ޑީ.އެން.އޭ އެވިޑެންސް

ޑިސެމްބަރ 21، 2020


މިލިޔުމަކީ، ޖިނާއީ މައްސަލަތަކުގައި ޑީއެންއޭ އެވިޑެންސް ޤަބޫލުކުރެވޭނެކަން ނުވަތަ ނޫންކަމާބެހޭ ގޮތުން ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން ހުރެގެން، އެވާހަކަ އަޅުގަނޑާވެސް ހިއްސާ ކުރަމުން ގެންދާތީ، އެކަމާމެދު އަޅުގަނޑަށް ފެންނަ ގޮތެއް ކިޔައިދެވޭތޯ ބެލުމަށް ލިޔާ ލިޔުމެކެވެ. މިލިޔުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަކި މައްސަލައެއްގައި ނިންމި ގޮތް ރަސްމީކޮށް ބަޔާންކުރާ ލިޔުމެއް ނޫނެވެ.

މިކަމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަންޖެހޭ ނިންމުމެއް، އޮފީހުގައި އެކަމަށް ހަމަޖެހިފައި އޮންނަ ނިޒާމުގެ ތެރެއިން ކުރިއަށްދާނެއެވެ. އަޅުގަނޑު ދެކެނީ، އަޅުގަނޑުގެ މަސައްކަތް ކާމިޔާބުވީކަމަށް ވާނީވެސް، އޮފީހުގެ އެތެރޭގެ ނިޒާމުތައް ހަރުދަނާ ކުރެވި، ނިޒާމުގެ ތެރެއިން ކަންކަން ކަންކަން ކުރެވޭނެ އުޞޫލުތައް ހެދިފައި ހުރުމެވެ. އަޅުގަނޑަށް ލިބިފައިވާ ނަޞީބަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މިބާވަތުގެ ކަންކަމުގައި ގޮތް ނިންމުމަށް ލަފާދޭން ވަރަށް ކުޅަދާނަ ވަކީލުން ތިއްބެވި ކަމެވެ. ނަމަވެސް، މިލިޔުމަކީ އަޅުގަނޑުގެ ޚިޔާލެވެ. ޚިޔާލު ފައުޅުކުރަން އަޅުގަނޑު ކަނޑައެޅި ދާއިރާގެ ތެރޭގައި ފައުޅުކުރާ ޚިޔާލެކެވެ.

މައްސަލަ ފެށޭ ހިސާބު

އެމައްސަލައިގައި ދަޢުވާ ކޮށްފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ޒިނޭ ކުރުމުގެ ކުށުގެ ދަޢުވާއެވެ. އެކުށް ސާބިތުކުރުމަށް ހުށަހަޅައިފައިވަނީ ދެ ހެއްކެކެވެ. އެއީ، އެމީހާއާއެކު ޒިނޭކުރި އަންހެން މީހާ ބުނާ ބުނުމާއި، މިދެމީހުން ޒިނޭކޮށްގެން ލިބުނު ކުއްޖާގެ ޑީ.އެން.އޭ، މިފިރިހެން މީހާއާ ދިމާވާތީ، ޑީ.އެން.އޭ އެވިޑެންސެވެ.

މިމައްސަލައިގައި ހައިކޯޓުގެ ނިންމެވުމުގެ ޚުލާޞާއަކީ، ޒިނޭއަކީ ޝަރުޢީ ގޮތުން ވަކި ގޮތަކަށް ސާބިތުވާންޖެހޭ ކުށަކަށްވާތީ، ޑީއެންއޭ އެވިޑެންސަކީ މިކުށް ސާބިތުކުރަން ބޭނުންކުރެވޭނެ ހެއްކެއް ނޫންކަމަށެވެ. އެހެންކަމުން، މި ފިރިހެން މީހާގެ މައްޗަށް ޒިނޭ ކުރުމުގެ ކުށް ސާބިތުނުވާކަމަށް ކުޑަހުވަދޫ ކޯޓުން ނިންމެވި ނިންމެވުން ރަނގަޅު ކަމަށެވެ.

ހައިކޯޓުގެ ނިންމެވުމުގައި ހުރި ގިނަ ވާހަކަތައް އަޅުގަނޑު ބަލައިގަންނަމެވެ. ޝަރުޢީ ގޮތުން ދައްކަވާފައިވާ ދަލީލުތަކާބެހޭ ގޮތުން އަޅުގަނޑު ސުވާލެއް ނުއުފައްދަމެވެ. މިލިޔުމުގައި ކިޔައިދެވޭތޯ މި ބަލަނީ އަޅުގަނޑަށް ސުވާލު އުފެދޭ ހިސާބާއި އޭގެ ނަތީޖާއެވެ.

ޒިނޭގެ ދެ ވައްތަރު. ޝަރުޢީ ޒިނޭއާއި ޤާނޫނީ ޒިނޭ

ޤާނޫނުލްޢުޤޫބާތު އެކުލަވާލުމުގެ މަސައްކަތުގައި އަޅުގަނޑަށް ބައިވެރިވެވިފައިވެއެވެ. ޖިންސީ ކުށުގެ ބައި ޑްރާފްޓް ކުރިއިރު ކުރިމަތިވި ސުވާލަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ޒިނޭގެ މައްސަލަތަކުގައި ހަމައެކަނި އަންހެންމީހާ ކުށްވެރިވާކަން ތަފާސް ހިސާބުން ދައްކާތީ އުފެދޭ ސުވާލެވެ. ޒިނޭގެ ކުށް ސާބިތުވާ އަންހެނުންގެ ޢަދަދު، އެކުށް ސާބިތުވާ ފިރިހެނުންނާ އަޅާ ބަލާއިރު، ނުބައްދަލެވެ.

އޭރު، ދައުލަތުން، އަންހެނަކު ކާވެނިން ބޭރުން ވިހައިފިނަމަ ދެ ގޮތަކަށް ދަޢުވާ ކުރެއެވެ. ފުރަތަމަ ގޮތަކީ، ތަޙްޤީޤުގައި އޭނާ ޒިނޭ ކުރިކަމަށް އިޢުތިރާފު ވެއްޖެނަމަ، ޒިނޭކުރުމުގެ ކުށުގެ ދަޢުވާއެވެ. ދެވަނަ ގޮތަކީ، ތަޙްޤީޤުގައި ޒިނޭ ކުރިކަމަށް، އެ ޢިބާރާތުން އިންކާރު ކޮށްފިނަމަ، ކާވެނިން ބޭރުން ކުއްޖަކު ވިހާފައިވާތީ، “ވަކި މީހަކަށް ނުލައްވާ ވިހެއުމުގެ ކުށުގެ ދަޢުވާ” އެވެ. ކާވެނިން ބޭރުން ވިހައިފިނަމަ، ދަޢުވާއެއް ނުކުރާނެ ހަމައެކަނި ގޮތަކީ، އޭނާ ރޭޕްކުރީކަމަށް ބުނެގެންނެވެ. ނަމަވެސް، އެޙާލަތުގައި، އޭރުގެ ކަންތައް ހުރި ގޮތުން ބައިވަރު އިތުރު ސުވާލުތައް ކުރިމަތިވެއެވެ. މިސާލަކަށް، ރޭޕް ކުރި މީހާ ދައްކަން ޖެހުމާއި، އެކަމުގެ އިތުރު ތަފްޞީލުތައް ދިނުމެވެ. ކާވެނިން ބޭރުން ވިހެއުމަކީ، އޭރުވެސް، މިހާރުވެސް، އިޖުތިމާޢީ ގޮތުން ނުހަނު ދަތި ކަމަކަށް ވެފައި އޮންނަ ކަމެކެވެ. އެހެންކަމުން، އެކަމުގެ އިޖްތިމާޢީ ‘ނުރުހުން’ އަމާޒުވެފައިވަނިކޮށް، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ދައުލަތުގެ ބާރުގަދަ އިދާރާތަކުން އިތުރަށް ސުވާލު ކުރިމަތި ކުރުމަކީ، އެޙާލަތުގައި ހުންނަ މީހާއަށް ތަޙައްމަލު ކުރަން ދަތިކަމަކަށް ވަނީއެވެ.

ފިރިހެން މީހާގެ މައްޗަށް ޒިނޭގެ ދަޢުވާއެއް ކުރެވެން އޮންނަ ހަމައެކަނި ގޮތަކީ، އެމީހާ އެކަމަށް އިޢުތިރާފު ވުމެވެ. ނުވަތަ ހަތަރު ހެކިންގެ ހެކިބަސް ލިބުމެވެ. މިއީ ވަރަށް ނާދިރު ކަމެކެވެ.

ޒިނޭގެ މައްސަލަތަކުގައި އަންހެނުންނާއި ފިރިހެނުންނާ ތަފާތު ކުރެވޭކަމަށް ފެންނަގޮތް މެދުވެރިވަނީ، ޒިނޭ ސާބިތުކުރުމުގެ މިންގަނޑު އޮންނަ ގޮތުންނެވެ. ޒިނޭ ސާބިތުކުރުމަށް އަބަދުވެސް ބޭނުންކުރަމުން އައީ އިސްލާމީ ޝަރީޢަތުގައި އެކުށް ސާބިތުކުރުމަށް އޮންނަ މިންގަނޑެވެ. އެއީ، އަމިއްލަ އިޢުތިރާފު ނުވަތަ ހަތަރު ހެކިންގެ ހެކިބަހެވެ. ޒިނޭ ކުރާ އަންހެން މީހާ އިޢުތިރާފުވާ މިންވަރު ގިނައީއެވެ. އެހެން ވަނީ، އޭރު ނިޒާމު އޮތް ގޮތުން، އިންކާރު ކުރިޔަސް ދަޢުވާއެއް ކުރާތީއެވެ. “ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއުމުގެ” ކުށުގެ ދަޢުވާއެވެ. ވިހެއުމާއެކު، އެ ކުށް އޮންނަނީ ސާބިތު ކުރެވެން ފަސޭހަވެފައެވެ. ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއުމަކީ އަދި ޒިނޭއެއް ނޫނެވެ. އެއީ މުޅިން ވަކި ކުށެކެވެ. މިއީ އަންހެނުންނަށް ޚާއްޞަ ކުށެކެވެ.

ޒިނޭއެއް ކުރެވެނީ އަންހެނަކާއި ފިރިހެނަކާ ދެމީހުން ވެގެންނެވެ. އޭގެ ތެރެއިން އަންހެން މީހާގެ މައްޗަށް ދަޢުވާ ކޮށް، ކުށް ސާބިތު ކުރުމަށް ތަފާތު ވަކި ފަސޭހަ ގޮތެއް އޮތުން އެއީ އިންޞާފުވެރި ގޮތެއް ނޫންކަމަށް އޭރު ފެނުނެވެ. ނަމަވެސް، އޭރުވެސް، ހަމަ އެކަކުގެ މައްޗަށްވެސް (އަންހެނަކަސް، ފިރިހެނަކަސް) އިޢުތިރާފުގެ މައްޗަށް ނޫން ގޮތަކަށް ޒިނޭގެ ކުށެއް ސާބިތުވެފައިވާކަމެއް އަޅުގަނޑަށް އެނގިފައެއް ނެތެވެ. މާނައަކީ، ހަތަރު ހެކިންގެ ހެކިބަހުން ސާބިތުވެފައި އޮތްކަން އެނގިފައި ނެތޭއެވެ. އެއް މައްސަލައެއްގައި، ދަށުކޯޓުން ހަތަރު ހެކިންގެ ހެކިބަހުގެ މައްޗަށް ފިރިހެނެއްގެ މައްޗަށް ޒިނޭގެ ކުށެއް ސާބިތު ކުރިއެވެ. އެއީ، 2006 ހިސާބުގައެވެ. އެމައްސަލަވެސް ހައިކޯޓުން ބެއްލެވިއިރު، ހަތަރު ހެކިންގެ ހެކިބަހާމެދު ސުވާލު އުފެދި، އެޙުކުމް ބާޠިލުކުރެއްވިއެވެ. ހައިކޯޓުގެ އެނިންމެވުން އަޅުގަނޑަށް ރަނގަޅެވެ.

ޙައްލު

މިމައްސަލައަށް ޤާނޫނުލްޢުޤޫބާތުން ގެނައި ޙައްލަކީ ދެވައްތަރެއްގެ ޒިނޭ ތަޢާރަފު ކުރުމެވެ. އެއް ވައްތަރަކީ، އިސްލާމީ ޝަރީޢަތުގައި އޮތް ޒިނޭއެވެ. އެބާވަތުގެ ޒިނޭ ސާބިތު ކުރުމަށް ބޭނުންވަނީ އިސްލާމީ ޝަރީޢަތުގައި އޮތް ސާބިތު ކުރުމުގެ މިންގަނޑުކަމަށްވެސް ޤާނޫނުލްޢުޤޫބާތުގައި ލިޔުނީއެވެ. އެއީ، އޭރުވެސް އޮތް ގޮތެވެ. ދެވަނަ ޒިނޭއަކީ ޤާނޫނީ ޒިނޭއެވެ. އެއީ، ސާބިތު ކުރުމުގެ މިންގަނޑު ދަށް ޒިނޭއެކެވެ. ޤާނޫނީ ޒިނޭގައި ވާ ގޮތަކީ، ޒިނޭކުރުމުގެ ތުހުމަތަށް އިންކާރު ކޮށްފިނަމަ، އެހެނިހެން ހެކީގެ މައްޗަށް ކުށް ސާބިތު ކުރުމުގެ ފުރުޞަތު އޮންނަނީއެވެ. މިގޮތުން، ދެމީހުންގެ މައްޗަށްވެސް ކުށް ސާބިތުކުރުމަށް ތަފާތު ޤަރީނާތައް ތަޢާރަފު ކުރީއެވެ. އަންހެން މީހާގެ މައްޗަށް ވަކި މީހަކަށް ނުލައްވާ ވިހެއުމުގެ ކުށުގެ ދަޢުވާ ކުރުމުގެ ބަދަލުގައި، ވިހެއުމަކީ، ޤާނޫނީ ޒިނޭ ސާބިތުކުރާނެ ޤަރީނާއެއް ކަމަށް ބެލީއެވެ. ހަމަ އެގޮތަށް، އަންހެން މީހާއާއި ފިރިހެން މީހާގެ މައްޗަށްވެސް ޑީ.އެން.އޭ ހެކި އެއީ ބަލައިގަނެވޭނެ ހެއްކެއްކަމަށް ކަނޑައެޅީއެވެ. އެވާހަކަ، ސާފުކޮށް، ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ލިޔުނީއެވެ. މިގޮތަށް ބަދަލު ކުރުމުން، ޒިނޭ ކުރާ ފިރިހެން މީހާގެ މައްޗަށްވެސް ޤާނޫނުން އަދަބެއް ދިނުމަށް ފަހިވެއެވެ. ހަމަހަމަކަން ޤާއިމުކުރެވެއެވެ.

ޝަރުޢީ ޒިނޭ، އޭގެ ޒާތުގައި އެގޮތަށް ބާއްވަން އޭރު ނިންމީ، އެއީ އިސްލާމް ދީނުގައި ޙައްދު ކަނޑައަޅައިފައިވާ ކުށަކަށްވާތީއާއި، އެކަންކަމަކީ ޤާނޫނެއްގެ ތެރެއިންވެސް ބަދަލުކުރެވޭނެ ކަންކަމަށް ނުވާތީއެވެ. އެއާއެކު، ހަމަހަމަކަމާއި އިންޞާފު ޤާއިމުކުރުމަށް، ތަޢުޒީރީ އަދަބު ކަނޑައެޅޭ (އިސްލާމްދީނުގައި ޙައްދު ނުހުންނަ) އިތުރު ކުށް ޤާނޫނުގައި ލިޔެ، އަދަބު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތް ހުއްދަ ކުރާ ކަމެކެވެ. މިއީ ދުނިޔޭގެ ހުރިހާ އިސްލާމީ ޤައުމުތަކުގައި ކުރާވެސް ކަމެކެވެ. ރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ކުރިންވެސް މިހާރުވެސް އެޒާތުގެ ބައިވަރު ކުށާއި އަދަބު އެބަހުއްޓެވެ.

ނަމުގެ މައްސަލަ

ޤާނޫނުލްޢުޤޫބާތު އެކުލަވާލެވުނުއިރު ތަފާތު ކުށް ތަކަށް ނަން ދެވިފައިވާ ގޮތާބެހޭ ގޮތުން ދިގު ބަހުސްތަކެއް ކުރިއަށް ދިޔައެވެ. ރައްޔިތުންގެ މަޖިލީހުގައި ބިލުގެ ބަހުސް ކުރިއަށް ދިޔައިރު، އޭރުގެ މެންބަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން އޮތީ ‘ޤާނޫނީ ނިޒާމުގައި ހުރީ ރީތި ނަންތައް އުވިގެންދާތީ’ އުފެދުނު ކަންބޮޑުވުމެކެވެ. އެގޮތުން “ޒިނޭ” އެބަސް ގެނެސްފައި ނެތިގެން ބައެއް މެންބަރުން އިންތިހާއަށް ކަންބޮޑުވެވަޑައިގަތެވެ. އަނެއް މެންބަރުންގެ ކަންބޮޑުވުން އޮތީ “ޓެކުން” ހިމަނާފައި ނެތިގެންނެވެ. މިކަންބޮޑުވުންތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ބިލު ދިރާސާކުރެއްވި ޚާއްޞަ ކޮމިޓީން ކުރެއްވި ކަމަކީ އެ ނަންތައް އަނބުރާ ގެންނެވީއެވެ. ދިވެހި ބަސް ދިރުވީއެވެ. ނަންތައް އަނބުރާ ގެންނެވުމުގައި ފަންނީ ގޮތުން ބަލަންޖެހޭ ކަންކަމަށްވުރެ، ސިޔާސީ ހަމަޖެހުމަށް އިސްކަން ދެއްވަންޖެހުނެވެ. މިޤާނޫނު ފާސްވުމުގެ ބޭނުންތެރިކަން އޭރު ބޮޑުކަމުން، އަޅުގަނޑަށް ފެނުނީ އެއީވެސް ރަނގަޅު ގޮތެއް ކަމަށެވެ. އެއީ، ނަމެއްގައި އަޅައިގަނެގެން މިބިލު ފާސްނުވުމަކީ މާބޮޑު ދައްޗަކަށް ވާނެތީއެވެ. އެކޮމިޓީ ޖަލްސާތަކުގައިވެސް އަޅުގަނޑު ބައިވެރިވީމެވެ. އެބަހުސްތަކުގެ ތަފްޞީލަށް ދެވޭނެ ވަގުތެއް ނެތެވެ. ނަމަވެސް، ޒިނޭގެ މައްސަލައަށް މިވަގުތު އަލި އަޅުވާލާނަމެވެ.

ފުރަތަމަ ޤާނޫނުލްޢުޤޫބާތުގެ ދިވެހި ޑްރާފްޓު ލިޔުނުއިރު، “ޒިނޭ” މިބަހެއް ނެތެވެ. މިބަސް ނެތީ، ކުށް ތަކަށް ނަން ދެވިފައި ހުރި ގޮތަށް ގެނައި ބަދަލަކާއެކުއެވެ. އޭރު ބޭނުން ކޮށްފައި އޮތީ “ޖިމާޢު” ވުމެވެ. ރުހިގެންނާއި ރުހުމެއް ނެތި ޖިމާޢު ވުމެވެ.

ޤާނޫނުލްޢުޤޫބާތުގައި ކުށްތަކަށް ދީފައިވާ ނަންތަކަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ގެންނެވި ބަދަލުތަކާއެކު “ޒިނޭ” މި ބަސް އަނބުރާ ގެނެސް، ޒިނޭގެ ދެވައްތަރެއްގެ ކުށް ބަޔާންކުރާގޮތަށް ޤާނޫނުލްޢުޤޫބާތު ފާސްވެގެން ދިޔައީއެވެ. މިސަބަބަށްޓަކައި، ޤާނޫނުލްޢުޤޫބާތު ކިޔަވައިދިންއިރު އަޅުގަނޑުމެން ކިޔައިދެމުން އައީ ‘ބަހަކީ ބަހެއް ނޫން’ ކަމަށާއި، ‘ބަހަކީ އެއަށް އަޅުގަނޑުމެން ދޭ މާނައެއް’ ކަމަށެވެ. އޭގެ ބޭނުމަކީ، ބަހުގެ ޤައިދުން ނެއްޓި، ފުޅާކޮށް، ނަތީޖާ ނެރެވޭ ގޮތަށް ވިސްނުން ބަދަލުކުރަން މަސައްކަތް ކުރުމެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން، މިމައްސަލަ ބެއްލެވިއިރު އަޅައިގަތީވެސް ނަމުގައެވެ. ޒިނޭ ކިޔާތީއެވެ. މިކުށަށް “ޖިމާޢުވުން” ކީ ނަމަހީ، ހައިކޯޓުގެ ފަނޑިޔާރުންނަށް ފަސޭހަފުޅުވީހެވެ. މިސުވާލެއް ކުރިމައްޗަށް ނުވީހެވެ. ޒިނޭއަކީ ޝަރުޢީ މާނައެއް އޮތް ވަކި ކުށެއްކަމަށް ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި އެބަ އޮތެވެ. އެއީ ތެދެކެވެ. ނަމަވެސް، މިމައްސަލައިގައި ދަޢުވާ ކުރަނީ ޝަރުޢީ ޒިނޭގެ މައްޗަކަށް ނޫނެވެ. ޤާނޫނީ ޒިނޭގެ މައްޗަށެވެ. ޝަރުޢީ ޒިނޭއާއި ޤާނޫނީ ޒިނޭގެ ތަފާތަކީ ސާބިތުކުރަން ހުށަހަޅާ ހެއްކާއި އަދަބެވެ. ޝަރުޢީ ޒިނޭ ސާބިތު ކުރަން ހުށަހަޅަނީ އިސްލާމީ ޝަރީޢަތުގައި ބުނާ އިޢުތިރާފު ނުވަތަ ހަތަރު ހެކިންގެ ހެކިބަހެވެ. ޤާނޫނީ ޒިނޭ ސާބިތު ކުރަން، ޤާނޫނީ ގޮތުން ހުއްދަ ކޮންމެ ހެއްކެއް ހުށަހެޅެއެވެ. ޝަރުޢީ ޒިނޭއަށް އޮތް އަދަބަކީ 100 އެތިފަހަރުން ޖަލްދު ކުރުމެވެ. ޤާނޫނީ ޒިނޭއަކަށް އެ އަދަބެއް ނެތެވެ. އޮތީ، ޤާނޫނުލްޢުޤޫބާތުގައި އޮތް އަދަބެވެ. އަދި، ޤާނޫނީ ޒިނޭއެއް ސާބިތުވެގެން ޖަލްދު ނުކުރެވޭނެކަމަށްވެސް ޤާނޫނުލްޢުޤޫބާތުގައި ލިޔެފައި އެބަ އޮތެވެ.

ޑީ.އެން.އޭ

ހައިކޯޓުގެ މައްސަލައިގައި ޑީއެންއޭ އާ ބެހޭ ގޮތުން ލިޔުއްވާފައިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ 4 ނަންބަރު ފަތުވާއާ ޙަވާލާދީއެވެ. މިލިޔުމުގެ ބޭނުމަކީ އެފަތުވާގެ ޞައްޙަކަން ދިރާސާކުރުމެއް ނޫނެވެ. އެއީ ވަކި މައުޟޫއެވެ. މިލިޔުމުގައި ބަލަން މިއުޅެނީ، ޑީއެންއޭއަކީ ޖިނާއީ ކުށް ސާބިތު ކުރަން ބޭނުން ކުރެވޭނެ ހެއްކެއްކަން ނުވަތަ ނޫންކަމެވެ.

ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ޑީ.އެން.އޭއަކީ ޤާނޫނީ ޒިނޭ ސާބިތު ކުރުމަށް ބޭނުންކުރާނެ “އެކަށީގެންވާފަދަ ގޮތުގައި ޤަބޫލުކުރެވިދާނެފަދަ ޤަރީނާ” އެއްކަމަށް ކަނޑައެޅިގެން ލިޔެފައި އެބައޮތެވެ. އެހެންކަމުން، ޤާނޫނީ ޒިނޭ ސާބިތުކުރުމަށް ޑީއެންއޭ ބޭނުންކުރެވިދާނެކަމާބެހޭ ގޮތަކުން އެއްވެސް ސުވާލެއް ނެތެވެ. ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް މިމާއްދާއަކީ އިސްލާމީ ޝަރީޢަތާ ޚިލާފު މާއްދާއެއްކަމަށް ފެނިވަޑައިގެންނެވިނަމަ، މިމާއްދާއަކީ ޤާނޫނުއަސާސީއާ ޚިލާފު، ޢަމަލު ކުރަން ނުޖެހޭ މާއްދާއެއްކަމަށް ލިޔުނީހެވެ. ނަމަވެސް، ޞަރީޙަ ޢިބާރާތުން އެހެން ވިދާޅުވެފައެއް ނުވެއެވެ.

ޑީއެންއޭގެ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންނާ އަޅުގަނޑަށް އެއްބަސް ނުވެވޭ ހިސާބަކީ، މިމައްސަލައިގައި ދައުލަތުން ޑީއެންއޭ އެވިޑެންސް ހުށަހެޅި ސަބަބެވެ. ޑީއެންއޭ ޤަބޫލުނުކުރެވޭނެކަމަށް ހައިކޯޓުން ކަނޑައަޅުއްވާފައި އޮތީ ކުއްޖާގެ ނަސަބު ސާބިތުކުރާށެވެ. އެއީ ފަތުވާގައިވެސް އޮތް ގޮތެވެ. ނަމަވެސް، ޕީޖީ އޮފީހުން ހުށަހެޅި މައްސަލައިގައި ޑީއެންއޭ ހުށަހަޅައިފައި އޮތީ ކުއްޖާގެ ނަސަބު ސާބިތުކުރާކަށް ނޫނެވެ. ކުއްޖާގެ ނަސަބާބެހޭ ގޮތުން އެއްވެސް ސުވާލެއް މިމައްސަލައަކު ނުވެސް ނެތެވެ. ޑީއެންއޭ ހުށަހެޅީ ފިރިހެން މީހާ ޒިނޭކުރިކަން ސާބިތު ކުރާށެވެ. ޤާނޫނީ ޒިނޭއެވެ.

ހައިކޯޓުން ބެއްލެވި މައްސަލަ (ޤާނޫނީ ޒިނޭ) ގައި ދައުލަތުން ސާބިތުކޮށްދޭންޖެހެނީ “ފިރިހެނަކު، އޭނާގެ އަނބިމީހާ ނުވަތަ އޭނާ ކުރި ރަޖުޢީ ވަރިއެއްގެ ޢިއްދައިގައި އިން އަންހެނާ ފިޔަވައި، އެހެން އަންހެނެއްގެ ފަރުޖަށް އެ ފިރިހެން މީހާގެ ޒަކަރު ނުވަތަ ޒަކަރުގެ ކުޑަމިންވަރެއް ނަމަވެސް ވެއްދި” ކަމެވެ.

މިމައްސަލައިގައި ހިމެނޭ އަންހެން މީހާއަކީ، އެ ފިރިހެން މީހާގެ އަނބިމީހާ ނޫންކަމާމެދަކު އެއްވެސް މީހަކު ސުވާލެއް ނުއުފައްދައެވެ. ސުވާލު އުފެދެނީ ފަރުޖަށް ޒަކަރު ވެއްދިކަން ނުވަތަ ނޫންކަމާމެދުއެވެ. އެކަން (ފަރުޖަށް ޒަކަރު ވެއްދިކަން) ސާބިތު ކުރަން ހުށަހެޅީ ޑީއެންއޭ ހެއްކެވެ. ކުއްޖަކު މިއޮތީ ވިހާފައެވެ. ވެއްދިތަން ނުފެނުނަސް، އެހެން ޤަރީނާ (ޑީއެންއޭ) އިން ވެއްދިކަން ސާބިތުކޮށްދެނީއެވެ. އެއީ، ޑީއެންއޭ ލިބޭނީ ނުވެއްދުމަށްވުރެ ބޮޑަށް ވެއްދިކަމަށް ޤަބޫލުކުރެވިގެން ކަމަށްވާތީއެވެ. އެހިސާބުން ޤާނޫނީ ޒިނޭ ސާބިތުވާނެއެވެ. އެއާ ޚިލާފަށް ޝަރުޢީ ޒިނޭ ސާބިތުކުރުމަށް ބޭނުންވަނީ، އެމަންޒަރު ދުށް ހެކިންނެވެ. ދެ ޒިނޭގެ ތަފާތަކީ މިއީއެވެ.

މިކަން އިތުރަށް ސާފުވަނީ ޕީޖީ އޮފީހަށް ޤާނޫނުއަސާސީން ދީފައިވާ ދައުރުންނެވެ. ކުއްޖާގެ ނަސަބާބެހޭ ގޮތުން ސުވާލެއް އުފައްދާ، އެކަމުގެ މައްޗަށް ވާހަކަ ދެއްކުމުގެ ޤާނޫނީ ހައިސިއްޔަތެއް (ވަރަށް ނާދިރު ޙާލަތެއްގައި މެނުވީ) ޕްރޮސިކިއުޓަރ ޖެނެރަލަކަށް ނުވެސް އޮންނާނެއެވެ. އެއީ މިމައްސަލައިގައި އުފެދިގެންވާނެ ސުވާލެއްވެސް ނޫނެވެ. ޤާނޫނީ ގޮތުން ނުދެއްކޭނެ ވާހަކައެއް، ބާރު ނުލިބޭ ވާހަކައެއް، ޕްރޮސިކިއުޓަރ ޖެނެރަލަކަށްވެސް ނުދެއްކޭނެއެވެ.

މީގެ އަނެއް މިސާލަކީ، ކަނޑައެޅިގެން ފެންނަން އޮތް ރޭޕުގެ މައްސަލަތަކެވެ. ރޭޕް ކުރުމުގެ މައްސަލައެއްގައިވެސް ކުށް ސާބިތު ކުރަން ދައުލަތުން ޑީއެންއޭ ހުށަހަޅައެވެ. ޑީއެންއޭ ހެކި ކޯޓަށް ބަލައިގަތުމުގެ ނަތީޖާއަކީ، ރޭޕްކޮށްގެން ވިހާފައިވާ ކުއްޖާގެ ނަސަބު ސާބިތުވުމެއް ނޫނެވެ. ނަސަބު ސާބިތުކުރުމަށް އޮންނަނީ މުޅިން އެހެން އިޖުރާއާތެކެވެ. އެއީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ދައުރެއްވެސް ނޫނެވެ.

ނިންމުން

މިމައްސަލައިގައި ޑީއެންއޭ ބަލައި ނުގަނެވޭނެކަމަށް ހައިކޯޓުން ނިންމަވާފައިވާ ނިންމެވުމުގެ މިސްރާބު ހުރީ ދައުލަތުން ހުށަހެޅި ކަމާ ދިމާލަކަށް ނޫނެވެ. އެމިސްރާބު ރަނގަޅުވިނަމަ، ޑީއެންއޭއާބެހޭ ގޮތުން ސުވާލެއް އުފެދޭނެ ޖާގައެއް ނޯތީހެވެ.

ޚުލާޞާއަކީ، ޑީއެންއޭއަކީ މިމައްސަލައިގައިވެސް އަދި އެހެން މައްސަލަތަކުގައިވެސް ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންކުރެވޭނެ ހަރުދަނާ ޤަރީނާއެކެވެ. އެނޫން ގޮތަކަށް ހައިކޯޓުގެ ޙުކުމުގައެއްވެސް ނެތެވެ. ފަތުވާ މަޖިލީހުގެ ފަތުވާގެ ދެވަނަ ބައިގައި އޮތީ، “އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިނުވާ ބޮޑެތި ޖަރީމާތައް ހިންގާ މީހުން ހޯދުމުގައި ޑީއެންއޭ ޤަރީނާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެކަމަށް ފިޤުހު ޢިލްމުވެރިން ވިދާޅުވެފައިވާ” ކަމަށެވެ. އެހެންކަމުން، ޤާނޫނީ ޒިނޭ ސާބިތުކުރުމަށް ޑީއެންއޭ ބޭނުން ކުރެވިދާނެކަމަށް ޚުދު ފަތުވާ މަޖިލީހުންވެސް އެއްބަސްވެއެވެ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments