރިޔާއަށް ފޮނުވާފައިވާތީއާއި، ސީރިޔާގައި ހިނގަމުންދިޔަ ދާޚިލީ ހަނގުރާމަ ނިމުމަކަށް އައުމާ ގުޅިގެން، އަފްޣާނިސްތާނު ޚުރަސާން ޕްރޮވިންސްގައި ޙަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޚުރަސާން (އައި.އެސް.ކޭ.ޕީ) އަށް ދިވެހިން ރެކްރޫޓުކުރުމަށް ރާވައި، މުޙައްމަދު އަމީން، 2018 އޮކްޓޫބަރު 21 ވަނަ ދުވަހުގެ ވަގުތެއްގައި ކ. މާލެ / ހ. މޫންލައިޓްވެލީ ޢަލީ ޝާފިޢު އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުން އަންނަ ޓެރަރިސްޓް ޖަމާޢަތެއްކަމަސްވާ އިސްލާމިކް ސްޓޭޓް ޚުރަސާންގައި ދިވެހިރާއްޖޭގެ ސެލްގެ ވެރިއެއްގެ ގޮތުގައި އަފްޣާނިސްތާނަށް ފޮނުވާފައިވާތީއާއި، އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގައި ހުންނަ ލީޑަރުގެ ގޮތުގައި ޙަރަކާތްތެރިވެ ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކޮށް ދިވެހިންގެ ތެރެއިން މުޙައްމަދު އަމީން ރެކްރޫޓްކުރާ އިސްލާމިކް ސްޓޭޓް ޚުރަސާންގައި ޤާއިމްވުމުން އިތުރު ދިވެހިން އެޤައުމަށް ހަނގުރާމައަށް ފޮނުވުމަށް މުޙައްމަދު އަމީން ރާވާފައިވާތީ، ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޓެރަރިސްޓް ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ” އެވެ.

މި ދެދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި، މިމައްސަލައިގައި ދައުވާ ކުރުމުގެ މުއްދަތު ގުނާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ، މުޙައްމަދު އަމީންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އެހުށަހެޅުން، ކްރިމިނަލް ކޯޓުން ބައްލަވައި، އެކަމުގައި ނިންމަވާފައި އޮތީ، ދައުލަތުން ދައުވާ ކުރުމުގެ މުއްދަތު ގުނާފައި އޮތީ ރަނގަޅަށް ކަމަށާއި، މިއީ ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމަށެވެ.

މި ނިންމެވުމާ މުޙައްމަދު އަމީން ހިތްހަމައެއް ނުޖެހުނެއެވެ. އޭނާ އެމައްސަލަ ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓުގެ ރަޖިސްޓްރާރ ނިންމެވީ، މުޙައްމަދު އަމީން ހުށަހެޅި މައްސަލައަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށެވެ. ރަޖިސްޓްރާރގެ ނިންމެވުން އަލުން ބަލައިދިނުމަށް މުޙައްމަދު އަމީން ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅުމުން، ފަނޑިޔާރުންވެސް ނިންމެވީ، މުޙައްމަދު އަމީން ހުށަހެޅި މައްސަލައަކީ ބެލޭނެ މައްސަލައެއް ނޫންކަމަށެވެ. އެނިންމެވުން ހިފައިގެން މުޙައްމަދު އަމީން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ނިންމެވީ، މުޙައްމަދު އަމީންގެ ޝަކުވާ ހައިކޯޓުން ބައްލަވަންޖެހޭ ކަމަށެވެ. ބުރާސްފަތި ދުވަހު ނިންމެވި މައްސަލައަކީ، ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން މުޙައްމަދު އަމީން އަލުން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ބެއްލެވި މައްސަލައެކެވެ.

ފެކްޓްސް

މިމައްސަލައިގައި މުޙައްމަދު އަމީން ހައްޔަރު ކުރެވިފައިވަނީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ ދަށުންނެވެ. އެއީ، 23 އޮކްޓޯބަރ 2019 ގައެވެ. އޭނާ ބަންދުކުރީ، ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ 26 ވަނަ މާއްދާގެ (ފ) ގައި ބުނާ ޙާލަތަށް ފައްތައިގެން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުންނެވެ. ބަންދުގެ މުއްދަތު އިތުރުކުރަމުން އައިސްފައިވަނީވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުންނެވެ. މިމައްސަލައިގައި، މުޙައްމަދު އަމީންގެ ބަންދާބެހޭ ކަމެއްގައި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ލުއި މިންގަނޑު (ކޯޓު އަމުރަކާ ނުލައި ހައްޔަރުކޮށް، މުއްދަތު އިތުރުކުރުން ފަދަ ކަމެއް) ބޭނުންކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި، އެ ލުއި މިންގަނޑުތައް ދޫކޮށް، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ތެރެއިން، އެޤާނޫނުގައި ޙަވާލާދީފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މާއްދާތަކާ އެއްގޮތަށް ޢަމަލުކުރީއެވެ. އެގޮތަށް ޢަމަލުކުރީ، އެމައްސަލައިގައި އޭނާގެ މައްޗަށް އެކަށީގެންވާ ހެކި، އޭރުވެސް ލިބިފައިހުރީމައެވެ. އެމައްސަލައިގައ، ތަޙްޤީޤުކުރުމާއި ދައުވާކުރުމުގެ މުއްދަތު ގުނާފައިވަނީވެސް، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 28-1 ވަނަ މާއްދާއަށް ބަލައިގެންނެވެ.

ޤާނޫނުގައި އޮތް ގޮތް

ޖިނާއީ އިޖުރާއަތުގެ ޢާންމު އުޞޫލުތައް ބަޔާންކުރާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނު އޮއްވާ، ޚާއްޞަ ބައެއް ކުށްތަކަށް، ޚާއްޞަ ބައެއް އިޖުރާއަތު ހިމެނޭގޮތަށް ޚާއްޞަ ޤާނޫނު ހަދާފައި ހުރެއެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަކީވެސް އެފަދަ ޤާނޫނެކެވެ. މިކަން މެދުވެރިވާ ސަބަބާއި، މިކަމުގައި ޢަމަލީގޮތުން ދަތިވާ ކަންކަން، އެހެން މަޒްމޫނެއްގައި ލިޔެފައިވާނެއެވެ.

މިމަޒްމޫނުގައި މިލިޔާ މައްސަލައިގައި ބަހުސްކުރެވެނީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 28-1 އާ އޮތް ގުޅުމުގެ މައްޗަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާއަކީ، “ބަންދުގައި ބެހެއްޓުން” ބަޔާންކުރާ މާއްދާއެވެ.

އެ މާއްދާގެ (ހ) ގައި ބުނަނީ، ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހަކު، ކޯޓު އަމުރަކާ ނުލައި، 24 ގަޑިއިރަށް ބަންދުކުރެވިދާނެ ކަމަށެވެ. އެމާއްދާގެ (މ) ގައި ބުނަނީ، މިމާއްދާގެ ދަށުން ބަންދުކުރެވޭ މީހާ ފުރަތަމަ ފަހަރު، 7 ދުވަހަށްވުރެ ދިގުނޫން މުއްދަތަށް ބަންދު ކުރެވިދާނެ ކަމަށެވެ. ހަމަ އެއަކުރުގައި ބުނަނީ، އެމާއްދާގެ ދަށުން އެންމެ ދިގު މުއްދަތަކަށް ބަންދުގައި ބެހެއްޓޭނީ 14 ދުވަހުގެ މުއްދަތަށް ކަމަށެވެ.

އެ މާއްދާގެ (ފ) ގައި ބުނަނީ؛ “މި މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ބަންދާ ގުޅޭ ގޮތުން ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ ޢާންމު އިޖުރާއަތުތަކުގެ ތެރެއިން އިޖުރާއަތެއް މި ޤާނޫނުގެ ދަށުން ބަންދުކުރެވޭ މީހެއްގެ މައްޗަށް ތަންފީޛުކުރުމަކަށް މި ޤާނޫނު ހުރަހެއް ނާޅާ” ކަމަށެވެ. އެ ޙާލަތުގައި (މާނައަކީ، ބަންދާގުޅޭ ޙާލަތުގައި) ހިނގާނީ އެ ޤާނޫނުގައި ބަޔާންކުރާ އުޞޫލުތައް ކަމަށްވެސް އެއަކުރުގައި އޮވެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 28-1 (ތަޙްޤީޤުކުރުމާއި ދައުވާކުރުމުގެ މުއްދަތުތައް)

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު އެންމެ ފުރަތަމަ ލިޔުނުއިރު، ދަޢުވާ ކުރުމުގެ މުއްދަތުތަކެއް ނެތެވެ. އެކަމުގައި އޭރު ޢަމަލުކުރަމުން ދިޔައީ، ޖިނާއީ އިޖުރާއަތުގެ ޢާންމު އުޞޫލުތަކަށެވެ. އެހެން އެކަން އޮއްވާ، މިބާވަތުގެ މައްސަލަތަކުގެ ގޮތުން، ޢާންމު އިޖުރާއަތުގައި ބުނާ މުއްދަތުތަކުގެ ތެރޭގައި ހެކި ހޯދައި ދައުވާ ކުރަން ދަތިވާތީ، އެކަމަށް ވަކި ޚާއްޞަ އުޞޫލުތަކެއް، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް 2019 ވަނަ އަހަރު ގެނައި އިޞްލާޙުގައި ލިޔެފައިވެއެވެ. އެވާހަކަ އޮތީ، އެޤާނޫނުގެ 28-1 (ތަޙްޤީޤުކުރުމާއި ދައުވާކުރުމުގެ މުއްދަތުތައް) ގައެވެ.

އެމާއްދާގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

28-1 (ހ)ބަންދުކުރެވިފައިވާ މީހަކު ނަމަ،ތަޙްޤީޤު ނިންމައި، ޕީޖީ އޮފީހަށް ފޮނުވަން 45 ދުވަސް + ދައުވާ ކުރަން 15 ދުވަސް = ޖުމްލަ 60 ދުވަސް  
28-1 (ށ)ބަންދުން ދޫކޮށްލާފައި ހުރި ނަމަ،ތަޙްޤީޤު ނިންމައި، ޕީޖީ އޮފީހަށް ފޮނުވަން 75 ދުވަސް + ދައުވާ ކުރަން 15 ދުވަސް = ޖުމްލަ 90 ދުވަސް  
28-1 (ރ)މައްސަލައިގެ ބާވަތުން، ކަނޑައެޅިފައިވާ މުއްދަތަށް ތަޙްޤީޤު ފުރިހަމަ ކުރެވިދާނެކަމަށް ނުފެންނަ ނަމަ، ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅުން؛ޕްރޮސިކިއުޓަރ ޖެނެރަލަށް ފުލުހުން ހުށަހަޅާ ސަބަބަށް ރިޢާޔަތްކޮށް؛ ބަންދުގައި ހުރި މީހެއްނަމަ، ތަޙްޤީޤު ފުރިހަމަ ކުރަން 45 + އިތުރު ކޮށްދޭ 30 + ދައުވާ ކުރަން 15 = ޖުމްލަ 90 ދުވަސް. ބަންދުން ދޫކޮށްލާފައިވާ މީހެއްނަމަ، ތަޙުޤީޤު ފުރިހަމަ ކުރަން 75 + އިތުރު ކޮށްދޭ 30 + ދައުވާ ކުރަން 15 = ޖުމްލަ 120 ދުވަސް.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 28-1 ވަނަ މާއްދާ ފަށާ ޢިބާރާތުގައި އޮންނަނީ، “އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް” މިހެންނެވެ. މިއީ ކޮން ޤާނޫނެއްގެ ވާހަކައެއްތޯ ބަލާއިރު، ދައުވާ ކުރުމުގެ މުއްދަތުތައް ބަޔާންކޮށްފައި އޮތީ، އަދި މިޤާނޫނުގައި ޙަވާލާދީފައި އޮތީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައެވެ. މިޢިބާރާތް މިގޮތަށް އޮތުމުން، މިމާއްދާގެ ބޭނުމަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮތް ދަޢުވާ ކުރުމާއި ތަޙްޤީޤު ކުރުމުގެ މުއްދަތުތައް، މިޤާނޫނުގައި ބުނާ ކުށްތަކަށް ނުހިނގާނެކަން ސާފެވެ. ޓެރަރިޒަމްގެ ކުށްތަކަށް ހިނގާނީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބުނާ ދަޢުވާ ކުރުމުގެ މުއްދަތުތަކެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަންދާބެހޭ ވާހަކަ އޮތް، އެޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގައި، ބަންދާގުޅޭ ކަންކަމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރުމުގެ އިޚްތިޔާރު ދީފައި އޮތަސް، އެމާއްދާއާ ޚިލާފަށް، ތަޙްޤީޤުކުރުމާއި ދައުވާކުރުމުގެ މުއްދަތުތައް އޮތް، ޤާނޫނުގެ 28-1 އަކު ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރެވިދާނެކަމުގެ އިޚްތިޔާރެއް ދީފައެއް ނެވެ.

ހައިކޯޓުން ނިންމެވި ގޮތް

“މުޙައްމަދު އަމީންގެ މައްޗަށް (ބަންދާ ގުޅޭ ކަންކަމުގައި) ހިންގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޢާންމު އުޞޫލުތައްކަން އެއްވެސް އޮޅުމެއްނެތި ސާފުކޮށް އެނގޭތީ، މުޙައްމަދު އަމީންގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައާ ގުޅިގެން ބުނެވިދިޔަ ބަންދަށްފަހު ހިންގޭ ތަޙްޤީޤުތަކާއި، ދަޢުވާ އުފުލުމާއި ޝަރީޢަތް ހިންގުމުގެ އުޞޫލުތައްވެސް ތަރުތީބުވެގެން އަންނަންޖެހޭނީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ ޢާންމު އުޞޫލުގެ ދަށުންކަމަށް ޝަރުޢީ ޤާނޫނީ ހަމަތަކުން ބަލަންޖެހޭ” ކަމަށެވެ.

މިވިސްނުންފުޅު ރަނގަޅުނުވާ ސަބަބަކީ، ދައުވާކުރުމުގެ މުއްދަތުތައް ބަންދާ ގުޅުވައިގެން މާނަ ކުރެއްވީތީއެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަންދާއި ދައުވާކުރުމުގެ މުއްދަތުތަކާ އޮތީ ވަރަށް ސާފުކޮށް ވަކި ކުރައްވާފައެވެ. މިއީ، އެއްކަމަކުން ތަރުތީބުވެގެން އަންނަ ދެ އިޖުރާއާތެއް ނޫނެވެ.

ޤާނޫނީ ސުވާލު އުފެދޭ ހިސާބު

މިމައްސަލައިގައި އުފެދޭ ޤާނޫނީ ސުވާލަކީ؛

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގައި ބުނާ “އެހެން ނަމަވެސް، އެޙާލަތުގައި ހިނގާނީ އެ ޤާނޫނުގައި ބަޔާންކުރާ އުޞޫލެވެ” މިޢިބާރާތުގެ މާނައަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރާ ހިސާބުން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ޢަމަލުކުރުން ހުއްޓުންތޯ ނުވަތަ ނޫންތޯ؟

ހައިކޯޓުގެ ނިންމުން: ހައިކޯޓުގެ ޤަޟިއްޔާގެ 16 ވަނަ ނުކުތާގައި ވިދާޅުވަނީ، “ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނާ ޢާންމު އިޖުރާއަތްތައް އެ މާއްދާގެ ދަށުން މުޙައްމަދު އަމީންގެ މައްޗަށް ހިންގާފައިވާނަމަ، އޭނާގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔަންކުރާ އުޞޫލުތައް ހިންގުމަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގެ ދަށުން ދައުލަތަށާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މައްޗަށް ލާޒިމުކުރުވާ” ކަމަށެވެ.

މިވިސްނުންފުޅު ރަނގަޅުނުވާ ސަބަބު: ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގެ ޢިބާރާތް ފެށިފައި އޮތީ “މި މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން” މިހެންނެވެ. އެހެންކަމުން، މިމާއްދާގެ މަތީގައި ބަޔާންކުރި ކަންކަމާއި، އެހެން ކަންކަންވެސް ހިންގުމަށް މިމާއްދާ “ހުރަސް ނާޅާ” ކަން އެނގެއެވެ. އެވާހަކަ އެބައޮތްވެސްމެއެވެ. އެޖުމްލައިގައި ބުނަނީ، ޖިނާއީ އިޖުރާއަތަށް ޢަމަލުކުރަން ފަށައިފިނަމަ، ދެން އޭގެ ފަހުން ޢަމަލުކުރަންޖެހޭނީ ޖިނާއީ އިޖުރާއަތަށްކަމަށެވެ. ނަމަވެސް، އެއީ ހަމައެކަނި ބަންދާ ގުޅޭ ކަންކަމުގައެވެ. މިވާހަކަ އޮތީ ބަންދާގުޅޭ ވާހަކަ އޮތް މާއްދާގައެވެ. މިވާހަކަ، ދައުވާކުރުމުގެ މުއްދަތާ ގުޅޭ މާއްދާގައި ތަކުރާރުވެފައެއް ނެތެވެ. ޙަވާލާއެއް ދީފައެއްވެސް ނެތެވެ. އެހެންކަމުން، ބަންދުކުރުމާއި ދައުވާކުރުމުގެ މުއްދަތާ، މިޤާނޫނުގައި ގުޅުމެއް ނެތްކަން އެނގެއެވެ.

ޖިނާއީ އިޖުރާއަތުގެ ދަށުން މީހަކު ބަންދުކުރުމުން، ދައުވާކުރުމާގުޅޭ ކަންކަން ތަރުތީބުވަނީ އެބަންދުގެ މައްޗަށްތޯ ނުވަތަ ބަންދަކީ ދައުވާކުރުމުގެ މުއްދަތާ މުޅިން ވަކިން މާނަކުރެވޭ ކަމެއްތޯ؟

ހައިކޯޓުން ވިސްނުންފުޅު: ބަންދުކުރުމާއި ދައުވާކުރުމާއި މިއީ ގުޅިފައިވާ ދެކަމެއްކަމަށްވާތީ، “ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މުޙައްމަދު އަމީންގެ ބަންދާމެދު ގޮތެއް ކަނޑައަޅައިފައިވާނަމަ، އެފަރާތުގެ މައްޗަށް ދައުވާކުރަންޖެހޭނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން” ކަމަށެވެ.

މިވިސްނުންފުޅު ރަނގަޅުނުވާ ސަބަބު: ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ތަޙްޤީޤުކުރުމާއި ދައުވާކުރުމުގެ މުއްދަތުތައް ބަޔާންކުރާ 28-1 ވަނަ މާއްދާ ފެށުމުގެ ޢިބާރާތުގައި “އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތްނަމަވެސް” ކަމަށް އޮތުމުން، މިމާއްދާއިން މި އިސްތިސްނާކުރަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ހުރި ޢާންމު އުޞޫލުތައްކަން އެނގެއެވެ. މިމާއްދާއަކީ ކުރިން ޤާނޫނުގައި އޮތް މާއްދާއެއް ނޫނެވެ. މިމާއްދާ ލިޔުމުގެ ކުރިން، ޢަމަލުކުރަމުން ދިޔައީ، ޖިނާއީ އިޖުރާއަތުގެ ޢާންމު މުއްދަތުތަކަށެވެ. އެމުއްދަތުތައް، މިބާވަތުގެ މައްސަލަތަކުގައި އެކަށީގެންނުވާތީ، އެމުއްދަތު އިތުރުކުރުމުގެ ގޮތުން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 28-1 ވަނަ މާއްދާ ޤާނޫނުގައި ތަޢާރަފުކުރީއެވެ. އެހެންކަމުން، މިމާއްދާގެ ބާރު ކެނޑޭގޮތަށް، 26 ވަނަ މާއްދާގެ (ފ) މާނަކުރުމަކީ، ހަމަޖެހޭކަމެއް ނޫނެވެ.

ހައިކޯޓުން ވިދާޅުވާގޮތަށް ބަންދުކުރުމާއި ދައުވާކުރުމާ ގުޅުވައިގެން މާނަކުރާނަމަ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (މ) ގައި ބުނާ 14 ދުވަސް ހަމަވުމަށްފަހު، މިބާވަތުގެ މައްސަލައެއްގައި މީހަކު ބަންދަކުވެސް ނުބެހެއްޓޭނެއެވެ. މިއީ ރަނގަޅު މާނަކުރުމެއް ނޫންކަމަށް ސުޕްރީމް ކޯޓުގެ 2021/SC-A/50 މަފްތޫޙް ސަޢީދު ވ ޕްރޮސިކިއުޓަރ ޖެނެރަލް ގައި ޝަރަޙަކޮށްދެއްވާފައިވެއެވެ. މިއީ، އެތައް މައްސަލައެއްގައި ބަހުސްކުރެވި، ހައިކޯޓުން ބަލައިގެންފައިވާވެސް ނުކުތާއެކެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ނިންމެވުންތައް

މިނުކުތާއަށް ސުޕްރީމް ކޯޓުން މީގެ ކުރިން މުހިންމު 3 މައްސަލައެއް ނިންމަވާފައިވެއެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ، 2021/SC-A/12 ޕްރޮސިކިއުޓަރ ޖެނެރަލް ވ އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ އެވެ.

ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގައި، ދަޢުވާކުރުމުގެ މުއްދަތެއް ކަނޑައެޅިގެން ބަޔާންކޮށްފައެއް ނުވެއެވެ. އެޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައި އޮންނަނީ، “އެކަށީގެންވާ އެންމެ ކުރު މުއްދަތެއް”ގެ ތެރޭގައި ދައުވާ ކުރަންވާނެ ކަމަށެވެ. އެމައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމެވީ، އެޙާލަތުގައި ދައުވާކުރުމުގެ މުއްދަތު ބަލާނީ، ޖިނާއީ އިޖުރާއަތުގައި ބުނާ މިންގަނޑަށް ބަލައިގެން ކަމަށެވެ. ސުޕްރީމް ކޯޓުން ވިދާޅުވީ، ޤާނޫނުގައި ވަކި ގޮތަކަށް ކަނޑައެޅިގެން (އެކަށީގެންވާ ކުރު މުއްދަތު) ބަޔާންކޮށްފައި އޮއްވާ، އެހެން ޤާނޫނަކަށް ރުޖޫޢަވުމަކީ ހުއްދަ ކަމެއް ނޫންކަމަށެވެ. އެޤާނޫނުގައި އެކަށީގެންވާ ކުރު މުއްދަތެއްކަމަށް ބަޔާންކޮށްފައި އެއޮތީ، ވަކި މުއްދަތެއް ނުދިނުމުގެ މަޤްޞަދުގައި ކަމަށާއި، އެކަމުގައި ޕްރޮސިކިއުޓަރު ޖެނެރަލް ހެޔޮ ނިޔަތުގައި ނިންމާ ނިންމުން ރަނގަޅުވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ 2021/SC-A/13 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ ޢަބްދުސް ސަލާމް މައްސަލައިގައިވެސް ސުޕްރީމް ކޯޓުން މިއުޞޫލު ދަމަހައްޓާފައިވެއެވެ. އެމައްސަލައިގެ ނުކުތާއަކީ، ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގައި، އެބާވަތުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބޭތިއްބުމާބެހޭ ގޮތުން ވަކި އުޞޫލެއް އޮއްވާ، އަދި އެޤާނޫނުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޙަވާލާދީފައި ނެތީސް، ޚާއްޞަ ޤާނޫނުގައި ބުނާ އުޞޫލު ދޫކޮށް، ޢާންމު ޤާނޫނަށް ނުދެވޭނެ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ދައުވާކުރަން ވަކި މުއްދަތަތަކެއް ނޯންނާތީ، އެކަމުގައި ރުޖޫޢަވާންޖެހެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށެވެ.

މުޙައްމަދު އަމީންގެ މައްސަލައިގައި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ކަނޑައެޅިގެން ވަކި މުއްދަތުތަކެއް ބަޔާންކޮށްފައި ވަނިކޮށް، އެޤާނޫނު ދޫކޮށް، ޢާންމު އިޖުރާއަތު ޤާނޫނަށް ރުޖޫޢަވުމަކީ، ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ އުޞޫލާ ޚިލާފުވުމެވެ. މިސަބަބަށްޓަކައި، ހައިކޯޓުގެ 2021/HC-B12/50 ނަންބަރު ޤަޟިއްޔާގެ ނިންމެވުން ރަނގަޅު ނޫނީއެވެ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments